ރައްޔިތުންގެ މަޖލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ ހަށިކޮޅަށް އަމާޒުކޮށްގެން ދީފައިވާ ޓެރަރިސްޓް ހަމަލާއާ ގުޅިގެން، ކުރިޔަށްދާ ތަހުގީގު ގާތުން ބެއްލެވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް އައްޔަންކުރެއްވި ހާއްސަ މަންދޫބު އައްބާސް ފާއިޒް އާއި ބައްދަލުކުރައްވައިފި އެވެ.
ރައީސް އޮފީހުގައި ކުރިއަށްގެންދިޔަ މި ބައްދަލުވުމުގައި އައްބާސް ފާއިޒް ވަނީ ވޭތުވެ ދިޔަ ދުވަސްތަކުގައި ކުރެއްވި މަސައްކަތްތަކުގެ އަޕްޑޭޓެއް ރައީސްއަށް އަރުއްވާފަ އެވެ.
ރައީސްގެ ވާހަކަފުޅުގައި ރައީސް ނަޝީދުގެ ހަށިކޮޅަށް އަމާޒުކޮށްގެން ދީފައިވާ ޓެރަރިސްޓް ހަމަލާއާއި ގުޅިގެން ކުރިއަށް ގެންދާ ތަހުގީގާއި އެންމެހާ ކޯޓު މަރުޙަލާތައް ވީހާވެސް އިންސާފުވެރިކޮށް ކުރިއަށް ގެންދިއުމަށް އެދިވަޑައިގަންނަވާ ކަމަށް ވިދާޅުވި އެވެ.
އިނގިރޭސިވިލާތަށް ނިސްބަތްވާ އައްބާސް ފާއިޒަކީ ރައީސް ނަޝީދަށް ދިން ހަމަލާއާއި ގުޅިގެން ކުރިޔަށްދާ ތަހުގީގާއި ކޯޓު މަރުހަލާތައް ގާތުން ބެއްލެވުމަށްޓަކައި ހަމަޖެއްސި ހާއްސަ މަންދޫބެކެވެ.
ރައީސްގެ ހާއްސަ މަންދޫބުގެ ހައިސިއްޔަތުން މޭ ހައެއް ގެ ހަމަލާޔާގުޅޭ އެންމެހައި ތަހުގީގެއްގައި ޕްރޮސެކިއުޓާ ޖެނެރަލް ކަނޑައަޅުއްވާ ހުދޫދުގެ ތެރެއިން އައްބާސް ފާއިޒް ބައިވެރިވެވަޑައިގަންނަވާނެއެވެ. އަދި، އިންސާފު ގާއިމުކުރެވެންދެން ބޭނުންވާ ހާލަތްތަކުގައި ކަމާގުޅޭ ލަފަޔާއި އިރުޝާދު ދެއްވާނެ އެވެ. ތައްޔާރުކުރައްވަން ޖެހިވަޑައިގަންނަވާ އެންމެހާ ރިޕޯޓެއް ވެސް އައްބާސް ފާއިޒް ތައްޔާރުކުރައްވާނެ އެވެ.
އައްބާސް ފާއިޒް މަސައްކަތްކުރައްވަނީ ރައީސް އޮފީހުގަ އެވެ. އަދި މި ހަމަލާއާ ގުޅޭ އެންމެހާ ތަހުގީގެއް ނިމި ތުހުމަތު ކުރެވޭ މީހުނާ މެދު ޝަރީއަތް ކުރެވި ނިހާއީ ހުކުމަކާ ހަމައަށް ވާސިލް ވަންދެން އައްބާސް ފާއިޒް މަސައްކަތުގައި ދެމިހުންނަވާނެ ކަމަށްވެސް ރައީސް އޮފީހުން ބުނެ އެވެ.