އިސްލާމީ އިގްތިސޯދާ ބެހޭ ފެކަލްޓީއެއް އަންނަ އަހަރު މޯލްޑިވްސް އިސްލާމިކް ޔުނިވަސިޓީގައި އުފައްދަން ނިންމާފައިވާ ކަމަށް ޔުނިވަސިޓީގެ ވައިސް ޗާންސެލާ ޑރ މުހައްމަދު ޝަހީމް އަލީ ސައީދު ވިދާލުވެއްޖެ އެވެ.
އިސްލާމީ ޔުނިވަސިޓީގެ ބައެއް މަސައްކަތްތަކާ، ކުރިއަށް ގެންދާ ޕްރޮގްރާމްތަކާ ބެހޭ ގޮތުން މައުލޫމާތުދޭން އެ ޔުނިވަސިޓީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ކުރިން އިސްލާމިކް މިނިސްޓަރުކަންވެސް ކުރައްވާފައިވާ ޝަހީމް ވިދާޅުވީ، އިސްލާމީ ޔުނިވަސިޓީއަކީ ތައުލީމީ ގޮތުން ފެންވަރު ރަނގަޅު، ބައިނަލް އަގުވާމީ ފެންވަރުގައި އެހެން ގައުމުތަކުގެ އިސްލާމީ ޔުނިވަސިޓީތަކާ ގުޅިގެން މަސައްކަތް ކުރާ ގާބިލު ޔުނިވަސިޓީއަކަށް ހެދުމަށް މެނޭޖްމަންޓުން ގިނަ މަސައްކަތް ކުރާ ކަމަށެވެ.
އެގޮތުން ކުރިއަށް ކުރަން ރާވާފައިވާ ބައެއް ކަންކަމުގެ ތެރޭގައި އަންނަ އަހަރު އެ ޔުނިވަސިޓީގައި އިސްލާމީ އިގްތިސޯދާ ބެހޭ ކޯސްތައް ފެށުމަށް ފެކަލްޓީއެއް އުފަންކޮށް، އިސްލާމިކް އިންޝުއަރެންސާ، އިސްލާމިކް ބޭންކިން އެންޑް ފިނޭންސް ފަދަ ކޯސްތައް ކިޔަވައިދޭން ނިންމާފައިވާ ކަމަށް ޝަހީމް ވިދާޅުވި އެވެ. އެފަދަ ކޯސްތކާއެކު ފުޅާ ދާއިރާއެއްގައި ކިޔަވައިދޭން ފަށައިގަތުމުން ޔުނިވަސިޓީގެ ގަދަރު މަތިވެ، ބައިނަލް އަގުވާމީ ފެންވަރުގައި ބަލައިގަނެވޭ ތަނަކަށް އެ ޔުނިވަސިޓީ ހަދަން ކުރާ މަސައްކަތަށް ކުރިއެރުން ލިބޭނެ ކަމަށް ޝަހީމް ވިދާޅުވި އެވެ.
"ޔުނިވަސިޓީގެ ގާނޫނުގެ ދަށުން ހަދަންޖެހޭ ގިނަ ގަވާއިދުތަކެއް މިހާރު ވަނީ ހަދާ ނިމިފަ. އަދި އަންނަ އަހަރުން ފެށިގެން ޝަރުއީ ބައެއް ޕްރޮގްރާމްތައް، ކޯސްތައް އަރަބި ބަހުން ކިޔަވައިދޭން ފަށާ ގޮތަށް ވެސް ވަނީ ނިންމާފައި. އެގޮތަށް ނިންމާފައިވަނީ އަރަބި ބަހުން ކޯސްތައް ކިޔަވައިދޭން ތަނުގެ ދަރިވަރުން ބޭނުންވާތީއާ، ބޭރު ޔުނިވަސިޓީތަކުން ކިޔަވައިގެން ރާއްޖެއަށް އަންނަ ކުދިންވެސް އެގޮތަށް އެދެމުން ދާތީ،" ޝަހީމް ވިދާޅުވި އެވެ.
މާސްޓާސް ޑިގްރީ ފެންވަރުގެ ކޯސްތަކަށް ވެސް އަރަބި ބަހުން ކިޔަވައިދޭން ފަށަން ތައްޔާރުވަމުންދާތީ، އަލް އަޒްހަރް ޔުނިވަސިޓީގައި ޕީއެޗްޑީ ފެންވަރުގެ ޓީޗަރުން ހޯދައިދޭން މިހާރު އެދިވަޑައިގަންނަވާފައިވާ ކަމަށް ވެސް ޝަހީމް ވިދާޅުވި އެވެ.
"އަލް އަޒްހަރް ޔުނިވަސިޓީން މުސާރަދެއްވާ ގޮތަށް ރާއްޖޭގައި އޮންނަ އަޒްހަރް މިޝަން އަށް އެ ފެންވަރުގެ ބޭފުޅުން އިތުރުކޮށްދެއްވުމަށް އަޒްހަރަށް އަޅުގަނޑު މިހާރު ވަނީ ހާއްސަ ސިޓީއެއް ފޮނުވާފަ. މިގޮތަށް މިކަން ވެއްޖެ ނަމަ ޔުނިވަސިޓީގެ ގަދަރު އުފުލިގެން ދިޔުމާ އެކު އެހެން ގައުމުތަކުން މިތަނަށް ކުދިން އައުމުގެ ދޮރުވެސް ހުޅުވިގެންދާނެ،" ޝަޙީމް ވިދާޅުވި އެވެ.
ޗާންސެލާ ޑރ ޒާހިރު ޙުސައިން ވިދާޅުވީ، އިސްލާމިކް ޔުނިވަސިޓީގެ މައި އިދާރާ ހުޅުމާލޭގައި ބިނާ ކުރުމަށް ބިމެއް ދެއްވަން ރައީސް އަށް ދެންނެވި ކަމަށެވެ. އެ ދެންނެވުމަށް ރައީސް ދެއްވެވީ ވަރަށް އުފާވެރި ހަބަރެއް ކަމަށާ، އުންމީދުކުރެވެނީ ވަރަށް އަވަސް މުސްތަގުބަލެއްގައި ހުޅުމާލޭގައި ޔުނިވަސިޓީގެ މައި އިދާރާ މިޒަމާނުގެ ހުރިހާ ވަސީަތްތައް ގާއިމްވެފައިވާ ތަނެއްގެ ގޮތުގައި ބިނާވެގެންދާނެ ކަމަށް ކަމަށެވެ.
"ޔުނިވަސިޓީއަކީ އަދި ކޮލެޖެއްވެސް ނޫން. ޔުނިވަސިޓީ ޔުނިވަސިޓީއަކަށް ވަނީ އެތަނުގެ ކަންކަން ވަރަށް ފުޅާ ވެގެން ދިޔައިމަ. އެހެންވީމަ ވަރަށް މައްޗަށް ތަސައްވަރުކޮށްގެން ނޫނީ އުންމީދުތަކުގެ މެދާ ހަމަޔަށް ވެސް ކާމިޔާބީއެއް ނުދާނެ. އަޅުގަނޑުމެން މިދަނީ ސައުދި އަރަބިއާ އާ ކަމާބެހޭ އެކި އިދާރާތަކާ ވާހަކަދައްކަވަމުން މި ޔުނިވަސިޓީގެ މައި އިދާރާ ޒަމާނީ ފެންވަރަކަށް ހެދުމަށް. އަދި ރާއްޖެ އެތަނަކާ މެދު ފަޚުރުވެރިވާ މުއައްސަސާއަކަށް އެތަން ހެދުމަށް،" ޑރ ޒާހިރު ހުސައިން ވިދާޅުވި އެވެ.
އިސްލާމިކް ޔުނިވަސިޓީގައި މިހާރުވެސް ދެ ހާހަށް ވުރެ ގިނަ ކުދިން ތައުލީމު ހާސިލްކުރެ އެވެ.