މޯލްޑިވްސް ޕޮލިސް ސާވިސް

ހައިކޮމިޝަން ގޮއްވާލަން ބުނި މީހާއާއި ވަޒަން ގެންގުޅުނު މީހާގެ ބަންދު ޖަހައިފި

ރާއްޖޭގައި ހުންނަ އިންޑިއާ ހައި ކޮމިޝަން ގޮއްވާލާނެ ކަމަށް ބުނެ ޓްވީޓް ކުރުމުން ހައްޔަރުކުރި މީހާ އާއި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އިން ފުރަން ގޮސް ހުއްޓައި ވަޒަންތަކެއް ފެނިގެން ހައްޔަރުކުރި ފަތުރުވެރިޔާގެ ބަންދަށް ތިން ދުވަސް ކްރިމިނަލް ކޯޓުން ދީފި އެވެ.

ފޭކް ނަމެއްގައި ހަދާފައިވާ ޓްވިޓާ އެކައުންޓަކުން މީގެ ދެ ހަފުތާ ކުރިން ކުރި ޓްވީޓެއްގައި ވަނީ އިންޑިއާ ހައި ކޮމިޝަން ގޮއްވާލަން އާރްޑީއެކްސް ބޭނުންވާ ކަމަށާއި އެކަން ވަރަށް އަވަހަށް ކުރާނެ ކަމަށް ބުނެފަ އެވެ. އެ މައްސަލަ ފުލުހުންގެ ސީރިއަސް އެންޑް އޮގަނައިޒްޑް ކްރައިމް ޔުނިޓުން ދަނީ ބަލަމުން ނެވެ. މައްސަލައިގައި ހައްޔަރު ކުރީ ވއުމުރުން 42 އަހަރުގެ މުހައްމަދު އިނާދެވެ. އޭނާއަކީ އެންމެ ފަހުން އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީގެ ޕްރައިމަރީގައި މައްޗަންގޮޅި ދެކުނު ދާއިރާގެ ޕްރައިމަރީގައި ވާދަ ކުރަން ހުށަހެޅި މީހެކެވެ.

އެ މައްސަލައިގައި މި މަހުގެ ތިންވަނަ ދުވަހުގެ ރޭ އިނާދު ހައްޔަަރު ކުރުމަށް ފަހު، އޭނާ ބަންދުގައި ބަހައްޓައިގެން ތަހުގީގު ކުރިއަަށް ގެންދަން ކްރިމިނަލް ކޯޓުން ފުރަތަމަ ދިނީ ހަތް ދުވަހުގެ މުއްދަތެކެވެ. އެ މުއްދަތު ހަމަވާތީ ބަންދު އިތުރު ކުރަން އިއްޔެ ކޯޓަށް ގެންދިއުމުން އިތުރު ތިން ދުވަސް ވަނީ ދީފަ އެވެ.

އިނާދުގެ މައްސަލައިގައި ފުލުހުން ހިންގާ ތަހުގީގުގެ މައްޗަށް ބިނާކޮށް އޭނާ އެމްޑީޕީން ވަކިކުރަން ވެސް އެ ޕާޓީއިން މިހާރު ވަނީ ނިންމައިފަ އެވެ

ވީއައިއޭ އަށް ފުރަން ދިޔަ ފަތުރުވެރިއްގެ އަތުން ވަޒަންތަކެއް ފެނުނު މައްސަލަ ފެންމަތިވެފައި ވަނީ މިދިޔަ ހޮނިހިރު ދުވަހުގަ އެވެ. އެ މައްސަލަ ރިޕޯޓްކޮށްފައި ވަނީ ހެނދުނު 9:52 ގަ އެވެ. އެ މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ އެފްރިކާގެ ގައުމެއް ކަމަށްވާ ނަމިބިއާއަށް ނިސްބަތްވާ އުމުރުން 60 އަހަރުގެ މީހެކެވެ.

ފުލުހުން މިއަދު ބުނީ އޭނާގެ ބަންދު އިތުރުކުރަން އިއްޔެ ކޯޓަށް ގެންދިޔުމުން އޭނާގެ ބަންދަށް ތިން ދުވަސް ދީފައިވާ ކަމަށެވެ.

ވަޒަންތަކެއް ފެނުނު މައްސަލަ ފުލުހުން އަންނަނީ ތަހުގީގް ކުރަމުން ނެވެ. އެއީ އެ މީހާ ރާއްޖެ އައި އިރު އަމިއްލައަށް ރާއްޖެއަށް އެތެރެކުރި ވަޒަންތަކެއް ކަމެއް ނުވަތަ ރާއްޖެއިން ހޯދި ވަޒަންތަކެއް ކަމެއް އަދި ސާފުނުވާ ކަމަށް ފުލުހުން ބުނެ އެވެ.