ވާހަކަ

ސިއްތާ

(8 ޖުލައި 2021 އާ ގުޅޭ)

ލައިޒަލްގެ ދިރިއުޅުމުން އެތައް އަހަރުތަކެއްވީއިރު ވެސް ފެންނަ ހަމައެކަނި އަންހެންކުއްޖަކީ އޭނާއަށް ވީމައެވެ. ތަންތަނަށް ގެންގޮސްދިނުމާއި ބަލާ އައިސްދީ ހެދުމަކީ ލައިޒަލް ހަމައެކަނި އުޝާއަށް ކޮށްދޭ ކަންކަމެވެ. ހާއްސަ މުނާސަބާ ތަކާއި ގުޅުވައި ހަދިޔާދޭ މީހަކު، ލައިޒަލް ނޫނީ އުޝާގެ ނުހުރެއެވެ. ކަމެއްޖެހިއްޖެނަމަ ލައިޒަލް ކައިރީ ބުނެލުމާއެކު އެކަމެއް އޭނާ ކޮށްދޭނެއެވެ. ކޮންމެ ގަޑިއަކު ގުޅިޔަސް ލައިޒަލް އޭނާގެ ފޯނުކޯލު ނަގާނެއެވެ.

ކެފޭ "ކޭވް"ގެ ކޮފީ ކައުންޓަރު ތެރޭ "ބަރިސްތާ" އެއްގެ ވަޒީފާ އަދާކުރަން ހުރީ އެތަނުގެ ވެރީންގެ ގޮތުގައި ހިއްސާވާ ދެ މީހުންކުރެ އެކަކުކަމެއް، ކެފޭއަށް އައިސް ތިބި އެކަކަށް ވެސް ނޭނގެއެވެ. ގިނަ މީހުން ދަންނަނީ ޔަމާނެވެ. ތަނުގެ ވެރިޔަކީ ވެސް އޭނާކަމުގައި ހީކުރެއެވެ. އެހެންވެ ކޮފީތައްޔާރު ކުރުމުގައި އުޅޭ އީހާނަކީ އެ މަގާމަށް މިފަހަކުން ވައްދާފައި ހުރި ސްޓާފެއްކަމަށް އެމީހުން އެ ތިބެނީ ނިންމައިގެންނެވެ.

"ތީނަގެ އުޝާތަ އެ ދިޔައީ. އޭނާ އާ ބިޓެއް ނެގީތަ؟" ތަބަކުގައި ކޮފީޖޯޑުތައް އަތުރަމުން އީހާން އަހާލިއެވެ. އުޝާ ފެނުމުން ދުރުން ވެސް ވަކިކުރަން އޭނާއަށް އެނގުނެވެ. ނަމަވެސް އުޝާއާއެކު ހުރި ޒުވާނާ ވަކިކުރާކަށް އީހާނަކަށް ނޭނގުނެވެ. އެމީހެއްގެ މޫނެއް ވެސް އޭނާއަށް ފެންނަ ގޮތެއް ނުވިއެވެ.

"އެކަން ނިމިއްޖެ. އާއިލާ ނުރުހޭއިރަށް އެ ސޮރު ފިލައިފި. އޭގެ ފަހުން ހުހަށް ހުރީ. ހިނގާ އެމީހުންނަށް އިންޓްރޮޑިއުސް ކޮށްދޭނަން. އުޝާ ތިފެނުނީ ކިހާ ދުވަހެއް ފަހުން. އޭނާއަށް އީހާން އެނގޭނެ. ދެން އެދިޔައީ އެމީހެއްގެ ވާހަކަ އެންމެ ގިނައިން ދެއްކޭ، މަގޭ އެންމެ ގާތް ބަޑީ." ޔަމާނު ބުންޏެވެ.

"އުޝާ ނޯޅޭނެ ދޯ، އަނެއްހެން އަހަރެމެންނަކީ ރައްޓެހިންނޭ ބުނާހާ ކައިރި ބައެއް ނޫން، އޭނާ އެހާ ވާހަކައެއް ނުދައްކާނެ... އެހެންނޫނަސް އެއީ ޔާނުގެ ރައްޓެހިން." އެމީހުންނާ ބައްދަލު ކުރަން ދިއުމުގެ ވިސްނުމެއް އީހާންގެ ނެތެވެ.

"އަހަރެންގެ ރައްޓެހިންނާ އީހާން މީޓުކުރީމައެންނު ރައްޓެހިކަން އުފެދޭނީ. ހިނގާބަލަ! އުޝާ ވެސް ވާހަކަދައްކާނެ ގިނަގިނައިން ފެންނަން ފެށީމަ." ޔަމާނު އެދުނެވެ. ނަމަވެސް އީހާނު ބޯހޫރުވާލީއެވެ. އެހެން ފަހަރަކުންނޭ އޭނާ ބުނެލީ ޝައުގުނެތީމަ އެވެ. އީހާނަށް ނޭނގޭ ރައްޓެހިން ޔަމާނުގެ ގިނައެވެ. ހަމަ އެފަދައިން ކުރީގަ އީހާނުގެ ވެސް ރައްޓެހިން ބައިވެރި ތިއްބެވެ. ނަމަވެސް މިހާރު އޭނާގެ ހުރި ހަމައެކަނި ރަހުމަތްތެރިއަކީ ޔަމާނެވެ.

ކެފޭތެރޭގައި އެރޭގެ ބޭންޑުގެ މިއުޒިކު ކުރިޔަށް ދިޔައިރު ތަނުގައި ހުރި ކަރޯކޭ ބޫތުތައް ވަނީ ފުރިފައެވެ. ޔަމާނު އައިސް ވަނީ އެންމެ އެތޭރޭގައި ހުރި ބޫތަށެވެ. އޭނާގެ ފަހަތުން ދޮރު ލައްޕާލުމާއެކު ކަނާއަތް މަތީ ގެނައި ތަބަށް އެތަނުގައި ހުރި މޭޒުގެ މަތީ ބަހައްޓާލިއެވެ. ބިތްތަކުގައި ޖައްސައިގެން ހަދާފައި ހުރި ދިގު ގޮނޑީގެ ކުރިމަތީ ހުރީ އެފަދަ ދިގު މޭޒެކެވެ. އެއްފަރާތުން ތަނަށް ވަދެވޭ ދޮރު ހުންނައިރު، އިންވެގެން އިސްޕެންޖު ޖެހި ދިގު ގޮނޑިބަރި ދެކަން ދިމާވާ ގޮތަށް ދެބިތުގައި ވިއެވެ. އުނދަގުލެއް ނެތި ހަ މީހުންނަށް އެތާ ތެރޭ ތިބެވޭނެއެވެ. ހުސް ޖާގައެއް ނުބަހައްޓާ ޖެހި ޖެހިގެން ތިބޭނަމަ އެއިން ކޮޓަރިއަކަށް އަށް މީހުންނަށް ވަދެ ތިބެވިދާނެއެވެ. ގޮނޑިތަކުގެ ކުރިމަތީ ހުރި ބިތުގައި މިޒަމާނުގެ ބޮޑު ފަތި ޓީވީއެއް ހަރުކޮށްފައި ހުއްޓެވެ. ތަނުގައި ދިއްލާފައި ހުރި ބޮކިން މާބޮޑު އަލިކަމެއް އެތަނުގައި ނެތެވެ. ނަމަވެސް މުޅިތަން ހުޅުދާންވީހެން ހީވީ ޓީވީ ހުޅުވާލުމުންނެވެ. ޒުވާނުންގެ މެދުގައި އެއީ މަގުބޫލު ކެފޭއެކެވެ. އަބަދުހެން އޮންނަނީ މީހުންނާއިގެން ފުރިފައެވެ. ހާއްސަކޮށް ރޭގަނޑު މުޅިން ތަން އޮންނަނީ ތޮއްޖެހިފައެވެ. ދެ ފަންގިފިލާއަށް ހާދާފައި ހުންނައިރު މަތީގައި ހުންނަނީ ކަރޯކޭ ބޫތުތަކެވެ. ތިރިން ފެންނަނީ އާންމު ކެފޭތަކުން ފެންނަ ފަދަ މާހައުލެކެވެ. ބޭންޑުތަކަށް ހުސްކުރެވިފައިވާ ޖާގަ ނޫނީ ގޮނޑިމޭޒު ތަކުން ތަޅުން ފުރާލެވިފައި ވެއެވެ. ކޮފީ ބޯން ބޭނުންވާ މީހުންނަށް ހަމައެކަނި ކޮފީ ކައުންޓަރު ދޮށުގައި ތިބެގެން ކޮފީ ބޯލެވޭނެ ގޮތް ހަމަޖެހިފައި އޮވެއެވެ. ޓޭކްއަވޭގެ ގޮތުގައި އެތަނުގެ ކޮފީތަކާއި ބުއިންތައް ކެފޭގެ ބްރޭންޑް ފެންނަން ހުނަން ތަށިތަކުގައި ލިބެން ހުރެއެވެ. ހުރިހާ ވަގުތެއްގައި ވެސް ތަންފެންނަނީ ހަލަބޮލިކޮށެވެ.

ލައިޒަލްގެ ވައަތް ފަރާތުން އުޝާ އިނެވެ. އޭގެ އަނެއް ފަރާތުން ޔަމާނު އިށީނެވެ. ލައިޒަލްއާއި ޔަމާނު ބައްދަލުކޮށް ހެދި ނަމަވެސް އުޝާއާ އެ ދެ މީހުން ބައްދަލުނުވާތާ ދުވަސްތަކެއް ވެއްޖެއެވެ.

"ރިދާ ނުގެންނަންތަ؟" ލައިޒަލް އަހާލިއެވެ.

"އޭނަގެ ރައްޓެހިންނާއެކު މިރޭ ބޭރަށް ގޮސްވީ. ލަވައެއް އަޅުވަންވީތަ؟" ރިމޯޓު އަތަށް ލައިގެން އިން ޔަމާނުގެ ނަޒަރު ވެސް ހުރީ އިސްކުރީނަށް ހުއްޓިފައެވެ.

"މޫޑެއްނެތް..." ލައިޒަލް ބުނެލިއެވެ. އޭނާ ކޮފީޖޯޑު ނަގައި ތުނބުގައި ޖައްސާލިއެވެ. ހޫނުވީމާ ކޮފީތަށިން އެތި ފޮދެއް ބޯލެވޭވަރެއް ނުވިއެވެ. ނަމަވެސް ދުލުކުރީގައި ޖެހުނީތީ ރަހަލައިފިއެވެ.

"މިކޮޅަށް އައިއިރު ވެސް އަހަރެން ހިތަށް އެރި މީނައަށް ކަމެފައޭ އިނީ." ލައިޒަލްގެ ވާހަކައާ ގުޅާ އުޝާ ބުނެލިއެވެ.

"މާބުރައީތަ؟ މިރޭ ހާދަ އަވަހަށް ޕްރެކްޓިސް ނިންމާލީ." ޔަމާނު ސުވާލުކޮށްލިއެވެ.

އެކަކު ކައިރީ ވެސް ލައިޒަލްއަށް ވެގެން އުޅޭ ގޮތެއް ނުބުންޏެވެ. އޭނާއަށް އަންހެން ކުއްޖަކު ފެނިގެން އައިސްގެން އުޅޭ ބަދަލެއްކަން ދެނެގަންނާކަށް ޔަމާނާއި އުޝާއަކަށް ނޭނގުނެވެ. އެމީހުން ކިތަންމެ ގާތް ނަމަވެސް ލައިޒަލް އަންހެންކުއްޖެއްގެ ވާހަކައެއް މިހާތަނަށް ދައްކާފައި ނުވާތީ އެކަހަލަ ކަމަކަށް ވެދާނޭކަން ހިތަށް ވެސް ނޭރީއެވެ.

"ކޮފީ ބަދަލުވީތަ؟" ޖޯޑު ތިރިކޮށްލަމުން އުޝާ އަހާލިއެވެ.

"ނުދެކެންތަ؟ ކޮފީ ކައުންޓަރުގަ ހުރީ އީހާނޭ." ޔަމާނު ބުނެލީ ހިނިއައިސްފައެވެ. އުޝާ ވަކިއެއްޗެއް ނުބުންޏެވެ. ހީވީ އެ ހަމަހިމޭންކަމުގައި އޭނާ ކޮންމެވެސް ކަމަކާ ވިސްނާލީ ހެންނެވެ.

"މަބުނީ..."

"އަދި ނުބުނަމެންނު." އީހާން ވާހަކައެއް ފަށަން އުޅުނު ހިނދު ލައިޒަލް ބުނެލިއެވެ. އެކުވެރިޔާގެ ސަމާސާއިން ޔަމާނު ހިނިއައެވެ. ލައިޒަލްގެ ކޮނޑުގައި އަޅައި ކޮއްޕާލިއެވެ. އޭނާ އަރިއަށް ގޮސް ޖެހުނީ އުޝާގެ ގައިގައެވެ.

"ބުނާށޭ މިއުޅެނީ." ޔަމާނު ބުނެލިއެވެ.

"ދެން ބުނަންވީނު." ފަނޑު ހިނިތުންވުމަކާއެކު ސީރިއަސްކަން އެކުލެވޭ ރާގެއްގައި ލައިޒަލް ބުނެލިއެވެ.

"ތާސްޓޭ ނައިޓްގަ އަންނަންވީނު. ތި ދެމީހުން... އީހާންމެން ކްރައުޑް އަންނާނެ ހުކުރުވިލޭރޭ. ކަރޯކޭ ޖައްސާލަން ސަޅިއެއްނު. މީހުން ގިނަވީމަ ހެސްކިޔާފަ މަޖަވާނެ." ޔަމާނު ފާޅުކުރީ އޭނާ ދުވަސްތަކެއް ވަންދެން ހިޔާލު ކުރަމުން އައި ކަމެކެވެ. އުޝާއާއި އީހާންގެ އިތުރުން ރިދާ ވެސް އެކަކުއަނެކާ ތިބީ ބައްދަލުވެފައެވެ. އެމީހުންނާ ދުވަހަކުވެސް ބައިވެރި ނުވާ މީހަކަށް ހުރީ ލައިޒަލްއެވެ. އެކަމަކު އޭނާގެ އަޑުގައި ހުރި ފެންވަރާއި މިއުޒިކާއި ލައިޒަލްއާ ހުރި ގުޅުން ޔަމާނަށް ރަނގަޅަށް އެނގެއެވެ. އެއީ އޭނާއެކޭ އެއްފަދައިން ރިދާއަށް ވެސް އެނގޭ ކަމެކެވެ.

"ނާދެވޭނެ." ލައިޒަލް ވަގުތުން ބުނެލިއެވެ.

"ކީއްވެއޯ؟" ލައިޒަލްގެ ކޮނޑުގައި ހިފައި އަނބުރާލީ އުޝާއާ ނަޒަރު ސީދާކޮށްލުމަށެވެ. އޭރު ޔަމާނު ވެސް އިނީ އުޝާ އެކުރި ސުވާލަށް ޖަވާބު ބޭނުންވެފައެވެ.

"އެރޭ ބިޒީ. ހަފުލާއެއް އެބައޮތް... އޭތި ކެންސަލެއް ނުކުރެވޭނެ. ކޮންމެހެން ވެސް ދާންޖެހޭ." ލައިޒަލް ބުނެލިއެވެ.

"ރިސޯޓުގަ؟" އުޝާ އަހާލިއެވެ.

"މިކޮޅު މާލޭގަ. މިއުޒިކު އިވެންޓެއް ނޫން. އޮފީސް ކަމެއް." އުޝާ އިތުރު ސުވާލުތަކެއް ކޮށްފާނެތީ ލައިޒަލް ތަފްސީލުކޮށްލަ ދިނެވެ.

އީހާންއާ ވާހަކަދައްކާފައި ހަފްތާ ބަންދު ރޭތަކުން ރެއަކަށް ހަމަޖައްސެމުގެ ވިސްނުން ޔަމާނުގެ ވިއެވެ. ދުވަހެއް ވަގުތުން ލައިޒަލްއާއި އުޝާ ކައިރީ އޭނާ ނުބުނީ އެހެންވެއެވެ. އުޝާގެ ދިރިއުޅުމަށް ޔަމާނު ޝައުގުވެރިވިއެވެ. ދެމީހުން ދިމާނުވާތާ ދުވަސްތަކެއްވެފައި ވާތީ އުޝާގެ ޚަބަރުދަބަރު އޮޅުންފިލުވާން ޔަމާނު އަވަސްވެލިއެވެ.

* * * * *

ހަފްތާގެ ދުވަސްތައް ފާއިތުވަމުން ދިޔައެވެ. ހިޔާލު ކުރަން ބޭނުން ނުވިޔަސް ބޭއިޚްތިޔާރުގައި ނީރާގެ ހިޔާލަށް ސަވާރުވަނީ އެ ސޫރައެވެ. ދުވާލަކު އެތައް ފަހަރަކު އޭނާއަށް ލައިޒަލްގެ ނަން ކިޔާލެވެއެވެ. އެ ދުވަހުގެ ފަހުން އޭނާއާއި ލައިޒަލް ބައްދަލެއް ނުވެއެވެ. އެކަމާމެދު ނީރާއަށް ވިސްނެނީއެވެ. އެ ދުވަހު އޭނާ ނީރާއާ އެހާވަރުން ވާހަކަދައްކަން މަސައްކަތް ކުރީ ކީއްވެބާއޭ އުފެދުނު ސުވާލަށް އަދިވެސް ޖަވާބެއް ނުލިބެއެވެ. ފަހުން ބައްދަލުވާނޭ ކަމަށް ނީރާއަށް އުންމީދު ކުރެވުނީ ގަސްދަކާ ނުލައެވެ. އީހާނުގެ ވާހަކަތަކުން އޭނާއަށް ގަބޫލު ކުރެވިފައި އޮތް ގޮތުގެ ސަބަބުންނެވެ. ލައިޒަލްގެ ގަސްދަކީ ނީރާއާ ވާހަކަދެއްކުން ކަމަށްވާނަމަ އޭނާ ހަމައެކަނި އެންމެ ބައްދަލުވުމަކަށްފަހު ބޭނުންވީ ކަންތައް ހާސިލުނެގެން ގޮތްދޫކޮށެއް ނުލާނޭ އޭނާ ހީކުރިއެވެ. ނަމަވެސް ކަންތައް މިވީ ހީކުރެވުނު ގޮތާ މުޅީން އިދިކޮޅަށެވެ. އެސޯސިއޭޝަންގެ ތެރެއިން އޭނާއާ ބައްދަލުކުރާ ލައިޒަލެއް ނާދެއެވެ. އެތަނުގައި އުޅޭތީއެއް ވެސް ނުފެނެއެވެ.

"ކޮންކަމަކަށް ގެއްލިފަ؟" ޓީޗަރުން ތިބޭ ބަޔަށް އައިސް ނީރާގެ މޭޒުދޮށުގައި މަޑުކޮށްލައި އޭނާގެ ކޮނޑުގައި ދާލިޔާ ކޮއްޓާލިއެވެ. ދާލިޔާއަކީ އިވުން ގެއްލި ދުލުގައި މައްސަލައެއް ހުރެ ވާހަކަދައްކަން ދަތިވާ އަންހެންކުއްޖެކެވެ. އުފަންވީއިރު ވެސް ހުރި މައްސަލައަކަށް ވާތީ އޭނާ "ސައިންލޭންގުއޭޖް" ދަސްކުރީ އުމުރުން ވަރަށް ހަގު އިރުއެވެ. ތަނުގައި އުޅޭ ހުރިހާ އެންމެންނާ ގުޅުން ބަދަހި ނަމަވެސް ދާލިޔާއާއި ނީރާއާ ދެމެދު އޮންނަނީ މާ ގާތް އެކުވެރި ކަމެކެވެ. އަތުގެ ހަރަކާތުން ނީރާ ވާހަކަދައްކަނީ އެހެންވެއެވެ. ހަމައެއާއެކު އޭނާ ދަސްކޮށްފައިވާ ބަހުރުވައަކަށްވާތީ އެތަނުގައި އުޅޭ ވަގުތުގައި ނޫނީ ފަރިތަ ކުރާން ފުރުސަތު ނުލިބޭނެތީއެވެ. އެތަނުގައި ނޫނީ އެބަހުރުވަ އެނގޭ ބަޔަކު ނޫޅެއެވެ.

"މިރެއަށް ރެޑީތަ؟ އަހަރެންގެ ހެދުން މަންމަ އިސްތިރިކޮށްފަ ދެންމެ ގުޅީ. ގަޔަށް ވަރަށް ހެޔޮވަރު." ދާލިޔާ ކުރި ސުވާލަށް ޖަވާބެއް ނުދީ ނީރާގެ ވާހަކަ ގުޅުވާލީ އެރޭ އޮންނަ ހަފުލާއާއެވެ.

"ތިކަހަލަ މަންމައެއް ލިބުނު ނަމައެއްނު. ކިޔަވާ ނިމުނީމަ މަންމަ ބުނެފި މިހާރު އަހަރެންގެ ކަމެއް ކޮށްދޭން މަންމައަކަށް ނުޖެހޭނެއޯ، އަހަރެން ބޮޑުވެއްޖެޔޯ." ދާލިޔާ ބުންޏެވެ.

"މައި މަމް އިޒް ދި ބެސްޓް. މިބޮޑު ޔުނިވާސްގަ ނުހުންނާނެ. އައި ވޯންޓް ޝެއާ ހާ... އެއުޅޭ އީހާނުގަނޑު ނޫނީ." ނީރާ ހީނލަމުން ގޮނޑިން ތެދުވިއެވެ. އަތްދަބަސް ތައްޔާރުކޮށްލުމާއެކު ދާލިޔާގެ އަތުގައި ހިފާލިއެވެ. އޭނާ މިސްރާބު ޖެހީ ފާޚާނާއާ ދިމާއަށެވެ. ދެ ކުދީން ގެއަށްދާން ނުކުތުމުގެ ކުރީން ފާހާނާއަށް ވަނުމަކީ އާދައެކެވެ. މޫނުގެ ތާޒާކަން ގެއްލިފައި ތިބޭ ބަޔަކުހެން އެތަނުން ނުކުމެގެން ދާން ބޭނުންނުވާތީ އެވަގުތަކީ އެމީހުން ފަރިވާން ހޭދަކުރާ ވަގުތުކޮޅެކެވެ.

"މިރޭ ވަރަށް ގިނަ މީހުން އަންނާނެ، ކުރިން އާދެވިއްޖެއްޔާ މަޑުކުރައްޗޭ. އަހަންނާ އެއްކޮށް ހޯލަށް ވަންނާނީ." ގޭޓު ކައިރިން ދެ އެކުވެރީން ވަކިވުމުގެ ކުރީން ދާލިޔާ ބުންޏެވެ. ކުރީން އާދެވޭ މީހަކު މަޑުކުރާނަން ކަމަށް އެމީހުން އެއްބަސްވެ ވަކިވިއެވެ.

އަހަރީ ދުވަހަށް ވާތީ އިމާރާތުގެ ބޭރާއި އެތެރެ ޒީނަތްތެރިކޮށްފައި ހުރީ ބޮކިފަތި ތަކުންނެވެ. ގޯތި ތެރޭގައި ހުރި ގަސްތައް ވެސް ހުރީ ދިއްލާލައިފައެވެ. ހަފުލާ ފެށޭ ގަޑިއެއްކަމުގައި ކަނޑައަޅާފައި އޮތީ އަށެއް ޖަހާއިރެވެ. އޭގެ ކުރީން ހަފުލާގެ އިންތިޒާމުތައް ބަލަހައްޓަން ހަވާލުވެފައި ތިބި ސްޓާފުން ތަނަށް އައިސް އެމީހުންގެ މަސައްކަތައިގެން އުޅެއެވެ.

ދަޢުވަތު އެރުވިފައިވާ މެހެމާނުންނާއި ތަނުގެ މުވައްޒަފުން ހުޅުވާފައި ހުރި ގޭޓުން ވަންނަމުންދިޔައެވެ. އެ އެންމެން ޖަމާވެ ހަމަޖެހެމުން ދިޔައީ ހުސްކޮށް އޮންނަ މާލަމުގައެވެ. އެތަނުގައި މޭޒުޖަހާފައި ހުރީ ފަސް މީހުންގެ ގުރޫޕަށް އިށީނދެވޭނެ ހެންނެވެ. ސްޓާފުންގެ ހިޔާލު އެއްގޮތް ނުވުމުން ފަހުވަގުތާ ހަމައަށް ވެސް ހެދުން ފެހުމުގައި އެންމެން އެއް ފޮއްޗެއް ބޭނުންކުރާ ގޮތަށް އެއްބަހެއް ނުވެވުނެވެ. ގިނަ މީހުން ބޭނުންވަނީ ކުލަ ދިމާވާނޭހެން އެމީހެއްގެ އަމިއްލަ ހޮވުމެއް ހަފުލާއަށް ލައިގެން އަންނާށެވެ. އެހެންވެ ތަފާތު ފަރުމާތަކުގެ ހަވީރީ ހެދުންތައް ފެނެއެވެ. ނޭވީ ބްލޫއަކީ އެންމެން ޚިޔާރުކުރުމަށް އެންގި ކުލައެވެ. ނަމަވެސް މާލަމުގެ ތެރެއިން ނޭވީ ބްލޫއާ ގާތްކުރާ ޝޭޑުތައް ފެންނަމުންދިޔައެވެ. އެ ތަފާތުކަމުގައި ރީތި ހިތްގައިމު ގޮތެއް ހުއްޓެވެ.

ގޭޓުން ވަންނަން އައި ލައިޒަލް ހުރީ ފޯނުގައެވެ. އޭނާގެ ލޮލުގައި ދުވާރު ކައިރިއަށް މަޑުކޮށްފައި އޮތް ކާރުން ފޭބި ނީރާ އަޅައިގަތެވެ. ހިނގުން މަޑުކޮށްލެވުނީ ގަސްދަކާނުލައެވެ. ގަދަނޫކުލައިގެ "އޭ ލައިން" އަތްކުރު ހެދުން ހުރީ ނީރާގެ ކަށިމައްޗާ ހަމައަށެވެ. އުނަގަނޑާ ދިމާގައި ޓައީއެއް ޖަހާފައިވާ ބެލްޓެއް އަޅާލައިފަ ހުއްޓެވެ. މަތީބުރިއާއި ދެއަތުގައި މިނަލުގެ މަސައްކަތް ކޮށްފައި ހުއްޓެވެ. ތިރީބުރި ހުރީ ހެދުމުގެ ފޮތިގަނޑުގެ މަތީން މާޖެހި ލޭސްފޮތި ގުޅުވާފައެވެ. ހުޅިއެއްހެން ހަރުކޮށްފައިވާ ނީރާގެ އިސްތަށިގަނޑުން ފެށިގެން އަރާފައި ހުރި ރަންކުލައިގެ އުސް ފައިވާނަށް ލައިޒަލްގެ ނަޒަރު ހިންގާލެވުނެވެ. ހަމައެވަގުތު ކާރު ކައިރިން އެނބުރި ހިނގައިގަތް ނީރާގެ ނަޒަރު ލައިޒަލްއާ އަމާޒުވެލުމާއެކު އޭނާ ވެސް ހުއްޓިއްޖެއެވެ. ކުއްލި ޖެހިލުންވުމެއްގެ އަސަރު ނީރާގެ ދެ ލޮލާއި މޫނުން ފާޅުވެލިއެވެ. ލައިޒަލް އަވަހަށް މޫނު އަނބުރާލީއެވެ. މަޑުކުރުމެއްނެތި އޭނާ އެތެރެއަށް ވަދެގެން ދިޔައެވެ.

"އެއީ އޭނަ... ލައިޒަލް..." ނީރާއަށް ހިތާހިތުން ބުނެލެވުނެވެ.

އުސްފައިވާނުގައި ދުވާރުގެ ގާތަށްމަތިން ހަލުވި ހިނގުމުގައި ދާން އުނދަގޫވީ ނަމަވެސް ނީރާގެ ފިޔަވަޅު އަވަސްކޮށްލިއެވެ. ގޭޓުން ވަދެވުނުއިރު ލައިޒަލް ލޮލަށް އޮބާލައިފިއެވެ. އެތެރެއަށް ވަދެގެން ދާން ނީރާ ބޭނުންނުވީ ދާލިޔާއަށް ވެފައި އޮތް ވަޢުދުގެ ސަބަބުންނެވެ. އެއްފަރާތުގައި މަޑުކޮށްލުމާއެކު އޭނާ ފޯނު ނެގިއެވެ. އެކުވެރިޔާގެ ނަންބަރަށް ނުގުޅިގެން އުޅެނިކޮށް ގޭޓުން ވަން ދާލިޔާ ފެނިއްޖެއެވެ. ނީރާ އަތް ހޫރާލަންވީއިރު ވަންނަމުން ދިޔަ މީހުންގެ ތެރެއިން ދާލިޔާ އޭނާ ހުރި ތަނެއް ހޯދައިފިއެވެ. ހަފުލާ އޮތް މާލަމަށް ދެ އެކުވެރީން ވަނީ އެކީގައެވެ. އެތެރެއިން އެމީހުންނަށް ކުއްޖަކު ގޮވާލި އަޑަށް ނީރާއަށް ބަލާލެވުނެވެ. ދާލިޔާ ގޮވައިގެން ނީރާ އައިސް އިށީނީ އެ މޭޒު ދޮށުގައެވެ. ގޮނޑީގައި ފޫ ޖެހުމާއެކު ނީރާއަށް ވަށައިގެން ނަޒަރު ހިންގާލެވުނެވެ. ލައިޒަލް ފެނޭތޯއެވެ.

މެހެމާނުންގެ މޭޒުތައް އިސްޓޭޖާ އެންމެ ކައިރީގަ ހުރިއިރު، ކިޔާންގެ ކަނާއަތް ފަރާތުގައި އިން މީހަކީ ލައިޒަލްއެވެ. ލައިޒަލްގެ ކަނާއަތް ފަރާތުން މާލަމުގައި ފެންނަން ހުރި މޭޒުތަކުން މޭޒެއްގެ ދޮށުގައި އިށީން ނީރާ އެތަނަށް ވަދެގެން އައިސް މޭޒުދޮށުގައި އިށީން އިރު ވެސް އޭނާގެ ލޮލުން އެ ސޫރަ ކަސިޔާރެއް ނުވެއެވެ. ނީރާ ބަލާކަން އޭނާއަށް ފާހަގަ ކުރެވުނީ އެހެންވެއެވެ. ނަމަވެސް އެނގޭކަމަށް ލައިޒަލް ނުހެދިއެވެ. އެއްފަހަރު ވެސް އޭނާ ނީރާއާ ދިމާއަށް ބަލައެއް ނުލިއެވެ. ކުޑަވެސް އިޝާރާތެއް ނުކުރާ ތަނުގައި އެއްވެސް ސަމާލުކަމެއް އޭނާ ނީރާއަށް ނުދިނެވެ. ލައިޒަލްގެ މި ތަބީއަތްވީ ނީރާ ހައިރާންވެ އަޖައިބު ކުރުވަނިވި ޢަމަލަކަށެވެ. މަޑުމަޑުން ނީރާއަށް އަތްތިލައިގަ ފިރުމާލެވުނެވެ. އެއީ ލައިޒަލް ބީހުނު އަތްތިލައެވެ.

"އޭނާ... އަހަރެންދެކެ ލައިކްވެދާނޭ ހީކުރެވުނީ ކީއްވެ؟." އަމިއްލަ ހިތާއި ނީރާއަށް ސުވާލުކޮށްލެވުނެވެ.

"އެއީ އެއްވެސް މީހެއްނޫން، އޭނާ އަޅާނުލިޔަސް ވަރިހަމަ... އޭނާގެ ސަމާލުކަން ލިބޭތޯއެއް ނޫން މިއުޅެނީ. އައި ޑޯންޓް ކެއާ." ނީރާ ކުރި ސުވާލާއެކު ޖަވާބު ދޭން ވެސް އޭނާ އަވަސްވެލިއެވެ. ނަމަވެސް ހަގީގަތް އޮތީ އޭނާ ހިތުން ހާމަކުރި ގޮތަކަށް ނޫނެވެ. ހަފްތާ ނިމިގެން މިދިޔައީ އޭނާ ލައިޒަލްގެ މަތިން ހަނދާންނައްތާ ނުލެވިއެވެ. އެ ދެ ލޯ އަބަދު ކުރިމަތިން ފެންނަހެން ނީރާއަށް ހީވެއެވެ. ލައިޒަލް އަޅާނުލުމުން ހިތަށް ދަތިވާފަދަ ގޮތްތަކެއް ވާން ޖެހޭ ސަބަބެއް ނީރާއަކަށް ނުވިސްނުނެވެ. އެއްވެސް މުހިއްމު މީހެއްނޫނޭ ބުނެ އަމިއްލަ ހިތާއި ޟަމީރަށް ވިސްނައިދޭން އުޅޭއިރު އޭނާގެ ލޯ އަދިވެސް ހުއްޓެމުން ދިޔައީ ދުރުގައި އިން ލައިޒަލްއަށެވެ. ސޫޓްގައި ލައިޒަލް މިރޭ ފެންނަލެއް ވަކިން ތަފާތުވެފައި ފިރިހެންވަންތަކަން ނީރާގެ ހިތް ބުނަމުންދިޔައެވެ. އެކަމާ އޭނާގެ ސިކުނޑިއާއި ޟަމީރު ދެކޮޅެއް ނުހަދައެވެ.

"ބަލާބަލަ... ބާލަބަލަ ބޮސް އިން މޭޒު... އެއީ އެއްކަލަ މީހާ ދޯ. ބޮސްގެ ހާދަ ގާތް މީހެއްހެން ހީވެޔޭ." ނީރާގެ އަތަށް ދަމައިގަތުމާއެކު ދާލިޔާ އަތުގެ ހަރަކާތުން ވާހަކަދެއްކިއެވެ. އޭނާއަށް ވެސް ލައިޒަލް ފެނުނީއެވެ.

"ތި ދެމީހުން ފަހުން ކީއްކުރީ؟ މަށަށް ކިޔާ ވެސް ނުދެމެންނު... ގެއަށް ދިޔައީ އޭނާއާއެކުތަ؟" ދާލިޔާ ކުއްލިއަކަށް ލައިޒަލްގެ ވާހަކަފެށިއެވެ. އެކަމުން ނީރާއަށް އުނދަގޫވިއެވެ. އޭނާ ކަމެއް އޮޅުންފިލުވާލަން ބޭނުންވީ ކަމާއި ދެމެދުގައި އެއްވެސް ކަމެއް ނުހިނގާއޭ ބުނެ ނީރާ ދޮގު ހެދިއެވެ. ބޭނުންވީ ލައިޒަލްގެ ވާހަކަ ދެއްކުން ހުއްޓާލާށެވެ. އެ ނަން ވެސް ނުކިޔާށެވެ. އެހެންވިޔަސް އޭނާއަކަށް ބެލުން ތިރިއެއް ނުކުރެވުނެވެ. އެ ދެ ލޯ ލައިޒަލްގެ ސޫރައިގެ ސިހުރުގައި ޖެހިފައިވާ ކަހަލައެވެ. އެހެން ދިމާއެއް ބެލުމަށް ޝައުގުވެރިއެއް ނުވިއެވެ. (ނުނިމޭ)