މާލޭ ސިޓީ ކައުންސިލް

175 ޖާގައިގެ ބޮޑުގޭ ޕާކިން ހުޅުވައިފި

މާލޭ ސިޓީ ކައުންސިލުން މާފަންނު ބޮޑުގޭގައި ތަރައްގީ ކުރި ޕާކިން ޒޯން މިއަދު ހަވީރު ހުޅުވައިފި އެވެ.

ޕާކިން ޒޯން ހުޅުއްވައިދެއްވީ މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒުއެވެ.

މި ޕާކިން ޒޯނަކީ ސައިކަލްތަކަށް ހާއްސަކޮށްގެން ތަރައްގީ ކުރެވުނު 175 ސައިކަލްގެ ޖާގަ ހިމެނޭ ޕާކިން ޒޯނެކެވެ. މި ޒޯނަށް ވަދެވޭނީ ހަނދުވަރީ ހިނގުމުންނެވެ. ބޮޑުގޭގައި ތަރައްގީ ކޮށްފައިވާ ޕާކިން ޒޯން ހުޅުވުމުން އެ ސަރަހައްދުގައި އޮންނަ ހަނިގޯޅިއެއްކަމަށްވާ ދަކަނދާ މަގުގައި ޕާކްކުރާ ސައިކަލްތައް މި ޒޯނަށް ބަދަލުކޮށް ދަކަނދާ މަގުގައި ޕާކްނުކުރެވޭ ގޮތަށް ހަމަޖެއްސުމަށް ވަނީ ނިންމާފައެވެ.

ބޮޑުގޭ ޕާކިންގް ޒޯން ހިމެނޭ ސަރަހައްދު ޒީނަތްތެރި ކުރުމަށް ޒުވާނުންގެ ހުނަރު ފެންނަ ގޮތަށް އެތަނުގެ ފާރުތަކުގައި ކުރަހައި ވަނީ ޒީނަތްތެރި ކޮށްފައެވެ.

ސިޓީ ކައުންސިލުން ދަނީ މާލޭގެ ޕާކިން މައްސަލައަށް ހައްލެއްގެނެސް މަގުތަކުގައި ހިނގާބިނގާވާ މީހުނަށާއި އެއްގަމު އުޅަނދުފަހަރު ދުއްވުމަށް ފަސޭހަ ގޮތްތަކެއް ހޯދުމަށް މަސައްކަތް ކުރަމުންނެވެ. އެގޮތުން މާލޭގެ އެކި ސަރަހައްދުތަކުގައި ޕާކިން ޒޯންތައް ތަރައްގީ ކުރަމުންގެންދާ ގޮތަށް ވަނީ ހަމަޖައްސާފައެވެ. މިހާރުވެސް އަގު ދީގެން ޕާކްކުރުމަށް 211 ޖާގައަށް ކުރިމަތިލުމުގެ ފުރުސަތުވަނީ ހުޅުވާލާފައެވެ.

މިހާތަނަށް ކުރެވުނު މަސައްކަތުން 6000 އަށްވުރެ ގިނަ ވެހިކަލްތައް މަގުމަތިން ނަގައި ޕާކިންޒޯންތަކަށް ވެއްދިފައިވާ ކަމަށް ސިޓީ ކައުންސިލުން ބުންޏެވެ.