ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާންއާ ފަލަސްތީންގެ ރައީސް މަހްމޫދު އައްބާސް ބައްދަލު ކުރައްވައިފި އެވެ. މި ދެ ބޭފުޅުން ތުރުކީގެ އިސްތަންބޫލްގައި ބައްދަލު ކުރައްވައި ފަލަސްތީންގެ ހާލަތާ ބެހޭ ގޮތުން މަޝްވަރާ ކުރެއްވި އެވެ.
ތުރުކީގެ ކޮމިއުނިކޭޝަން ޑައިރެކްޓަރޭޓުން ބުނާ ގޮތުން ދެ ބޭފުޅުންގެ އިތުރުން ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގަތީ މަދު އޮފިޝަލުންތަކެކެވެ. އުރުދުޣާންއާ އައްބާސްއަކީ ވަރަށް ގާތް ދެ ބޭފުޅުންނެވެ. އައްބާސް ތުރުކީއަށް ކުރައްވަނީ ތިން ދުވަހުގެ ދަތުރުފުޅެކެެވެ.
ކޮމިއުނިކޭޝަން ޑައިރެކްޓަރޭޓުން ބަޔާނެއްގައި ބުނެފައި ވަނީ ދެ ބޭފުޅުން މައިގަނޑު ވާހަކަތައް އަމާޒު ކުރެއްވީ ފަލަސްތީން އާރާސްތު ކުރުމާ ބެހޭ ގޮތުން ކަމަށާއި ފަލަސްތީންގެ ކުރިމަގު ބައްޓަން ވެދާނެ ގޮތަކާ މެދު އަދި ފަލަސްތީންގައި އިލެކްޝަން ބޭއްވުމާ ބެހޭ ގޮތުން ވެސް މަޝްވަރާކުރެވި ކަމަށެވެ.
އިޒްރޭލުން ފަލަސްތީންގެ ޣާޒާއަށް ދިން ހަމަލާތަކާ ބެހޭ ގޮތުން ވެސް ދެ ބޭފުޅުން މަޝްވަރާ ކުރެއްވި ކަމަށް ބަޔާނުގައިވެ އެވެ. ފަލަސްތީންގައި ދާހިލީ ހަމަނުޖެހުން ހިނގައި މަސްލަހަތު ގޯސްވުމަކީ އޮތް ވަރަށް ބޮޑު ބިރެއް ކަމަށް އުރުދުޣާން އައްބާސްއަށް ދެންނެވި ކަމަށް ވެއެވެ.
އިޒްރޭލުގެ އަމަލުތައް ހުރީ ސަރަހައްދީ މަސްލަހަތު ގެއްލޭ ގޮތަށް ކަމަށް އުރުދުޣާން ދެންނެވުމާއެކު ވިދާޅުވި ގޮތުން އިޒްރޭރު ކުޅޭނެހާ ކުޅިއެއް ކުޅެއްދެން ތުރުކީ ބަލަހައްޓައިގެން ނޯންނާނެ އެވެ.
އުރުދުޣާން ވިދާޅުވީ ފަލަސްތީންގެ ބިންތައް އިޒްރޭލުން ހިސޯރުކޮށް ފަލަސްތީންގެ ވަޒަންވެެރިން ގެދޮރުން ބޭރުކުރާހާ ހިނދަކު ސުލްހަ ގާއިމެއް ނުވާނެ އެވެ.