ވާހަކަ

ވީމޭ ކަލާޔާނުލާ

(9 ޖުލައި 2021އާ ގުޅޭ)

ތެޅިތެޅި އޮތް ހިތަކާ އެކު، ލިވިޔާ ކުރިއަށް ފިޔަވަޅެއް ނެގިއެވެ. ލިވިޔާ ގޮސް ހުއްޓުނީ އެދެމީހުންގެ ކުރިމަތީގައެވެ. ލޯ މަރައިގެން ޒަކްވާން ހުރީ ޝަހުރުގެ ގައިގައި ވަރަށް ބާރަށް އޮޅުލައިގެންނެވެ. އެތައް ދުވަހަކަށް ފަހު، އެދެމީހުން ބައްދަލުވުން އެދެމީހުންނަށް ވެސް ލިބިގެން ގޮސްފައިވާ އުފާ، އެމަންޒަރު ބަލަން ތިބި އެންމެންނަށް އެނގި ހާމަ ވާނެއެވެ. ނަމަވެސް ލިވިޔާގެ ސިކުނޑީގައި ވަނީ މުޅިން އެހެން ހައިޖާނެކެވެ. ލިވިޔާގެ ހިތް ތެޅެމުން ދަނީ އެހެން ކަމަކާ ހެދިގެންނެވެ. ލިވިޔާގެ ހިތުގެ އެންމެ ފުންމިނުން ކެކިގެން އުތުރެނީ އެހެން ކަހަލަ އިޙްސާސެކެވެ. މިއީ ކޮންފަދަ އިއްތިފާޤެއް ބާއޭ ލިވިޔާގެ ހިތާއި ސިކުނޑި އޭނާއަށް ސުވާލު ކުރަމުން ދިޔައެވެ. ޝަހުރުގެ ބުރިކަށީގައި މަޑުމަޑުން އަތް ހިންގައިލުމަށްފަހު، ޒަކްވާން އޭނާގެ ލައްޕައިފައިވާ ދެލޯ ހުޅުވައިލިއެވެ. އޭނާގެ ދެލޮލުގެ ކުރިމަތިން ފައުޅުވެގެން ދިޔަ އަންހެން ސޫރައިން، ކުއްލިއަކަށް ޒަކްވާންގެ ދެލޯ ބޮޑު ވެގެން ދިޔައެވެ. ޝަހުރާ ދުރަށް ޖެހެވުނީ ޒަކްވާންގެ އިޚްތިޔާރުން މުޅިން ބޭރުންނެވެ.

"މިއީ ލިވިޔާ. ދޮންބެ މެރީ ކުރަން އުޅޭ ކުއްޖާ! ކޮއްކޮގެ ފަހަރީ.." ޒަކްވާންގެ ކަނާއަތުގައި ހިފަހައްޓައިގެން ހުރެ، ޝަހުރު އޭނާގެ ލޯބިވެރިޔާ ތަޢާރަފު ކޮށްލަ ދިނެވެ. ނަމަވެސް ޒަކްވާންގެ ކަންފަތަށް އެއްވެސް އަޑެއް ނީއްވެއެވެ. އިތުރު ކަމަކާ ވިސްނަން އުޅެވޭ ވަރަށް ވުރެ، ޒަކްވާނަށް ލިބިގެން ގޮސްފައިވާ ހައިރާންކަންވީ ބޮޑެވެ. އެއްވެސް އެއްޗެއް ނުބުނެ، އަނގަ ތަންމިނަށް ހުޅުވައިގެން ޒަކްވާނަށް ހުރެވުނީއެވެ. ޒަކްވާންގެ އަމަލުތައް ހުރި ގޮތުން، ޝަހުރަށް ކަމެއް ޝައްކު ވާނެ ކަން ޔަޤީނުން ވެސް ލިވިޔާއަށް އެނގުނެވެ.

"މީ ކޮއްކޮ ދަންނަ ކުއްޖެއްތަ؟" ޝަހުރުގެ ސުވާލާ އެކު، ޒަކްވާނަށް ހަމަހޭވެރިކަން އައެވެ. ނޫނެކޭ ބުނެފި ނަމަ އެ ހެދުނީ ދޮގެކެވެ. އެގޮތް ޒަކްވާން ބޭނުން ނުވީއެވެ. އަދި ނުދަންނަ ކަމަށް ބުނެފި ނަމަ، ލިބުނު ހައިރާން ކަމުގެ ފަހަތުގައި ވަނީ ކޮން ވާހަކައެއްކަން ވެސް ދޮންބެއަށް ކިޔައިދޭން ޖެހޭނެތާއެވެ. އެހެން ކަމުން، އެންމެ ފަސޭހަ، އެންމެ ލުއި ގޮތް ޒަކްވާން ޚިޔާރު ކުރީއެވެ.

"އާނ ދޮންބޭ! މީ ލިވިޔާ. ކޮއްކޮއާ އެކު، މަޖީދިއްޔާގަ އުޅުނު ކުއްޖެއްމީ. ވީ ވާރ ކުލާސް މޭޓްސް ދޯ؟" ޒަކްވާން ހިނިތުންވުމަކާ އެކު، ބަލައިލީ ލިވިޔާއަށެވެ. ގަދަކަމުން ހީނލަމުން ލިވިޔާ ބޯ ޖަހައިލީ "އާނއެކޭ" ބުނާ ފަދަ ބީދައަކުންނެވެ.

މެންދުރުގެ ހޫނުގަދަ ވަގުތެވެ. ޒަކްވާން ގެެއަށް ލާފައި، ޝަހުރު ގޮސް ވަނީ ލިވިޔާގެ ގެއަށެވެ. ދެ ދުވަސް ތެރޭގައި ކައިވެނި އޮތުމާ އެކު ލިވިޔާ އާއި އޭނާގެ ޢާއިލާ ތައްޔާރު ވަމުން ދިޔައީ ކައިވެނީގެ ފަހުގެ ތައްޔާރީތައް ވުމަށެވެ. އެގޮތުން ވަލީމާ އާއި، ކޮޓަރި ތައްޔާރު ކުރުމުގައި ވެސް ލިވިޔާގެ ޢާއިލާ ހަރަކާތްތެރި ވަމުން ދިޔައެވެ.

"ލިވީ.. އެބައިން އުފާވެރި ޚަބަރެއް.." ޝަހުރު އައިސް އިށީންނީ ލިވިޔާ އޮތް އެނދުގެ ފަޑީގައެވެ. މަޑުމަޑުން ބުރަކަށި ހިއްލައި ލަމުން، ލިވިޔާ އެނދުން ތެދުވެގެން ގޮސް އިށީންނީ ޝަހުރުގެ ގާތުގައެވެ.

"ކިހިނެއްވީ؟ ކޮން ވާހަކައެއް؟" ލިވިޔާ އޭނާގެ ކަނާއަތް ބާއްވައިލީ ޝަހުރުގެ ކަނާއަތް މަތީގައެވެ. އަދި ބަލައިލީ ސީދާ ޝަހުރުގެ މޫނަށެވެ. އެމޫނު މަތިން ފެންނަނީ އުފާވެރި ކަމެވެ. އުޖާލާ ކަމެވެ. ވަރަށް ބޮޑު އުފާވެރި ޚަބަރެއް ޝަހުރުގެ ފަރާތުން ލިބެން އުޅޭކަމުގެ ފެހި ސިގްނަލް އެމޫނުމަތިން ލިވިޔާއަށް ފެނެއެވެ.

"އަހަރެންނަށް ޖޮބެއް ލިބިއްޖެ! ޕާރޓު ޓައިމް. މަހަކު ލިބޭނެ 11ހާސް. ވެބް ހޯސްޓު ކުރާ ޕްރައިވެޓު ތަނެއް އެއީ." އުފަލުން އިނދެ ޝަހުރު ބުނެލިއެވެ. ޝަހުރުގެ އެ ވާހަކައިން ލިވިޔާއަށް ލިބުނީ ވަރަށް ބޮޑު އުފަލެކެވެ. ޝަހުރުގެ ކިޔެވުމަށް ހުރަސް ނޭޅޭނެ ފަދަ ގޮތަކަށް، އޭނާއަށް ވަޒީފާއެއް ލިބުނީތީއެވެ. އެދެމީހުން ނިންމައިގެން ތިބީ ކައިވެނީގެ ފުރަތަމަ ދުވަސްކޮޅުގައި ލިވިޔާގެ ގޭގައި ދިރިއުޅޭށެވެ. ނަމަވެސް ވަޒީފާއެއް ލިބި، ދިރިއުޅުން ކޮންމެވެސް ވަރަކަށް ހަމަޖެހެމުން އަމިއްލަ އެޕާރޓުމެންޓެއް ނަގައިގެން، ދެމީހުން ވަކިން ދިރިއުޅޭށެވެ. ޝަހުރަށް ލިބުނު ވަޒީފާއާ އެކު، އެ އުއްމީދުގައި ކުލަ ޖެހެން އުޅޭކަން އެދެމީހުންނަށް ވެސް މިހާރު އެބަ އިޙްސާސް ވެއެވެ.

***

ފެންމާގަނޑުން ފައިބަމުން ދިޔަ ފެންތިކިތައް، ޒަކްވާންގެ ގައިގައި ބީހިލާފައި ތަށިމުށިގަނޑު މައްޗަށް ފައިބަމުން ދިޔައެވެ. އެއްވެސް ތަރުތީބެއް ނެތި، އެ ފެންތިކިތައް ޒަކްވާންގެ މުޅި ގައިގައި ފިރުމައެވެ. ޒަކްވާންގެ ގައިން ވަކިވެގެންދާ ފެންތިކިތައް، ފެންދާ ތަނަށް ގޮސް، ގެއްލިގެން ދެއެވެ. އެ އުސޫލުން އެކަން ހިނގަމުން ދިޔަސް، ޒަކްވާންގެ ސިކުނޑި ވީ ފާޚާނާގައެއް ނޫނެވެ. އޭނާގެ ޚިޔާލު ތަކާއި ފިކުރުތައް ވަނީ މުޅިން އެހެން ދުނިޔެއެއްގައެވެ. މީގެ 5 އަހަރު ކުރީގެ މަޖީދިއްޔާ ސުކޫލުގެ ލޯބީގެ ދާސްތާނުގެ ފޮތުގެ ސަފުޙާތައް އުކަމުން، ޒަކްވާންގެ ގެންދިޔައީ ހަންހާރައިން ފުުރިގެންވާ ޙާލުގައެވެ. އެ ޅަ ސިކުނޑިން އޭރު ޤަބޫލު ކުރި ލޯތްބަކީ، ހަމަ އިޝްޤީ ލޯބިކަން ޒަކްވާނަށް އަބަދުމެ އޭނާގެ ހިތާއި ސިކުނޑި ވިސްނައިދިން ކަމުގެ ހެއްކަކީ، އަދިވެސް އެ ލޯތްބަށް ޒަކްވާންގެ ހިތުގައި އުފެދިފައިވާ ޤަދަރެވެ. ޢިއްޒަތެވެ.

މެންދުރުގެ ކެއުން ތައްޔާރު ކޮށްލުމަށްފަހު، ކެއުމަށް އިންސާފު ކުރަން ޝަހުރަށް ގޮވާފައި، ލިވިޔާ ގޮސް ވަނީ އޭނާގެ ކޮޓަރިއަށެވެ. މިއަދު ހެނދުނު އެއާރޕޯޓުން ޒަކްވާން ފެނުނު ފަހުން، ކޮންމެ ވެސް ވަރެއްގެ އުނގަދޫ ކަމެއް ލިވިޔާއަށް އިޙްސާސްވެއެވެ. ލިވިޔާގެ ހިތުގައި ޒަކްވާނަށް އެއްވެސް ވަރެއްގެ ލޯތްބެއް ނެތް އިރު، ޒަކްވާންގެ އެއްވެސް ހަނދާނެއް ވެސް ލިވިޔާގެ ސިކުނޑީގައި ދައުރެއް ނުވެއެވެ. އެއީ ކުޑައިރުގެ "ޖޯކެއް" ކަމުގައި ލިވިޔާ ބެލީ، އޭރު ކަންތައް ވީގޮތުންނެވެ. ލިވިޔާގެ ލޯތްބަށް ޒަކްވާން އެދުނީ، އެކަހަލަ އެއްވެސް ވިސްނުމެއް ލިވިޔާގެ ނެތް އިރުއެވެ. ނަމަވެސް ލިވިޔާ ޖެހިލުން ވަނީ، މިވީހާ ދުވަހު ޒަކްވާންގެ ހިތުގައި އޮތީ ކީކޭ ކަމެއް ނޭނގޭތީއެވެ. ލިވިޔާގެ ހިތުގެ ތެެރޭގައި ފެތުރިފައިވާ ގަޑުބަޑަކީ ވެސް ޒަކްވާންގެ ވިސްނުން ހުރިގޮތް ނޭނގުމުން އުފެދިފައިވާ ކަމެކެވެ.
ތުވާޅި އޮޅައިލައިގެން ޒަކްވާން ފާޚާނައިން ނުކުމެގެން ގޮސް ހުއްޓުނީ، ލޯގަނޑުގެ ކުރިމަތީގައެވެ. ކުރުކޮށް ކޮށާފައިވާ ޒަކްވާންގެ އިސްތަށިގަނޑުގައި އަދިވެސް ތެތްކަމެއް ވެއެވެ. ކުޑަކުޑަ ތުނބުޅިއެއް ހުރި އިރު، ޒަކްވާން ފެންނަނީ އޭނާގެ އުމުރަށްވުރެ، ކުޑަ ކޮށެވެ. މެދު ވަރެއްގެ އިސްކޮޅެއް ހުރި އިރު، ޒަކްވާން އަކީ ހިކި މީހެކެވެ. ހަމުގެ ކުލަ މާ އަލި ނޫނަސް ޒަކްވާން "ހޭންޑްސަމް" ކުދިންގެ ލިސްޓުގެ ތެރޭގައި ހިމެނޭނެއެވެ.

މުޅި ގައިގައި ލޯޝަން ހާއްކައިލުމަށްފަހު، ޒަކްވާން ފުންކޮށް ނޭވާއެއް ލިއެވެ. ގަދަކަމުން ހިނިތުންވެލަމުން، ޒަކްވާން ވައި އަޑަކުން "އަލްޙަމްދުﷲ" އޭ ބުނެލިއެވެ. ޒަކްވާންގެ ހިތުގައި ލިވިޔާއަށް އޮތް ލޯތްބަކަށް ބަދަލެއް ނާދެއެވެ. ކުރިން ވެސް ޒަކްވާންގެ ދުޢާ އަކީ ތަޤުދީރުގައި ލިވިޔާ ލިބެން އޮތް ނަމަ، ލިވިޔާ ޒަކްވާނަށް ލިބޭ ގޮތް މިންވަރު ކޮށްދެއްވުމެވެ. ނަމަވެސް، ތަޤުދީރުގައި ލިޔެވިފައި ވަނީ މުޅިން އެހެން ބާބެކެވެ. އެ ބާބުގައި ލިޔެވިފައި ވަނީ ލިވިޔާގެ ޙަޔާތް ޒަކްވާނާ އެކުގައެއް ނޫނެވެ. ނަމަވެސް ޒަކްވާނާ ގާތް، ޒަކްވާން ނުހަނު ލޯބިވާ އޭނާގެ ދޮންބެއާ އެކުގައި ލިވިޔާ އުފަލުގައި އުޅޭތަން ފެނުމަކީ ވެސް ޒަކްވާނަށް ލިބޭނެ އުފަލެއް ކަމުގައި، އޭނާ ހިތުގެ އަޑިން ޤަބޫލު ކުރިއެވެ. އަނެއްކާ ވެސް ހަށިފުރާ ނޭވާއެއް ދޫކޮށްލަމުން، ޒަކްވާން އޭނާގެ ލޯބީގެ ދާސްތާން ލައްޕައިލީ، ލޯބިވެރިޔާއަށް ފަހަރީގެ ލަޤަބު ދޭން ނިންމައިގެންނެވެ. އަމިއްލަ ހިތާ ހަނގުރާމަކޮށް، ޒަކްވާންގެ ހިތުގައި ލިވިޔާއަށް އުފެދިފައިވާ ލޯބި، އެހެން ލޯތްބަކަށް ހަދާނެ ކަމުގެ ވަރުގަދަ ޢަޒުމެއް އަމިއްލަ ނަފުސަށް ކަނޑައަޅައިގެންނެވެ.

***

ވަގުތުތައް އޭގެ އެންމެ ހަލުވި މިނުގައި ހިނގަމުން ގޮސް، ކައިވެނީގެ މަޖިލިސް ފެށެން 8 ގަޑި އިރަށް ވުރެ ކުޑަތަން ވެއްޖެއެވެ. ކައިވެނީގެ ވަލީމާ އޮތީ ރޭގަނޑުގައެވެ. ކައިވެނީގެ މަޖިލީހަށް ތައްޔާރު ވަމުން ލިވިޔާ އާއި ޝަހުރު ގެންދިޔައެވެ. ލިވިޔާ އޭނާގެ ގޭގައި ހުރެ ރީތިވެ ނަލަވަމުން ދިޔައިރު، ޝަހުރު ތައްޔާރު ވަމުން ދިޔައީ އޭނާގެ ގޭގައި ހުރެގެންނެވެ. ޝަހުރުގެ ބައްޕަ އާއި ދޮންތައަށް ގުޅައި، ޝަހުރު ކައިވެނި ކުރަން އުޅޭކަން އޭނާ އެންގީ، އެމީހުންގެ ފަރާތުން އެއްވެސް ހެޔޮ ބަހެއް، އެއްބާރު ލުމެއް ނުލިބޭނެ ކަމަށް ބަލައިގެންނެވެ. ކައިވެނީގެ ވަލީމާއަށް ނުދާނެ ކަމަށް ޝަހުރުގެ ގާތުގައި އޭނާގެ ދޮންތަ ޝީލާ ބުނީ ނުރުހުންވެ ހުރެގެންނެވެ. އެއްވެސް ހައިރާން ކަމެއް ނެތި ޝަހުރު ފޯނު ބޭއްވީ، އޭނާ ހީކުރި ފަދަ ޖަވާބެއް ޢާއިލާގެ ފަރާތުން ލިބުނީމައެވެ.

"ސަހަރޯ ހީވޭ! މިއަދު ކޮއްކޮ ކައިވެނި ކުރޭ. އެ އަންހެން މީހާ ކޮންފަދަ ސިހުރެއްބާ އަހަރެންގެ ކޮއްކޮއަށް ހެދީ؟ ހުރެބަލަ! ކައިވެނި ކުރެވި ދާނެ. އެކަމު، އަހަރެންގެ ނުލަފާކަން އަހަރެން ދައްކާލާނަން!" ދަތްކުނޑި ވިކައިލަމުން ޝީލާ އެހެން ބުނެލީ ހޮސްޕިޓަލްގެ ވޯރޑުން ބޭރުގައި ހުރެގެންނެވެ. ޝީލާގެ އަރިހުގައި އޭނާގެ ބައްޕަ އާއި ޔޫހާގެ ޢާއިލާ ތިއްބެވެ.

"ވަރަށް މަޑުމައިތިރި ކުއްޖެއް އެއީ.. އަހަރެން ހީނުކުރަން އަހަރެންގެ ދަރިފުޅު މިވަރުގެ ކަމެއް ކޮށްފާނެ ކަމަކަށް. އަދި ހުސްނާ އެޙާލުގަ އޮއްވާ.. މިޚަބަރު ހުސްނާއަށް ދޭނީ ކިހިނެއް؟ އަހަރެން ވަރަށް ދެރަވެއްޖެ! ލޯބިން ދަރިން ބޮޑު ކުރީމަ ލިބޭ ހަދިޔާ މީ.. ކީއްކުރާނީ؟" ނިކަން ކަންބޮޑުވެގެން ހުރެ، މަންސޫރު އޭނާގެ ހިތުގެ އުދާސްތައް ބޭރުކޮށްލީ، ރާޅުވެފައިވާ ހިތްދަތި އަޑަކުންނެވެ. މަންސޫރަށް ހިތްވަރު ދިނުމުގެ ގޮތުން ޔޫހާގެ ބައްޕަ މަޑުމަޑުން މަންސޫރުގެ ބުރަކަށީގައި އަތް ކާއްތާލިއެވެ.

"ދުވަހަކުވެސް، ދުވަހަކުވެސް، މިހިތްދަތި ކަމެއް މިހިތަކުން ފިލައިގެން ނުދާނެ. ޝަހުރު އަހަރެެންގެ ހިތުގައި އެ އަޅުވައިލީ ދުވަހަކުވެސް ފިލައިގެން ނުދާނެ ފަދަ ކޫރުމެއް. އެކަމު ބުނަން! އަހަރެން އަހަރެންގެ ދަރިފުޅު އެ މަޅިން ސަލާމަތް ކުރާނަން!" މަންސޫރަށް ވަނީ ވަރަށް ބޮޑަށް އަސަރުކޮށްފައެވެ. ޝަހުރުގެ ކައިވެނީގެ ވަލީމާއަށް ޒަކްވާން ދާން ނިންމުމުން، އެކަމުގެ ނުރުހުން ކޮންމެވެސް ވަރަކަށް ޝީލާގެ އެބަ އޮތޮެވެ. ނަމަވެސް މަންސޫރު އެކަންތައް ޒަކްވާނަށް ފެންނަ ގޮތަށް ކުރަން ދޫކޮށްލީއެވެ.

"އަނބި ޤަބޫލު ކޮށްފިން!" ފުޅާ ހިނިތުން ވުމަކާ އެކު، ޝަހުރު ބަލައިލީ ލިވިޔާގެ މޫނަށެވެ. އެދެމީހުންގެ މޫނުމަތިން ވެސް ފައުޅުވެގެން ދިޔައީ އުފަލުން ފޮޅިގެން ގޮސްފައިވާ ޖަޒުބާތީ އުފަލެކެވެ. އެ މަޖިލީހަށް އެއްވެފައި ތިބި އެންމެންނާ އެކު، މުޅި ތަނަށް ހީވީ ބަޙާރު މޫސުމެއް އައިހެންނެވެ. ޝަހުރާއި ލިވިޔާއަށް ކުއްލިއަކަށް ހުރެފައި ވަރަށް ލޯބިން ބައްދައިލިއެވެ. ކައިވެނީގެ އިޙްސާސްތަކާ އެކުގައެވެ. އެމަންޒަރު ބަލަން އެތަނުގައި ހުރި ޒަކްވާނަށް ވަރަށް އުނދަގޫ ވިއެވެ. ހިންދިރުވައިލުމާ އެކު، ޒަކްވާންގެ ދެލޮލުގެ ތެރެއިން ހަލުވި ކަމާ އެކު ފައިބަގަތީ ކަރުނައެވެ. (ނުނިމޭ)