ރައީސް އަބްދުﷲ ޔާމީން

ރައީސް ޔާމީން ތަކުރާރުކޮށް ފުލުހަށް ގެންދާތީ ވަކީލުން ކަންބޮޑުވެއްޖެ

Jul 12, 2021

ކުރީގެ ރައީސް އަބްދުﷲ ޔާމީން މިއަދު ވެސް ފުލުހުންގެ އިދާރާއަށް ހާޒިރުވެ ވަޑައިގަތުމަށް އަންގައިފި އެވެ.

ރައީސް ޔާމީން ފުލުހަށް ހާޒިރުވެ ވަޑައިގަތުމަށް އަންގާފައި ވަނީ މިއަދު މެންދުރުފަހު 2:00 އަށެވެ.

ވ. އާރަށް ބަޔަކަށް ކުއްޔަށް ދިނުމުގައި އަމަލުކޮށްފައިވާ ގޮތާ ގުޅިގެން ސުވާލުކުރުމަށް މިދިޔަ ހޮނިހިރު ދުވަހު ވެސް ރައީސް ޔާމީން ފުލުހުންގެ އިދާރާ އަށް ހާޒިރުކޮށްފައިވެ އެވެ.

ރައީސް ޔާމީން ތަކުރާރުކޮށް ފުލުހުންގެ އިދާރާ އަށް ހާޒިރުކުރާތީ އެމަނިކުފާނުގެ ގާނޫނީ ޓީމުގެ އިސް ވަކީލް އަދި ކުރީގެ ނައިބް ރައީސް ޑރ. ޖަމީލް މިއަދު ވަނީ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ. އެގޮތުން ވިދާޅުވީ ބަޔާން ނަގައި ސޮއި ކުރައްވާފައިވާ ކަމެއްގައި އަނެއްކާވެސް މިއަދު ފުލުހަށް ހާޒިރުކުރާ ކަމަށެވެ.

"ފުލުހުންގެ އަމަލުތަކުން ރައީސް ޔާމީންގެ ގާނޫނީ ހައްގުތަކަށް ގެއްލުންވޭ އަދި ތަހުގީގުގެ އިންސާފުވެރިކަމަށް ހުރަސްއެޅޭ." ޑރ. ޖަމީލް ވިދާޅުވެފައިވެ އެވެ.

އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ތެރެއިން ލިބިވަޑައިގެންނެވި އެއް މިލިއަން ޑޮލަރު ރައީސް ޔާމީންގެ އެކައުންޓަށް ޖަމާކޮށް އެ ފައިސާ ބޭނުންކުރައްވައިގެން މަނީ ލޯންޑާ ކުރި ކަން ސާބިތުވެ އެމަނިކުފާނު މިވަގުތު ވެސް ގެންދަވަނީ ފަސް އަހަރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ.

އެކަމަކު ރައީސް ޔާމީން މިއަދު ފުލުހަށް ހާޒިރުކުރާއިރު އެމަނިކުފާނު މިވަގުތު ހުންނެވީ ގޭބަންދުގަ އެވެ. އެމަނިކުފާނު ގެއަށް ބަދަލުކުރީ މިދިޔަ އޭޕްރީލް މަހުގެ 29 ވަނަ ދުވަހު އެވެ.