ނިޔާޒް ޕަންކާޖޭއަކީ އިންޑިއާގެ ކަރްނާޓަކާގެ މެންގަލޫރޫގެ ވަޒަންވެރިއެކެވެ. އޭނާއަށް ގްރޭޑް 1 އަށް ވަދެވުނުއިރު މައިންބަފައިންގެ ކިބައިގައި ފޮތް، ފަންސުރާއި ދަބަސް ގަނެވޭ ވަރުގެ ތަނަވަސްކަމެއް ވެސް ނެތެވެ. އެހާވެސް އެ އާއިލާ ފަގީރެވެ. ނަމަވެސް އޭރު އެންމެ ހަ އަހަރުގެ ނިޔާޒަށް އެކަމުން ހިތްދަތިކަމެއް ނުލިބުނެވެ. އަދި ކިޔެވުމަށް އޭނާގެ ހިތުގައި އޮތް ލޯތްބަކަށް ވެސް ގޯސް އަސަރެއް ނުކުރި އެވެ.
އޭގެ ބަދަލުގައި އެހާ ކުޑައިރުވެސް އޭނާގެ އަޒުމަކަށްވީ އަމިއްލަ މަސައްކަތުން ފައިސާ ހޯދައިގެން ނަމަވެސް ކިޔަވާށެވެ. އެ އަޒުމުގައި އޭނާ އަވަށްޓެރިންގެ ގޭގެޔަށް ހިނގައި އެ ގޭގޭގައި ކުރަން ހަވާލު ކުރި ކޮންމެ މަސައްކަތެއް ކޮށްގެން ފައިސާ ހޯދަން ފެށި އެވެ. އަދި ސްކޫލަށް ބޭނުންވާ ޚަރަދުތައް އަމިއްލައަށް ކުރަން ފެށި އެވެ.
އޭރުން ފެށިގެން މިހާތަނަށް ވެސް ނިޔާޒު ކިޔެވީ ގޭގޭގައި މަސައްކަތް ކޮށްދީގެނެވެ. އުމުރުން މިހާރު 29 އަހަރު ފުރިފައިވާ ނިޔާޒު ކިޔެވުމަށް ކުރި ދަތުރު މިދިޔަ ހޮނިހިރު ދުވަހު ނިންމާލީ މެންގަލޯ ޔުނިވަސިޓީން ކޮމާސްގެ ރޮނގުން ޕީއެޗްޑީ ހާސިލު ކުރުމަށް ފަހުގަ އެވެ.
ނިޔާޒުގެ ބައްޕައަކީ ބަލި މީހެކެވެ. އެހާ ބަލި ހާލުގައި ވެސް އޭނާ މަސައްކަތު މީހެއްގެ ގޮތުގައި ތަންތަނުގައި މަސައްކަތް ކުރަމުން ދިޔަ އެވެ. ދެމަފިރިންނަށް ލިބިފައިވާ އަށް ދަރިން ބެލުމަށް މަންމަ ޒުބައިދާ ފައިސާ ހޯދަނީ ބިޑި އަނބުރައިގެންނެވެ.
"ހަތަރު އަންހެންކުދިންނާއި ހަތަރު ފިރިހެން ކުދިން ތިބި އާއިލާގެ އެންމެ ހަގީ އަހަރެން. އަހަރެން އަބަދުވެސް ޓީޗަރަކަށް ވާން ބޭނުންވި. އަދި ބަނޑުހައިހޫނު ކަމަކީ އަހަރެންގެ ހުވަފެންތައް ހަގީގަތަކަށް ހެދުމަށް ދިމާވާނެ އެންމެ ބޮޑު ހުރަސްކަން އަބަދުވެސް އަހަރެންނަށް ވިސްނޭ. އެހެންވެ އެންމެ ކުޑައިރުއްސުރެ މަސައްކަތް ކޮށްގެން ފައިސާ ހޯދައިގެން ކިޔަވަން އަހަރެން ހުރީ ތައްޔާރަށް،" ޓައިމްސް އޮފް އިންޑިއާ އަށް ދިން އިންޓަވިއު އެއްގައި ނިޔާޒް ބުންޏެވެ.
މަސް ވިއްކުމުން ފެށިގެން ރޭނުމުގެ މަސައްކަތާއި އޮޓޯ ޑްރައިވަރެއްގެ މަސައްކަތް ވެސް ފާއިތުވީ 24 ވަރަކަށް އަހަރުގެ ތެރޭގައި ނިޔާޒު ކޮށްފައި ވެއެވެ.
"ގްރޭޑް 1 ގައި އުޅުނުއިރު އަހަރެން ދަނީ އަވަށްޓެރިންގެ ގޭގެޔަށް ނޯކިރީ ކޮށްދޭން. އިމާރާތްކުރާ ތަންތަނުގައި ވެސް އެކި ކަހަލަ މަސައްކަތްތައް ކުރިން. އަދި ހައި ސްކޫލްގައި ކިޔެވިއިރު ނޫސް ބަހާ މީހަކަށް ވެސް އުޅުނިން. އަދި ހަނޑޫ ދަނޑުތަކުގައި ވެސް މަސައްކަތް ކުރިން،" ނިޔާޒު ބުންޏެވެ.
ކޮމާސް އިން މާސްޓާޒް ޑިގްރީ ނިޔާޒު ހާސިލުކުރީ ސެންޓް އެގްނެސް ކޮލެޖުންނެވެ. އަދި 2016 ގައި ޕީއެޗްޑީއަށް ކިޔަވަން ފެށީ އެވެ.
ނިޔާޒު ބުނި ގޮތުގައި އޭނާ ޕީއެޗްޑީއަށް ކިޔެވީ ލިބުނު ސްކޮލަޝިޕެއްގަ އެވެ. ނަމަވެސް ދުވަހަކުވެސް ވަގުތަށް އޭނާއަށް ފައިސާއެއް އެ ސްކޮލަޝިޕް ސްޕޮންސާ ކުރި ފަރާތުން ޖަމާކޮށެއް ނުދެ އެވެ. އެހެންވެ ޕީއެޗްޑީގެ ފަހު ދެ އަހަރު ވެސް އޭނާ ވަނީ މަސް ވިއްކުމުގެ މަސައްކަތް ކޮށްގެން ފައިސާ ހޯދާފަ އެވެ. އަދި ރާނާ މީހެއްގެ ގޮތުގައި ވެސް ތަންތަނުގައި މަސައްކަތް ކުރި އެވެ.
އެ ފަހަރަކު ޖެހުނު މަސައްކަތެއް ކޮށްގެން އާމްދަނީ ހޯދަން ޖެހިފައި ވިޔަސް ނިޔާޒު ދުވަހަކުވެސް އޭނާގެ ކޮލެޖަށް ދިއުމުގައި ފަރުވާކުޑައެއް ނުކުރެ އެވެ. ޕީއެޗްޑީއަށް ކިޔެވި ފަސް އަހަރުވެސް އޭނާ ބަރާބަރަށް ގަވާއިދުން ކިޔަވަން ދިޔަ އެވެ. ކޮލެޖަށް ދިޔައިރު އޭނާ ހެނދުނު 7.00 އިން 9.00 އަށް އޮޓޯ ޑްރައިވަރަކަށް މަސައްކަތް ކުރެ އެވެ. ދެން ކޮލެޖަށް ގޮސް ކިޔަވާފައި ހަވީރު 4.00 އިން 8.00 އަށް އަނެއްކާވެސް އޮޓޯ ޑްރައިވަރެއްގެ ގޮތުގައި މަސައްކަތް ކުރަނީ އެވެ.
މިހާރު ނިޔާޒު އަކީ ސްރީނިވާސް ޔުނިވަސިޓީގެ އެސިސްޓެންޓް ޕްރޮފެސާ އޮފް ކޮމާސްގެ ގޮތުގައި މަސައްކަތްކުރާ ޓީޗަރެކެވެ. އޭނާ މިހާތަނަށް 25 ރިސާޗް ޕޭޕާ ޕްރެޒެންޓްކޮށްފައި ވެއެވެ.