ފޮރިން މިނިސްޓްރީގެ އިމާރާތް މަރާމާތު ކުރުމަށްފަހު މާދަމާ ހުޅުވަން ތައްޔާރުވެއްޖެ އެވެ.
އެ މިނިސްޓްރީއިން މިއަދު ބުނީ އެ އިމާރާތް މަރާމާތުކޮށް ނިމިފައިވުމުން މާދަމާއިން ފެށިގެން މަސައްކަތްތަކާއި ހިދުމަތްތައް މިނިސްޓްރީގެ އިމާރާތަށް ބަދަލު ކުރާނެ ކަމަށެވެ.
ވަގުތީ ގޮތުން މިނިސްޓްރީގެ މަސައްކަތްތައް ކުރިއަށްގެންދިޔައީ މާލޭގައި ހުންނަ ހުޅުމާލެ ފެރީ ޓާމިނަލް ސަރަހައްދުގައި ހަދާފައިވާ ވަގުތީ އިމާރާތެއްގަ އެވެ.
ފޮރިން މިނިސްޓްރީގެ އިމާރާތް މަރާމާތު ކުރީ ޗައިނާ ސަރުކާރުގެ އެހީގައި ޗައިނާގެ ޝަންހާއީ ކޮންސްޓްރަކްޝަން ގްރޫޕުންނެވެ. އިމާރާތުގެ މަރާމާތުގެ މަސައްކަތްތައް ނިންމާލުމަށްފަހު އެ އިމާރާތް ސަރުކާރާ ހަވާލު ކުރީ މިދިޔަ އަހަރުގެ ޑިސެމްބަރު 31 ވަނަ ދުވަހު އެވެ. މަރާމާތުގެ މަސައްކަތް ފެށީ 2019 އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގަ އެވެ.
ފޮރިން މިނިސްޓްރީ އިމާރާތުގެ ނަން މިހާރު ވަނީ ކުރީގެ ފޮރިން މިނިސްޓަރު ފަތުހުﷲ ޖަމީލަށް ހާއްސަކޮށްފަ އެވެ. 27 އަހަރު ވަންދެން ރާއްޖޭގެ ފޮރިން މިނިސްޓަރުކަން ކުރެއްވި ފަތުހުﷲ ޖަމީލުގެ ނަންފުޅަށް މިނިސްޓްރީގެ އިމާރާތުގެ ނަން ހާއްސަ ކޮށްފައިވާއިރު މިހާރު އެ އިމާރާތަށް ކިޔަނީ "ފަތުހުﷲ ޖަމީލް ބިލްޑިންގ" އެވެ.
ފަތުހުﷲ އަކީ ދިވެހި ތާރީހުގައި އެންމެ ގިނަ ދުވަސްވަންދެން ފޮރިން މިނިސްޓަރުކަން ކުރެއްވި ބޭފުޅާއެވެ. އަދި އެއް މިނިސްޓްރީއެއް އެންމެ ގިނަ ދުވަހު ހިންގެވި ބޭފުޅަކީ ފަތުހުﷲ އެވެ. މާޗް 1، 2012 ގައި އަވަހާރަވެފައިވާ ފަތުހުﷲ އަކީ ދައުލަތުން އަރުވާ އެންމެ ޝަރަފުވެރި ލަގަބުތަކުގެ ތެރޭގައި ހިމެނޭ ނިޝާން އިއްޒުއްދީނުގެ އިތްޒަތްރެރި ވެރިޔާގެ ލަގަބު ލިބިވަޑައިގެންފައިވާ ބޭފުޅެކެވެ.