ހަބަރު

ސުނާމީގެ ހުރިހާ ގެތަކެއް ނިންމާ ހަވާލުކޮށްފި

Jan 15, 2015

ސުނާމީގައި ހާލުގައި ޖެހުނު މީހުންނަށް ހަދަމުން ގެންދާ ގެތައް ނިންމައި، އެ ގޭގެ ވެރިންނާ ހަވާލުކޮށްފައިވާ ކަމަށް ހައުސިން މިނިސްޓްރީން މިއަދު ބުނެފި އެވެ.

ހައުސިން މިނިސްޓްރީގައި މިއަދު ބޭއްވި ނިއުސް ކޮންފަރެންސެއްގައި ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ 2008 ގެ ސުނާމީގައި ހާލުގައި ޖެހުނު މީހުންނަށް ހަދަމުން ގެންދާ ގެތަކުގެ ތެރެއިން ގއ. ގެހަތަރު ރަށަކާއި ތ. މަޑިފުށީގައި ނުނިމި ހުރި ގެތައް ނިންމާފައިވާ ކަމަށެވެ.

"ގއ. ގެ ހަތަރު ރަށެއްގައި ނުނިމި ހުރި 298 ގެ އަކާއި ތ. މަޑިފުށީގައި ހުރި 41 ގޭގެ މަސައްކަތް ވަނީ ނިމިފައި. އިރާދަކުރެއްވިއްޔާ މިހާރަކު ރާއްޖޭގައި ސުނާމީގައި ހާލުގައި ޖެހުނު މީހުން އުޅެން ހަދަމުން ގެންދާ ގެއެއް ނުހުންނާނެ،" މުއިއްޒު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ މި މަސައްކަތް ނިންމާލެވިފައިވަނީ ގިނަ ފަރާތްތަކުން ލިބުނު އެއްބާރުލުމުގެ ސަބަބުން ކަމަށެވެ.

"މި ޕްރޮޖެކްޓް ދިގުލައިގެން ދާތީ ރައީސް ޔާމީންގެ ނިންމެވީ ހައުސިން މިނިސްޓްރީ އާއި ފިނޭންސް މިނިސްޓްރީ ގުޅިގެން މަސައްކަތްތަކެއް ކުރަން. މި މަސައްކަތުގެ ތެރޭގައި އެމްއެންޑީއެފްގެ ފަރާތުންވެސް ކޮށްދެއްވި،" މުއިއްޒު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ މި މަސައްކަތް ކުރިއަށް ދިޔައިރު ގިނަ ގޮންޖެހުންތަކާ ކުރިމަތިވި ކަމަށެވެ.

"ރަށްރަށަށް އެއްޗިހި ގެންދިއުމުގައި ވެސް ގޮންޖެހުންތައް ކުރިމަތިވި. ނަމަވެސް އަޅުގަނޑުމެން އުފާކުރަން ސުނާމީއާ ގުޅިގެން ގެދޮރު ފޯރުކޮށްދޭން ޖެހޭ ފަރާތެއް ނުހުންނާނެ،" މުއިއްޒު ވިދާޅުވި އެވެ.

މި ނިއުސް ކޮންފަރެންސުގައި ފިނޭންސް މިނިސްޓަރު އަބްދުﷲ ޖިހާދު ވިދާޅުވީ މި ގެތަކަކީ ގާތްގަނޑަކަށް މިލިއަނެއްހާ ރުފިޔާގެ ގެ ތަކެއް ކަމަށެވެ.

"މި ގެތައް ރަނގަޅަށް ބެލެހެއްޓުމަކީ ވަރަށް މުހިންމު ކަމެއް. އެހެން ނޫނަމަ ވަރަށް އަވަހަށް ގެތައް ހަލާކު ވެގެންދާނެ،" ޖިހާދު ވިދާޅުވި އެވެ.