އައިޖީއެމްއެޗް

ބޯ ވަކިވީ ކުއްޖާ ބަނޑަށް މަރުވެފައި އޮތުމުން: އައިޖީއެމްއެޗް

Jul 11, 2021

ވިހެއުމުގެ ތެރޭގައި ތުއްތު ކުއްޖެއްގެ ބޯ ވަކިވީ މައި މީހާގެ ސިއްހީ މައްސަލަތަކެއް ހުރުމުންނާއި ދަރިފުޅު ބަނޑަށް ނިޔާވެފައިވާތާ ގިނައިރުތަކެއް ވެފައިވާތީ ކަމަށް އައިޖީއެމްއެޗުން ބުނެފި އެވެ.

އައިޖީއެމްއެޗުން މިހެން ބުނެފައި މިވަނީ އެ ހޮސްޕިޓަލްގައި ރޭ މީހަކު ވިއްސުމުގެ ތެރޭގައި ދަރިފުޅުގެ ބޯ ވަކިވެފައިވާ ކަމަށް ބައެއް ނޫސްތަކުގައި ލިޔެފައިވާ ހަބަރަކާ ގުޅިގެން މިއަދު ނެރުނު ބަޔާނެއްގަ އެވެ.

މިބަޔާނުގައި ވަނީ ބަލި މީހުންގެ ތަފްސީލީ ސިއްހީ މައުލޫމާތު ހޮސްޕިޓަލުގެ ފަރާތުން ހާމަކުރުމަކީ ގާނޫނީ ކުށެއް ކަން ފާހަގަކޮށްފަ އެވެ. ނަމަވެސް ހޮސްޕިޓަލުން މިމައްސަލާގައި މައުލޫމާތު ހާމަކޮށްފައިވަނީ އާއިލާގެ ހުއްދައާއި އެކު ކަމަށް ބަޔާނުގައިވެ އެވެ.

ބަޔާނުގައިވާ ގޮތުން މައްސަލައާއި ގުޅިގެން މި ބަޔާނުގައި ހިމަނާފައިވާ މިންވަރަށް ވުރެ އިތުރަށް މައުލޫމާތު ހާމަނުކުރުމަށް އާއިލާ އިން ހޮސްޕިޓަލްގައި ވަނީ އެދިފަ އެވެ.

"ވީމާ އާއިލާގެ ހުއްދައާ އެކު މި ނޫސްބަޔާނުގައި ހާމަކޮށްފައިވާ މައުލޫމާތުގެ އިތުރުން އިތުރު މައުލޫމާތެއް ހާމަކުރެވެން ނެތް ކަމުގައި ދަންނަވަމެވެ،"

އައިޖީއެމްއެޗުން އިތުރަށް ބުނީ މިމައްސަލައިގެ ވާހަކަތައް ނޫސްތަކާއި ސޯޝަލްމީޑިއާގައި ނުދެއްކުމަށް ހޮސްޕިޓަލްގެ ޑޮކްޓަރުންނާއި ބައްދަލުކޮށް ކުއްޖާގެ ބައްޕަ އެދިފައިވާ ކަމަށެވެ.

"މިހިތާމާވެރި ދަނޑިވަޅުގައި އާއިލާގެ އެދުމަށް އިހްތިރާމު ކުރުމަށް މީޑިއާ އާއި އެހެނިހެން ފަރާތްތަކަށް ގޮވާލަމެވެ" ބަޔާނުގައި ބުނެފައިވެ އެވެ.