ލައިފްސްޓައިލް

ކިޔަވައިދޭން ޖަމަލުގައި ދަތުރުކުރާ ޓީޗަރުން!

އިންޑިޔާގެ ރަށް ފުށުގެ ހިސާބުތަކުގައި އުޅޭ ގިނަ ކުދިން މިހާރު ތިބީ ކިޔެވުމުން މަހްރޫމްވެފަ އެވެ. ކޮވިޑް-19 އިގެ ބަލިމަޑުކަމާ ގުޅިގެން ސްކޫލްތަކާއި މަދަރުސާތަކުގައި ކިޔަވައިދިނުން ހުއްޓާލައި އޮންލައިންކޮށް ކިޔަވައި ދޭތީ އެވެ. ފަގީރު ގިނަ އަވަށްތަކުގައި އިންޓަނެޓުގެ ޚިދުމަތް ނުލިބޭއިރު އެ ހިދުމަތް ލިބޭ ހިސާބުތަކަށް ގޮސް ކިޔަވަން ސްމާޓް ފޯނެއް ގަނެދޭކަށް ވެސް މީގެ ތެރެއިން ގިނަ ކުދިންގެ މައިންބަފައިންނަކަށް ނުލިބެ އެވެ.

އެމީހުންގެ ގިނަ ދަރިވަރުންތަކެއް ކިޔެވުމުގެ މަހްރޫމް ވާތީ ބައެއް ޓީޗަރުން ވަރަށް ހިތްވަރު ކޮށްފައި އެކުދިންނަށް ކިޔަވައިދޭން އެކި ކަހަލަ ގޮތްގޮތަށް މަސައްކަތްކުރެ އެވެ. ރާޖަސްތަނުގެ ސްކޫލެއްގައި ކިޔަވައިދޭ މި ޓީޗަރުންނަކީ ވެސް އެފަދަ ބައެކެވެ.

އެމީހުން ޖަމަލުގައި ރާޖަސްތާނުގެ ހަނަފަސް ސަހަރާތަކުން ދަތުރުކޮށް ދަރިވަރުންގެ ގާތަށް ގޮސް އެ ކުދިންނަށް ކިޔަވައިދިނުމުގެ މަސައްކަތް ކުރެ އެވެ. މިއީ ވަރަށް އުނދަގޫ އަދި ބުރަ ކަމެއް ނަމަވެސް އެމީހުންގެ ދަރިވަރުންގެ ތެރެއިން އެއްވެސް ކުއްޖަކަށް ތައުލީމު ނުލިބި ހުރުމަކީ މި ޓީޗަރުން ހިތްހަމަޖެހޭ ކަމަކަށް ނުވާތީ ކޮންމެ ދުވަހަކު ވެސް އެ މީހުން މިހާ ދިގު އަދި އުނދަގޫ ދަތުރެއް ކޮށްފައި ކުދިންނާ ހަމަޔަކަށް ދަނީ އެވެ.