ޕީޕީއެމް

ޕީޕީއެމަށް މެމްބަރުން އިތުރު ކުރަން ކެމްޕޭނެއް

އިދިކޮޅު މައި ޕާޓީ، ޕީޕީއެމަށް މެމްބަރުން އިތުރު ކުރަން ހާއްސަ ކެމްޕޭނެއް ފަށައިފި އެވެ.

އިދިކޮޅު ކޯލިޝަންގެ ފަރާތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީޕީއެމްގެ ސްޕޯކްސްޕާސަން ހީނާ ވަލީދު ވިދާޅުވީ އެ ކޯލިޝަންގެ އަންހެނުންގެ ހަރަކާތުގެ ފަރާތުން "މަވެސް ޕީޕީއެމް" ގެ ނަމުގައި މިއަދު ފަށާ ކެމްޕޭނަކީ އެޕާޓީއަށް މެމްބަރުން އިތުރު ކުރުމަށާއި ޕާޓީގެ ސިޔާސީ ހަރަކާތްތައް އިތުރު ކުރުމަށް ފަށާ ކެމްޕޭނެއް ކަމަށެވެ.

މި ކެމްޕޭން އަންނަ އޯގަސްޓް މަހުގެ ނިޔަލަށް ކުރިއަށް ގެންދާއިރު އަމާޒަކީ އެ މުއްދަތުގެ ތެރޭގައި 10،000 މެމްބަރުން ހަމަ ކުރުން ކަމަށް ހީނާ ވިދާޅުވި އެވެ. މި ހަރަކާތް ފަށަނީ މީގެ ކުރިން ވެސް މި ނަމުގައި ކެމްޕޭނުތައް ހިންގަމުން އައިސް ކޮވިޑް-19 އާއި ގުޅިގެން މަޑުޖައްސާލުމަށް ފަހު އެވެ.

"މިކަމަކީ އަޅުގަނޑުމެންގެ ސިޔާސީ ހަރަކާތްތައް އިތުރު ކުރުމަށް އަދި ރައީސް ޔާމީން މިނިވަންކޮށް 2023 ވަނަ އަހަރުގެ އިންތިހާބުގައި އެމަނިކުފާނު ރިޔާސަތަށް ގެނައުމަށްޓަކައި އަޅުގަނޑުމެން ކުރާ މައްސައްކަތްތަކަށް އިތުރު ފޯރިޔަކާ އިތުރު ޖޯޝެއް ގެނައުމަށް އަންހެނުންގެ ހަރަކާތުގެ ފަރާތުން އިސްނަގައިގެން ކުރާ މަސައްކަތެއް،" ހީނާ ވިދާޅުވި އެވެ.

މި ކެމްޕޭން މާލެ އާއި އަތޮޅުތަކުގެ ހުރިހާ ރަށެއްގައި ކުރިއަށް ގެންދާނެ އެވެ. ކެމްޕޭން ކުރިއަށް ދާނީ ޕާޓީގެ މެމްބަރުން ޓީމްތަކަށް ބަހާލައި ގޭގެއަށް ޒިޔާރަތް ކޮށްގެންނެވެ. ހީނާ ވިދާޅުވީ މެމްބަރުން ގޭގެއަށް ޒިޔާރަތް ކުރާނީ އެއީ ޕާޓީގެ މެމްބަރުންކަން އެނގޭނެހެން ހާއްސަ ޓީޝާޓެއް ނުވަތަ ފާހަކާ އެކު އެވެ.