ލައިފްސްޓައިލް

އެންމެ ސެކްސީ ފިރިހެނަކަށް ޑޭވިޑް ބެކަމް ހޮވައިފި

Nov 18, 2015

އެންމެ ސެކްސީ ފިރިހެނަކަށް އިންގްލެންޑްގެ ކުރީގެ ފުޓްބޯޅަ ތަރި ޑޭވިޑް ބެކަމް ހޮވައި ޕީޕަލް މަޖައްލާގެ "ސެކްސިއެސްޓް މޭން އެލައިވް" ގެ ޝަރަފް އޭނާ އަށް އަރުވައިފި އެވެ.

"ދިރިހުރި އެންމެ ސެކްސީ ފިރިހެނަކަށް" އުމުރުން 40 އަހަރުގެ ބެކަމް ހޮވާފައިވާއިރު އޭނާ އަކީ މިހާރު ވެސް ފުޓްބޯޅަ ދަނޑުތަކާ ވަރަށް ރައްޓެހި މޫނެކެވެ. އެގޮތުން މިދިޔަ ހޮނިހިރު ދުވަހު ވެސް ޗެރިޓީ މެޗެއްގައި ދަނޑަށް އެރި އެވެ.

އިންގްލެންޑްގެ މެންޗެސްޓާ ޔުނައިޓެޑުން ވިދާލި ބެކަމް ފުޓްބޯޅައިގެ ސުޕަސްޓާރަކަށް ބަދަލުވީ އުމުރުން 18 އަހަރުގަ އެވެ. އެއަށް ފަހު ސްޕެއިންގެ ރިއަލް މެޑްރިޑްގައި ވެސް މަޝްހޫރު އަކި ކާމިޔާބު ދުވަސްތަކެއް ހޭދަކުރި އެވެ.

އެމެރިކާގެ ލޮސް އެންޖެލިސް ގެލެކްސީއާ ބެކަމް ގުޅުނީ 2007 ވަނަ އަހަރު އެވެ. އެއަށް ފަހު ހަ އަހަރު ވަންދެން ފުޓްބޯޅަ ކުޅުމަށް ފަހު އޭނާ ވަނީ އެންމެފަހުން ޕްރޮފެޝަނަލް ފުޓްބޯޅަ ހުއްޓާލައިފަ އެވެ.

ބެކަމް އަކީ ފުޓްބޯޅައިގެ ދަނޑުގައި އޭނާ ހޯދާފައިވާ މަޝްހޫރުކަން އޭނާގެ ޒާތީ ދިރިއުޅުމުގައި ވެސް ލިބިފައިވާ ފަރާތެކެވެ. އެގޮތުން "ސްޕައިސް ގާލްސް" ގެ ކުރީގެ ތަރި ވިކްޓޯރިއާއާ ކައިވެނިކުރުން ވެގެން ދިޔައީ ބެކަމްގެ މަޝްހޫރުކަން މައްޗަށް އަރައިގެން ދިޔަ ކަމަކަށެވެ.

ބެކަމް އާއި ވިކްޓޯރިއާ އަށް ހަތަރު ކުދިން ލިބިފައިވާއިރު ބެކަމްއާ އެއްވަރުގެ މަޝްހޫރުކަމެއް އެންޖޯއިކުރަމުން އަންނަ އޭނާގެ އެންމެ މަޝްހޫރު ދަރިއަކީ ބްރޫކްލިން ބެކަމް އެވެ. "އެންމެ ސެކްސީ" ފިރިހެނަކަށް ޕީޕަލް މަޖައްލާ އިން ބެކަމް މި އަހަރު ހޮވުމުން ސަމާސާއަކަށް ހޮވައިގެން ބެކަމް ބުނެފައި ވަނީ އަސްލު މި މަގާމު މިއަދު ލިބެން ޖެހޭ މީހަކީ ވެސް ބްރޫކްލިން ކަމަށެވެ.

"އަހަންނަކަށް ދުވަހަކު ވެސް ގަބޫލުކުރެވިފައެއް ނެތް އަހަރެން މިއީ އެހާ ރީތި، މީހުން ޝައުގުވެރިވާ ވަރުގެ މީހެއް ކަމަކަށް. ސެކްސީ މީހެއް ކަމަކަށް. ރީތި ހެދުމާއި ކޯޓު ހެދުން ނުލާ ވާހަކައެއް ނޫން. އެގޮތަށް ހެދުން އަޅާ ހިތްވާ މީހެއް އަހަންނަކީ. އެކަމަކު ވެސް ސެކްސީ މީހެއް ކަމަށް ގަބޫލެއް ނުކުރަން،" ޕީޕަލް މަޖައްލާ އަށް ދިން އިންޓަވިއުއެއްގައި ބެކަމް ބުނެފައިވެ އެވެ.

ޕީޕަލް މަޖައްލާގެ "ސެކްސިއެސްޓް މޭން އެލައިވް" ގެ ޝަރަފް މިދިޔަ އަހަރު ލިބުނީ ހޮލީވުޑްގެ އެކްޓަރު ކްރިސް ހެމްވޮތަށެވެ.