ރައީސް އަބްދުﷲ ޔާމީން

ޔާމީން ހާޒިކުރީ އަސާސެއް ނެތް މައްސަލައެއްގައި

ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ފުލުހުންގެ އިދާރާއަށް ހާޒިރުކޮށްފައިވަނީ ތަހުގީގުކޮށް ނިމި ދައުވާކުރަން ޕީޖީއަށް ފޮނުވާފައިވާ މައްސަލައެއްގައި ކަމަށް ވިދާޅުވެ އެމަނިކުފާނުގެ ވަކީލުންގެ ޓީމުގައި އިސްކޮށް ހުންނެވި ކުރީގެ ނާއިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ފާޑުވިދާޅުވުމާއެކު ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.

ރައީސް ޔާމީން ފުލުހަށް ހާޒިރުކޮށްފައިވަނީ މިއަދު މެންދުރުފަހު 2:00 ގައެވެ.

ޖަމީލް ވިދާޅުވީ ރައީސް ޔާމީން ފުލުހަށް ހާޒިރުކޮށްފައިވަނީ އެމަނިކުފާނަށް އަމާޒުކޮށް ނުޙައްގުން އަސާސެއްނެތި ސަރުކާރުން ހިންގާ ހަރަކާތްތަކުގެ ތެރެއިން ކަމަށެވެ. އަދި މިއަދު އެމަނިކުފާނު ހާޒިރުކޮށްފައިވަނީ ކުރިން ތަހުގީގުކޮށް ނިމި ދައުވާ ކުރަން ޕީޖީއަށް ފޮނުވާފައިވާ ވ. އާރަށާ ގުޅިގެން ކަމަށް ވިދާޅުވިއެވެ. ޖަމީލް ވަނީ އަސާސެއް ނެތް މައްސަލާގައި އިދިކޮޅު ލީޑަރު ފުލުހަށް ހާޒިރު ކުރުމުން ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އަދި އެކަމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވިއެވެ.

އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ތެރެއިން ލިބިވަޑައިގެންނެވި އެއް މިލިއަން ޑޮލަރު ރައީސް ޔާމީންގެ އެކައުންޓަށް ޖަމާކޮށް އެ ފައިސާ ބޭނުންކުރައްވައިގެން މަނީ ލޯންޑާ ކުރި ކަން ސާބިތުވެ އެމަނިކުފާނު މިވަގުތު ވެސް ގެންދަވަނީ ފަސް އަހަރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ.

އެކަމަކު ރައީސް ޔާމީންމިވަގުތު ހުންނެވީ ގޭބަންދުގަ އެވެ. އެމަނިކުފާނު ގެއަށް ބަދަލުކުރީ މިދިޔަ އޭޕްރީލް މަހުގެ 29 ވަނަ ދުވަހު އެވެ.