ލައިފްސްޓައިލް

ލޯފަން ޓީޗަރެއް، ފަގީރު ކުދިންނަށް އެހީވުމުގައި ނަމޫނާ ދައްކަނީ

އިންޑިޔާގެ ކޮޒިކޮޑޭގައި ދިރިއުޅޭ ސްކޫލް ޓީޗަރެއް ކަމަށްވާ މުހައްމަދު މުސްތަފާ ޕީޓީއަކީ ލޮލުގެ ފެނުމުން މަހްރޫމް ވެފައިވާ މީހެކެވެ. ނަމަވެސް ލޯފަންވުމަކީ އޭނާގެ ކިޔަވައިދިނުމަށާއި އޭނާގެ ކައިރިއަށް ކިޔަވަން އަންނަ ފަގީރު ކުދިންނަށް ގެދޮރުބިނާކޮށްދީ އެކުދިންގެ ދިރިއުޅުމުގެ ހާލަތު ރަނގަޅު ކޮށްދޭން އޮތް ހުރަހެއް ކަމަކަށް މުސްތަފާ ނުދެކެ އެވެ.

ކެރެލާ ސަރުކާރުންދޭ "ބެސްޓް ޓީޗާ" އެވޯޑު 2012ގައި ލިބިފައިވާ މުސްތަފާ، 48، އޭނާގެ ދިރިއުޅުމުގެ ހުރިހާ ވަގުތެއް ހުސްކޮށްފައިވަނީ އެހެން މީހުންގެ ޚިދުމަތުގަ އެވެ. ކިޔަވައިދޭ ވަގުތުތައް ފިޔަވައި ދެން ގިނަ ވަގުތު އޭނާ އުޅެނީ އޭނާ ކިޔަވައިދޭ ދަރިވަރުންގެ ތެރެއިން ބޯހިވާކަމެއްނެތް ކުދިންނަށް ބޯހިޔާވަހިކަން ހޯދައިދިނުމުގެ މަސައްކަތުގަ އެވެ. ބައެއް ކުދިންގެ ގޭގޭގެ ފުރާޅު ނެތުމުން އެ ގޭގޭގެ ފުރާޅު ލާދިނުމުގެ މަސައްކަތް އޭނާ ކޮށްދެ އެވެ. އަދި ބިތްތައް ހަލާކުވެފައި ހުންނަ ގޭގޭގެ ބިތްގަނޑު ލައިދެއެވެ.

ފާއިތުވީ ފަސް އަހަރުތެރޭ ކިޔަވައިދީގެންނާއި އެނޫން ގޮތްގޮތުން ލިބުނު ހުރިހާ ފައިސާއެއް މުސްޠަފާ ޚަރަދުކުރީ އޭނާގެ ކައިރިން ކިޔަވާ ފަގީރު ކުދިންގެ ހާލަތު ރަނގަޅު ކޮށްދިނުމަށެވެ. އަދި އެވަރުން ނުފުދޭތީ ފަންޑް ލިބޭނެ އެކި ކަހަލަ ކަންކަން އިންތިޒާމްކޮށްގެން ވެސް އޭނާ ފައިސާ ހޯދާ މި ކުދިންނަށް ގެދޮރު އަޅައިދިނުމަށް ޚަރަދުކުރެ އެވެ. އެގޮތުން ކޮޒިކޮޑޭގެ މީންޗަންދާގައި ހުންނަ ގަވަރުމަންޓް ވޮކޭޝަނަލް ހަޔާ ސެކަންޑަރީ ސްކޫލްގެ ހަ ކުއްޖަކަށް އޭނާ ވަނީ ގެދޮރު އަޅައިދީފަ އެވެ. އަދި ހަތްވަނަ ގެ އެޅުމުގެ މަސައްކަތް މިހާރުވެސް ކުރިޔަށް އެބަދެ އެވެ.

ހަތް ވަނަ އަށް އޭނާ މިހާރު މަސައްކަތްކުރަމުންދާ ގެއަކީ މިސްކީނު، ކުޑަ ދެ އަންހެންކުއްޖެއްގެ ގެއެވެ. އެ ކުދިންގެ ބައްޕަ ވަނީ އެ ކުދިން ވަރަށް ކުޑައިރު މަރުވެފަ އެވެ. އެހެންވެ ވަންނާނެ ތަނެއް ނެތި މަގުމަތި ވެފައި ވަނިކޮށް މި ކުދިންނަށް ގެދޮރު އަޅައިދިނުމުގެ މަސައްކަތް މުސްތަފާ ފެށީ އެވެ.

"އަހަރެން ގަބޫލުކުރާ ގޮތުގައި ރަނގަޅު ޓީޗަރަކީ އޭނާ ކިޔަވައިދޭ ކުދިންގެ އިހްސާސްތައް ރަނގަޅަށް ދަންނަ ޓީޗަރުން. އެކުދިން އުޅޭ ހާލު އެނގޭ ޓީޗަރުން. އަހަރެންނަށް ލޮލުގެ ފެނުން ލިބިފައި ނުވިޔަސް އަހަރެން ކިޔަވައިދޭ ކުދިންގެ އުނދަގޫތައް ދެނެގަނެ އެކުދިންގެ ހާލަތު ރަނގަޅުކޮށްދިނުމަށް އަޒުމުގައި މި މަސައްކަތްކުރަނީ،" ކެރަލާގެ ނައްލަމް އަށް ނިސްބަތްވާ މުސްތަފާ ބުންޏެވެ.

މިކަމަށްޓަކައި މުސްތަފާ އުފައްދާފައިވާ "އަނޫގުރަހާ ބަވަން ޕްރޮޖެކްޓް"އަށް އޭނާގެ ކުރީގެ ދަރިވަރުންނާއި އަދި މިފަދަ އިންސާނީ ޚިދުމަތަށް އެހީތެރިކަން ފޯރުކޮށްދޭ މީހުންގެ އެހީ ލިބެމުން ދެއެވެ.

ފަގީރު ކުދިންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ މަސައްކަތް މުސްތަފާ އަށް ފެށުނީ އޭނާ ގްރޭޑް 9 ގައި ކިޔަވައިދިން އަންހެން ކުއްޖަކަށް ދިމާވި މައްސަލައަކާ ގުޅިގެންނެވެ. އެއީ 2017 ވަނަ އަހަރެވެ. އޭނާ ދިން އެސައިންމަންޓެއް މި އަންހެންކުއްޖާ އަށް ފުރިހަމަ ނުކުރެވުނެވެ. އެއީ ވަރަށް ވިއްސާރަ ވެސް ދުވަސްވަރެކެވެ.

"އަހަރެން އެ ކުއްޖާ ކައިރި އެހިން ކީއްވެހޭ އެސައިންމަންޓް ފުރިހަމަ ނުކުރީ. އެ ކުއްޖާ ބުނި ގޭ ފުރާޅުން ވާރޭ ވެހި އޭނާގެ ހުރިހާ ނޯޓްފޮތްތައް ތެމި ހަލާކުވިއްޔޭ. އެ ކުއްޖާގެ ހާލާ މެދު އަހަރެން ވަރަށް ދެރަވި. އަދި އޭނާގެ ގެޔަށް ދިއުމުން އެ އާއިލާ އުޅޭ ފަގީރު ނިކަމެތި ހާލު އަހަންނަށް އިހްސާސް ކުރެވުނު،" މުސްތަފާ ބުންޏެވެ.

އަދި މި އަންހެންކުއްޖާ ފަދަ ވަރަށް ގިނަ ކުދިން އަދިވެސް ހަމަ މިފަދަ ހާލެއްގައި ކިޔަވަމުންދާކަން މުސްތަފާ އަށް ވަރަށް އަވަހަށް އެނގުނެވެ. މި ކުދިންނަށް ގެދޮރު ބިނާކޮށްދިނުމުގެ މަސައްކަތް އޭނާ ފެށީ އެހިސާބުންނެވެ.

ފުރަތަމަ ފަންޑް ލިބުނީ ވެސް ވަރަށް މަދުންނެވެ. ބައެއް މީހުން ސިމެންތި ބަސްތާ ކޮޅެއް ގެނެސްދިނެވެ. އަނެއް ބަޔަކު އިމާރާތްކުރާނެ އެހެން ބައެއް ތަކެތި ދިނެވެ.

ވަރަށް ކުޑަކޮށް ފެށުނު މި މަސައްކަތުން ހަ ގެ ބިނާކޮށް ނިންމުނީ ސަރުކާރުގެ އެކި އިދާރާތަކަށް މުސްތަފާ ސިޓީ ފޮނުވައިގެން އެ އިދާރާތަކުން ލިބުނު އެހީތެރިކަމާ ވެސް އެކުގަ އެވެ.

އެހެން މީހުންނަށް އެހީތެރިވުމަށް މުސްތަފާގެ ހިތުގައި އޮންނަ ލޯބީގެ އިތުރުން އޭނާ ބޭނުންވަނީ ލޮލުގެ ފެނުން މަހްރޫމް ވެފައި ތިބޭ މީހުންނާއި އެނޫންވެސް ތަފާތު ނުކުޅެދުންތެރިކަން ހުންނަ މީހުންނަކީ ވެސް މުޖުތަމައުގައި ފައިދާ ހުރި ބަޔަކަށް ވެވިދާނެކަން މިސާލުން ދައްކާށެވެ.