ސްރީ ލަންކާގައި އަނިޔާވެރި ގޮތަކަށް މަރާލާފައި އޮއްވާ ފެނުުނު ހުސެން ރަޒީން (ރަބަރޭ) ގެ ހަށިގަނޑު ޒަހަމްތަކަކާއެކު ފެނުނީ މި މަހުގެ ފަސް ވަނަ ދުވަހުގެ ހެނދުނު ޓަމްބޯ ވިލާ ބްރިޖް ކައިރިން ހަނޑޫ ދަނޑަކަށް ބޯކޮޅު ވަތަށް އެއްލާލާފައި އޮއްވަ އެވެ. އޭނާގެ ކަރުގައި ބޮޑެތި ޒަހަމްތަކެއް ހުއްޓެވެ. ކައިރީގައި ތަޅުދަނޑިފައްޗެއް އޮތެވެ. އޭނާގެ ބައެއް ތަކެތި އަދި ހަމަލަ ދިން މީހުންގެ ބައެއް ތަކެތި އުކާލާފައ ހުރީ ކޯރެއް ކަހަލަ ދެމޭ ފެންގަނޑެއްގެ ތެރެއަށެވެ.
އެއްފަޅި ލަންކާއަށް ނިސްބަތްވާ ރަބަރޭގެ ހަށިގަނޑު ފެނި، އެއީ ކާކުކަން އައިޑެންޓިފައި ކުރެވުމާއެކު ސްރީލަންކާގެ ފުހުން މައްސަލައިގެ ތަހުގީގު ފަށާއި ވީޑިއޯ ފުޓޭޖެއްގެ އެހީގައި ފުރަތަމަ ސަސްޕެކްޓް ހޯދި އެވެ.
ތުހުމަތު ކުރި މީހަކީ ލަންކާއަށް ވެސް ނިސްބަތްވާ މާލޭ، ހ. ފީރޯޒްހިޔާ ބިލާލް މުހައްމަދު އަހުމަދެވެ. އޭނާ ހޯދަން ފުލުހުން މަސައްކަތް ކުރަމުން ދިޔަ ވަގުތު އޭނާ ވަނީ މި ގަތުލުގެ ސިއްރު ދެނެހުރި އަދި ބިލާލް ކައިވެނި ކުރަން ރެޑީވެފައިވާ ކަމަށް ބުނާ އަންހެނަކާ ފޯނުން ވާހަކަ ދައްކާފަ އެވެ. ތިރީގައި މިވަނީ ބިލާލް އާއި ދިވެހި އަންހެންކުއްޖާ ދައްފައިވާ ވާހަކަތަކުގެ ޗެޓްލޮގެއް ކަމަށް ބުނާ ލޮގެއްގެ ދިވެހި ތަރުޖަމާއާއި އޭގެ ފޮޓޯ އެވެ.
ޗެޓް ލޮގުގެ ދިވެހި ތަރުޖަމާ
އަންހެން މީހާ: "ކީއްކުރަން؟"
ބިލާލް: "މީހަކު މަރާލުމުގެ މައްސަލައަކަށް!"
އަންހެން މީހާ: "އެކަމަކު އެއީ ކީއްވެ؟ އެމީހުންނަށް ކިހިނެތް އެނގެނީ އެކަން ކުރީ ކަލޭކަމެއް؟"
ބިލާލް: "އެތަނުގައި އަހަރެންގެ ވޭނުގެ ޓައިރުގެ ކުރެހުން އެޅިފައި އެބަހުއްޓޭ. އަދި [ރަޒީން] ގެ ފޯނުން އެންމެ ފަހަށް ގުޅާފައި ވަނީ ވެސް އަހަރެންގެ ފޯނަށް."
"ރަނގަޅަށް ވެސް ބޮނޑިބޮވިފަ މި އޮތީ"
އަންހެން މީހާ: "އެކަމަކު އެ ނުވެދާނެ ދޯ ހަމައެކަނި ކަލޭގެ ވޭނުގެ ފުރޮޅުގެ ނިޝާންތަކަކަށް. އެކަމަކު އެންމެ ފަހު [ކޯލުގެ މައްސަލަ ނެގިދާނެ]. އެހެންވިޔަސް އެމީހުންނަކަށް ތިހެން ކަލޭ ހައްޔަރެއް ނުކުރެވޭނެ ދޯ؟"
ބިލާލް: "ކުރެވިދާނެއޭ"
އަންހެން މީހާ: އަހަންނަކަށް ނޭނގޭ މިހާރު ތިވާގޮތެއް ބިލާލް. ކަލެއަށް އެނގޭ ދޯ [ފުލުހުން ރަޒީން] ގެ ފޯނު ކޯލުތައް ޗެކްކުރާނެކަން ވެސް.
ބިލާލް: "އެމީހުންގެ އަތުގައި އެބަހުއްޓޭ ރަނގަޅު ހެކި."
އަންހެން މީހާ: "ކޮންކަމެއްގެ ރަނގަޅު ހެއްކެއް؟"
ބިލާލް: "ހުރިހާ ކަމެއްގެ ވެސް"
މި ޗެޓް ލޮގުގައި ބައިވެރިވާ ޒުވާން އަންހެން މީހާއަކީ ވެސް ދިވެއްސެކެވެ. އޭނާ ހުރީ ސްރީލަންކާއިން ހައްޔަރުކޮށްފަ އެވެ. އަދި އޭނާއަށް އެނގިހުރި ކަންކަމުގެ ބަޔާނެއް ވެސް ވަނީ ދީފަ އެވެ. މިޗެޓް ލޮގު ނަގާފައި ވަނީ އިންވެސްޓިގޭޝަންގެ ތެރެއިން އެ އަންހެން ކުއްޖާގެ ފޯނުން ލަންކާގެ ފުލުހެކެވެ.
މި މައްސަލާގައި ބިލާލް ވެސް ވަނީ ލަންކާ ފުލުހުންނަށް އިއުތިރާފު ބަޔާނެއްދީފަ އެވެ. އަދި އެމީހުން އެ ހަމަލާއަށް ތައްޔާރުވި ގޮތާއި ބޭނުންކުރި އާލާތާއި ހުރިހާ ކަމެއްގެ ތަފުސީލް ވެސް ވަނީ ދީފައެވެ. ރަބަރޭ އެންމެ ފަހުން ގުޅާފައިވަނީ ބިލާލަށްކަން ކަށަވަރުކޮށްފައި ވަނީ އެއްލާފައި އޮތް ރަބަރޭގެ އެޕަލް ވޮޗް ބޭނުން ކޮށްގެން ފޮރެންސިކުން އެއްކުރި މައުލޫމާތުންނެވެ.
ޕްރަޝާދު ވިކްރަމަ ސިންހާ
ދެން މި މައްސަލައިގައި ހައްޔަރުކޮށްފައިވާ މީހަކީ ޕްރަޝާދު ވިކްރަމަ ސިންހާ އެވެ. އެއީ ބިލާލްގެ ވޭން ޑްރައިވަރެވެ. ހުދު ކުލައިގެ ވޭނުގެ ތެރޭގައި ރަބަރޭ ގަޔަށް އޭނާގެ ރަހުމަތްތެރި ބިލާލް ވަޅި ހަރަމުން ދިޔައިރު ރަބަރޭގައިގައި ހިފަހައްޓައި އެހީތެރިވެދިން މީހާ އެވެ.
ރަބަޜޭ މަރާލުމުގެ މި ޕްލޭން އެންމެ ފަހު މަރުހަލާއާ ހަމައަށްދާން މަސައްކަތް ކޮށް ހުރިހާ ރޭވުމެއް ރާވަމުން އަންނަތާ ހަތަރު މަސްވެޖެ އެވެ. ޖާނުން ވަރުގަދަ ޕްރަޝާދު ވިކްރަމަ ސިންހާ ވަނީ މިކަމުގައި ފުރަތަމަ ދުވަހުން ފެށިގެން ވެސް ބޮޑު ރޯލެއް ކުޅެފަ އެވެ.
ވިޔަފާރިވެރިޔާ އަކީ ކާކު؟
މި ހަމަލަ ދިން އިރު ރަބަރޭ މަރާލުމުގައި ފައިސާ ހަރަދު ކުރި ކަމަށް ބުނާ "ވިޔަފާރިވެރިޔާ" ހުރީ މާލޭގަ އެވެ. ވަރަށް ގިނަ މައުލޫމާތުތަކަށް ބުރަވެގެން ބަލާއިރު އޭނާ މިހާރު ހުރީ ދިވެހި ފުލުހުން ހައްޔަރުކޮށްފަ އެވެ. އަދި ކްރިމިނަލް ކޯޓުން 15 ދުވަހުގެ މުއްދަތު ވެސް ވަނީ ޖަހައިދީފައެވެ. ކަށަވަރެއް ނޫނެވެ.
ނަމަވެސް މާލެއިން މީހަކު ހައްޔަރު ކުރި ކަަމަކަށް ފުލުހުން އަދި ކަށަވަރު ނުކޮށްދިނުމުން، އެއީ ކޮން ނަމެއް ކިޔާ ކާކުކަން މި ރިޕޯޓްގައި ސިއްރު ކުރީ އެވެ. އަދި އޭނާގެ ފޮޓޯ ވެސް އެވަނީ ފުސްކޮށްލާފަ އެވެ.
ރަޒީން މަރާލަން އޭނާ 140 މިލިއަން ރުޕީސް (ގާތްގަނޑަކަށް 15 މިލިއަން ރުފިޔާ) ހުށަހެޅި އިރު ރަބަރޭ މަރާލާފައި ފޯނަށް ފޮޓޯއެއް ފޮނުވައި ދިނުމުން ފުރަތަމަ ޖަމާކޮށްދީފައި ވަނީ 500،000 ރުފިޔާ އެވެ.
އަވަސް އިން ބެލި ބެލުމުން މި މީހާއަކީ ވިޔަފާރިވެރިއެއްގެ ގޮތުން ދިވެހިން ލިސްޓްކޮށް އުޅޭ ދަރަޖައިގެ "ބޮޑު" މީހެއް ނޫނެވެ. އެހެން ނަމަވެސް އޭނާއާ ގުޅޭ އެންހެން ލިންކްތަކެއް ހުރި ކަމަށް ފާހަގަ ވެއެވެ. އެހެން ކަމުން މި މަރާއި ގުޅޭ، އަދި މީގެ ތެރެއިން ކުރިލައިގެން އަންނަ އެހެން ވަރަށް ގިނަ ކަންކަން އަދި ފެންމަތިވެގެން އަތުވެދާނެ ކަމަށް ފާހަގަ ކުރެވުނު ލިންކް ތަކުންނާއި ބިލާލް އާއި އަންހެން ކުއްޖާއާ ދެމެދު ފޯނުން ދެކެވިފައި ހުރި ވާހަކަތަކުގެ އެހެން ބައެއް ޗެޓް ލޮގްތަކުން ދޭހަވެ އެވެ.
އުތުރުގައި ކުރިން މީހުން އުޅުނު ސުނާމީއަށްފަހު މިހާރު ފަޅަށް އޮތް ރަށަކަށް ނިސްބަތްވާ މި މީހާ އަކީ "ހަގީގީ ބޮޑު ވިޔަފާރިއެއް" ނޫނެވެ. ނަމަވެސް އޭނާގެ ބޭބެއަކު ކުރިން "މަރާލާފައިވާ" ކަމުގެ މައުލޫމާތެއް އުޅެ އެވެ. އެކަމަކު އެއީ ކޮން ކަހަލަ މަރެއް، ކޮން ދުވަސްވަރެއްގައި މަރުވެފައިވާ މީހެއްކަމެއް ނުހޯދުނެވެ.
ލަންކާ ފުލުހުން ބުނާ ގޮތުން ރަބަރޭގެ މަރަކީ މި "ދިވެހި ވިޔަފާރިވެރިޔާ" ގެ އާއިލާގެ މީހެއްގެ މަރުގެ ބަދަލު ހިފުމެކެވެ. އެހެން ނަމަވެސް މިމަރާ މަސްހުނިވެގެން އަންނަ އެހެން ކަންކަން ހުރި ކަން ގާތްގަނޑަކަށް ކަށަވަރުވެ އެވެ.
ދެ ގައުމަށް ނިސްބަތްވިޔަސް ޑުއެލް ޕާސްޕޯޓެއް ނުގެންގުޅޭ ބިލާލަށް ފައިސާ ދީގެން "ކޮންޓެރްކްޓް މާޑާ" އަކަށް ދިޔަ "ވިޔަފާރިވެރިޔާ" އެންމެ ފުރަތަމަ އުޅުނީ އަމިއްލަ އަށް އެކަން ކުރާށެވެ. މިދިއަ ހަތަރު މަސް ދުވަހުގެ ތެރޭގައި އޭނާ އެ ކަމަށް ރެޑީވެ ލަންކާ އަށް ދިޔަ ކަމަށް ވެސް ބުނެ ވެއެވެ. އެހެން ކަމުން މި ގަތުލުގެ ގާތިލު ފާޅުވިޔަސް ގަތުލުގެ ސިއްރުތައް އަދި ވަނީ ވަރަށް ފުނުގަ އެވެ.
ހުސައިން ރަޒީން (ރަބަރޭ)
ޑިސެމްބަރު 2007 ގައި މާލޭގައި ހިންގި މާރާމާރީއެއްގައި ހ. ކުބްރާ އަލީ އިޝާރު (ޗޯޓޭ) މަރާލި ކަމުގެ ތުހުމަތުގައި އޭރު ރަޒީން ހައްޔަރުކުރި އެވެ. އެ މައްސަލާގައި ރަޒީންގެ މައްޗަށް ދައުވާކުރަން އޭރުގެ އެޓާނީ ޖެނެރަލްގެ އޮފީހަށް ފޮނުވިޔަސް އެ އޮފީހުން ނިންމީ ރަޒީނާ ދެކޮޅަށް ހެކި ނެތުމުން ދައުވާ ނުކުރުމަށެވެ.