ލައިފްސްޓައިލް

މިއީ އާދައިގެ އޮޓޯ ޑްރައިވަރެއް ނޫން!

މީހަކު ކުރާ މަސައްކަތަކުން ނުވަތަ ހެދުން އަޅާ ގޮތަކުން އެއީ ކާކުކަން ވަޒަން ނުކުރާށޭ އިހުގެ މީހުން ބުނެ އުޅެ އެވެ. އިންޑިޔާގެ ބެންގަލޫރޫގައި އުޅޭ ނިކީތާ އައްޔަރް ކިޔާ ރިސާޗަރަކަށް އޮޓޯ ޑްރައިވަރަކާ ބައްދަލުވެ ކުރެވުނީ މި ކަހަލަ ތަޖުރިބާ އެކެވެ.

އެންމެ ފުރަތަމަ ނިކީތާ އެންމެ ހައިރާންވީ މި އޮޓޯ ޑްރައިވަރު އިނގިރޭސިން ވާހަކަ ދައްކާލެއް މޮޅުކަމުންނެވެ. ސޯޝަލް މީޑިއާގައި ނިކީތާ ވަނީ އޭނާއާއި މި އޮޓޯ ޑްރައިވަރު ބައްދަލުވީ ގޮތާއި އެ ބައްދަލުވުމުގައި ދިމާވި ކަންތައްތައް ހިއްސާ ކޮށްފަ އެވެ. މި ޕޯސްޓު އެތައް މިލިއަން ބަޔަކު ބަލާފައިވާއިރު މި ވާހަކައަށް ކިޔުންތެރިން ބޮޑު ތަރުހީބެއް ދީފައި ވެއެވެ. އަދި މިއީ އެންމެންނަށް ވެސް އިބުރަތެއް ލިބިދޭނެ ވާހަކައެއް ކަމަށް މި ޚަބަރަށް ކޮމެންޓުކުރި މީހުން ބުނެފައި ވެއެވެ.

ނިކީތާ ލިޔެފައިވާ ގޮތުގައި ހައިވޭއެއްގެ މެދުގައި އެ ދުވަހު އޭނާ ހުރީ ޓެކްސީއެއް ނުލިބިފަ އެވެ. އެވަގުތު އޮޓޯ ޑްރައިވަރަކު އައިސް އޭނާއަށް ލިފްޓެއް ދޭން ހުށަހެޅި އެވެ. ނިކީތާގެ އޮފީސް ހުންނަނީ އެ ސިޓީ ނިމޭ ހިސާބުގަ އެވެ. އަދި އެ ވަގުތު އޭނާ އޮފީހަށް ގަޑި ޖެހެން ވަނީ ވަރަށް ކައިރިވެފަ އެވެ.

އޮޓޯ ޑްރައިވަރު އައިސް އޭނާއާ ވަރަށް ރީތިކޮށް އިނގިރޭސި ބަހުން ވާހަކަ ދެއްކި އެވެ. އަދި އޭނާއަށް ދޭން ފެންނަ ވަރަކަށް ފައިސާ ދިނަސް މައްސަލައެއް ނެތް ކަމަށް ވެސް ބުންޏެވެ.

އޮޓޯ ޑްރައިވަރަކަށް އެހާ ރީތިކޮށް އިނގިރޭސިން ވާހަކަ ދައްކަން އެނގުނީ ކިހިނެއްތޯ ނިކީތާގެ ހިތާހިތާ ވަގުތުން ސުވާލު ކުރެވުނެވެ. އެހިސާބުން ނިކީތާގެ އޮފީހަށް ދިއުމަށް ކުރި 45 މިނިޓްގެ ދަތުރުގައި އޭނާއަށް މި އޮޓޯ ޑްރައިވަރުގެ ވަރަށް ގިނަ ވާހަކަތައް އެނގުނެވެ.

ޕަޓާބީ ރަމަން ނަމަކަށް ކިޔާ 74 އަހަރުގެ މި ފިރިހެންމީހާ ނިކީތާ ކައިރީ ބުނި ގޮތުގައި އޭނާއަކީ މުމްބައި ޔުނިވަސިޓީގެ އިނގިރޭސި ލެކްޗަރާއެއްގެ ގޮތުގައި މަސައްކަތް ކޮށްފައިވާ ޓީޗަރެކެވެ. އޭނާގެ އަތުގައި ކިޔަވައިދިނުމުގެ ރޮނގުން ބެޗްލާޒް ޑިގްރީ އާި މާސްޓާޒް ޑިގްރީ ވެސް އޮތް ކަމަށް އެމީހާ ބުންޏެވެ. އެހިސާބުން ދެން ނިކީތާ ކުރާނެ ސުވާލު ވެސް އޮޓޯ ޑްރައިވަރަށް އިހްސާސް ކުރެވުނެވެ.

"އަހަރެންނަށް އެނގޭ އޭނަ އަހާނެކަން އޮޓޯ ރިކްޝާ ދުއްވަނީ ކީއްވެހޭ؟ އަހަރެން ބުނިން އަހަރެން އޮޓޯ ޑްރައިވަރަކަށް އުޅޭތާ 14 އަހަރު ވެއްޖޭ. އަހަރެން އޭގެ ކުރިން އުޅުނީ މުމްބައިގެ ކޮލެޖެއްގައި ޓީޗަރަކަށޭ. ނަމަވެސް ކަރްނާޓަކާ އަށް ބަދަލުވީ ފަހުން އެއްވެސް ތަނަކުން ޓީޗަރެއްގެ ވަޒީފާ ނުލިބުނޭ. އެއީ އަހަރެންނަކީ ދަށް ނަސްލެއްގެ މީހަކަށް ވާތީއޭ. އެހެންވެ 60 އަހަރުގައި އަމިއްލައަށް ރިޓަޔާ ވެގެން އޮޓޯ ޑްރައިވަރުކަން ކުރަން ފެށީއޭ،" އެމީހާ ކިޔައިދީފައި ވެއެވެ.

އެ މީހާ ބުނި ގޮތުގައި އޭނާގެ ރަށުގައި ޓީޗަރުންނަށް މާ ރަނގަޅު މުސާރައެއް ނުލިބެ އެވެ. އެމީހުންގެ އެވްރެޖް މުސާރަ އުޅެނީ 10،000 އާއި 15،000 އާ ދެމެދުގައި ކަމަށާއި އޮޓޯ ދުއްވައިގެން އޭނާޔަށް ދުވާލަކަށް 700-1500 ރުޕީސް ލިބޭ ކަމަށެވެ.