މާލޭ ސިޓީ ކައުންސިލް

ފްލެޓް ލިބުނު މީހުން މާލޭގެ ދަފްތަރުން އުނިކުރަނީ

މާލޭގެ ދަފްތަރުގައި ޖެހިފައި ތިބި މީހުންގެ ތެރެއިން ސަރުކާރުގެ ހައުސިން މަޝްރޫއަކުން ފްލެޓް އަދި ގޯތި ލިބިފައި ތިބި މީހުން ދަފްތަރުން އުނިކުރުމަށް މާލެ ސިޓީ ކައުންސިލުން ނިންމައިފި އެވެ.

މޭޔަރު ޑރ. މުހައްމަދު މުއިއްޒު މިއަދު ޓްވީޓެއް މެދުވެރިކޮށް ވިދާޅުވީ ސަރުކާރުގެ މަޝްރޫއުތަކުން ފްލެޓް އަދި ގޯތި ލިބުނު ފަރާތްތައް ދަފްތަރުން އުނިކުރަން ނިންމައި އަދި މައިމުޅަވެފައިވާ މީހުން ދެނެގަތުމަށް އެމީހުންގެ ފަރާތުން މައުލޫމާތު ހިއްސާކުރުމަށް ހުޅުވާލަން ނިންމާފައިވާ ކަމަށެވެ.

މައިމުޅަވުމަކީ އަންހެން ދަރީގެ ދަރިންނަށް މާމަ ނުވަތަ ކާފަގެ މުދަލުން މުދާ ނުލިބުމެވެ.

މާލޭގެ ދަފްތަރުގައި މީހުން ޖެއްސުން މިހާރު ވަނީ މެދުކަނޑާލާފަ އެވެ. އެ މަސައްކަތް މެދުކަނޑާލާފައިވަނީ މާލޭގެ ދަފްތަރުގައި ޖެހިފައިވާ ރައްޔިތުންނަށް ގެދޮރުގެ މައްސަލަ ހައްލުކުރާނެ ގޮތުގެ މަގުޗާޓެއް އެކުލަވާލެވެންދެން އަދި ދަފްތަރުގައި ޖެއްސުން ހަރުދަނާ ނިޒާމެއްގެ ދަށަށް ގެނެވެންދެން ކަމަށް މުއިއްޒު ކުރިން ވަނީ ވިދާޅުވެފަ އެވެ.

މުއިއްޒު ވިދާޅުވީ މާލޭގެ ދަފްތަރުގައި ޖެހިފައިވާ ރައްޔިތުންނަށް ގެދޮރުގެ މައްސަލަ ހައްލުކުރާނެ ގޮތުގެ މަގުޗާޓެއް އެކުލަވާލުމަށް ސަރުކާރާއެކު މަސައްކަތް ކުރައްވާނެ ކަމަށެވެ.

ދަފްތަރުގައި ތިބި މީހުންގެ ތެރެއިން މިހާތަނަށް ގެދޮރު ލިބިފައިވާ މީހުންނާއި ނުލިބޭ މީހުން ދެނެގަނެ އަދި ގެދޮރު ނެތް މީހުންނަށް ގޯތިގެދޮރު ލިބޭނެ ގޮތްތަކެއް ހޯދަން ޖެހޭ ކަމަށް މީގެ ކުރިން މުއިއްޒު ވަނީ ވިދާޅުވެފަ އެވެ.

ދަފްތަރުގައި 17،000 އާ ގާތްކުރާ އަދަދެއްގެ މީހުން ޖެހިފައިވެ އެވެ.