ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް

ވީއައިއޭ މަޝްރޫ އަށް 50 މިލިއަން ޑޮލަރުގެ އިތުރު ލޯނެއް

Jul 12, 2021
2

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ތަރައްގީ ކުރުމުގެ މަޝްރޫއަ ށް، ކުވެއިތު ފަންޑުން 15 މިލިއަން ކުވެއިތު ދީނާރު (50 މިލިއަން ޑޮލަރު ނުވަތަ 770 މިލިއަން ރުފިޔާ) ގެ ލޯނެއް ދީފި އެވެ.

ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ފެށި ވީއައިއޭ ތަރައްގީ ކުރުމުގެ އެއް ބިލިއަން ޑޮލަރުގެ ބިޔަ މަޝްރޫއުގެ ނުނިމި ހުރި ބައި ނިންމަން ކުވެއިތު ފަންޑުން ދިން މި 15 މިލިއަން ކުވެއިތު ދީނާރު ދިނުމުގެ އެއްބަސްވުމުގައި ރާއްޖެ ފަރާތުން ސޮއިކުރެއްވީ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރެވެ.

މި ރަސްމިއްޔާތުގައި ކުވެއިތު ފަންޑުގެ ފަރާތުން ސޮއި ކުރެއްވީ އެ ގައުމުގެ ޑެޕިއުޓީ ޑިރެކްޓަރު ޖެނެރަލް އެޑްމިން އެންޑް ފައިނޭންސް އެފެއާޒް ނަދާލް އަލް އޮލަޔާލް އެވެ.

މި ލޯނު އެއްބަސްވުމުގެ އިތުރު ތަފުސީލުތައް ފިނޭންސް މިނިސްޓްރީން އަދި ބުނެދީފައެއް ނުވެ އެވެ.

ވީއައިއޭ ތަރައްގީ ކުރުމުގެ މަޝްރޫއުގެ އަގު ގާތްގަނޑަކަށް އެއް ބިލިއަން ޑޮލަރަށް ބޮޑު ވާނެ ކަމަށް އަންދާޒާ ކުރެވެ އެވެ. އެ މަޝްރޫއުގެ ދަށުން ވީއައިއޭގައި 3،400 މީޓަރު ދިގު ރަންވޭއެއް ވަނީ އަޅާފަ އެވެ. އާ ރަންވޭގެ އަގު 373 މިލިއަން ޑޮލަރު (5.7 ބިލިއަން ރުފިޔާ) އަށް އަރަ އެވެ. އަދި ސައޫދީ ބިންލާދިން ކުންފުންޏަށް އާ ޕެސެންޖަރު ޓާމިނަލް އަޅަން ވަނީ ހަވާލުކޮށްފަ އެވެ. ނަމަވެސް މި މަސައްކަތް ކުރިއަށް ނުދާތާ ގިނަ ދުވަސްތަކެއް ވަނީ ވެފަ އެވެ. މި ސަރުކާރުން އާ ޓާމިނަލް އަންނަ އަހަރު ހުޅުވާނެ ކަމަށް ބުނި ނަމަވެސް އެ ތާރީހަށް ނުހުޅުވޭނެކަން ވަނީ ޔަގީންވެފަ އެވެ.

ވީއައިއޭގައި ހަދާ ކާގޯ ޓާމިނަލް އާއި ތެޔޮ ރައްކާ ކުރާ ނިޒާމުގެ މަސައްކަތުގެ ބޮޑުބައި ވަނީ ނިމިފަ އެވެ.

މި ހިދުމަތްތަކުގެ އިތުރުން ވީއައިއޭގައި މުޅިން އަލަށް ސީޕްލޭން ޓާމިނަލެއް ވެސް ދަނީ އަޅަމުންނެވެ. މި އަގު ބޮޑު އިމާރާތް ނިންމިތާ ދެ އަހަރުވާން ކައިރިވާއިރު ވެސް އެތަން ހުޅުވިފައެއް ނުވެ އެވެ. އާ ސީ ޕްލޭން ޓާމިނަލްގެ މަޝްރޫއުގެ ދަށުން 3.2 ހެކްޓަރު (32،000 އަކަމީޓަރު) ގެ ބިން ހިއްކުމުގެ މަސައްކަތް ނިންމާފައި ވަނީ މިދިޔަ އަހަރުގެ ޖޫން މަހު އެވެ. އެ ޕްރޮޖެކްޓަކީ ޖުމްލަ 40 މިލިއަން ޑޮލަރު (616 މިލިއަން ރުފިޔާ) ގެ މަޝްރޫއެކެވެ. ސީޕްލޭން ޓާމިނަލްގެ މަސައްކަތް ކުރަނީ، ވީއައިއޭގެ އެންމެ މުހިންމު މަސައްކަތް ކަމަށްވާ އާ ރަންވޭގެ މަސައްކަތް ކުރާ ޗައިނާގެ ބީޔޫސީޖީ އިންނެވެ.