ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ޒަމާންވީ ރަހްމަތްތެރިކަމެއް އޮތުމުން އެ ގުޅުން އަބަދުވެސް އެގޮތުގައި އޮތް ކަން ދައްކަވަން ދެ ބޭފުޅުން ވަރަށް މަސައްކަތް ކުރައްވައިފި އެވެ. އެކަމަކު ރައީސް ސޯލިހަށް ރައީސުލްޖުމްހޫރިއްޔާގެ މަގާމު ލިބިވަޑައިގަތުމާ ހަމައިން ޒަމާންވީ ރަހްމަތްތެރިކަމަށް ބުރޫއަރައި ގުޅުން ކުޑަވި އެވެ. ދެބޭފުޅުންގެ މެދުގައި ހިޔާލުތަފާތުވާ މައްސަލަތައް އިތުރުވަމުން އައިސް ގުޅުން ދުވަހުން ދުވަހަށް ގޯސްވި އެވެ. ރައީސް ސޯލިހާ އެކު ސިޔާސީ ގޮތުން މަސައްކަތް ނުކުރެއްވޭނެ ކަމަށް ރައީސް ނަޝީދު އިއްޔެ އިއުލާން ކުރެއްވީ ބާރުވެރިކަން ހޯއްދެވުމަށް އެކި ފޯމިއުލާ ބޭނުންކުރައްވައިގެން ވެސް އެމަނިކުފާނު ހާސިލް ކުރަން ބޭނުންވާ އުއްމީދުތަކަށް ދެން ހާސިލް ނުކުރެވޭނެކަން ޔަގީންވުމުންނެވެ. އެހިސާބަށް ގޮސްފައި އެވަނީ ވަރަށް ގިނަ ސިޔާސީ ކޮޅިގަނޑު ތަކަށް ފަހު އެވެ.
ދެ ބޭފުޅުން ވެސް މިހާރު ބޭނުން ވަނީ ސިޔާސީ ބާރުވެރިކަމެވެ. އެއީ ސާފުކޮށް ފެންނަން އޮތް ހަގީގަތެކެވެ. މައްސަލަތައް ފެށޭ ހިސާބަކީ ވެސް އެއީ އެވެ. ދެ ބޭފުޅުންގެ ދެމެދުގައި އޮތް ގުޅުމުގައި ރެނދު އެޅީ ވެސް އެ ސަބަބާ ގުޅިގެންނެވެ.
ރައީސް ނަޝީދުގެ ހުރިހާ ވިސްނުމެއް ހުރީ އަލުން ވެރިކަމަށް ވަޑައިގަތުމަށެވެ. ކުރައްވާ ހުރިހާ މަސައްކަތެއް އެ ކުރައްވަނީ ވެސް އެ މަގަށެވެ. އެމަނިކުފާނު އެކަން ސިއްރުކުރައްވައިގެން އުޅުއްވާ މަންޒަރެއް ވެސް ނުފެނެ އެވެ. އާންމުންނަށް ސުވާލުކުރަން ހުޅުވާލައިގެން ބާއްވަމުން ގެންދަވާ "އާސްކް ސްޕީކާ"ގެ އެންމެ ފަހު ބައްދަލުވުމުގައި ވެސް ރައީސް ނަޝީދު ދެއްކެވީ އެ ވާހަކަތަކެވެ. ވެރިކަން ކުރައްވަން ބޭނުންވާ ކަމާއި، އެމްޑީޕީ ޓިކެޓް ހޯއްދަވަން ވާދަކުރައްވަން ޖެހޭ ކޮންމެ ރޭހަކު ވާދަކުރައްވާނެ ވާހަކަ އެވެ.
ވެރިކަން ކުރައްވަން ބޭނުންވާ ވާހަކަ އެކަނި ވިދާޅުވެފައި އަދި ނިންމަވާލެއްވީކީ ވެސް ނޫނެވެ. ވެރިކަމުގެ ނިޒާމު ބަދަލުކުރައްވަން ބޭނުންވާ ކަމާއި އެ މަސައްކަތް ފައްޓަވައި ކާމިޔާބު ހޯއްދަވާނެ ކަމުގެ ޔަގީންކަން ވެސް ދެއްވި އެވެ. ރިޔާސީ ނިޒާމު، ބަރުލަމާނީ އަށް ފުރޮޅާލުމަށްފަހު ބޮޑުވަޒީރަކަށް ވެވަޑައިގަތުމަށްޓަކައި ނަން ހުށަހަޅުއްވާނެ ކަމަށްވެސް ގެންދެވީ ވިދާޅުވަމުންނެވެ.
ރައީސް ނަޝީދު އެ ހުރިހާ ވާހަކަފުޅެއް ދައްކަވަމުން ގެންދެވިއިރު ރައީސް ސޯލިހުގެ ވިސްނުމާއި ފިކުރު ހުރި ގޮތެއް ބައްލަވާފައެއް ނުވެ އެވެ. ރައީސް ސޯލިހް ރިޔާސީ ދެވަނަ ދައުރެއް ބޭނުންފުޅުވޭތޯ އައްސަވާފައެއް ނުވެ އެވެ. އެކަމާ ގުޅޭ މަޝްވަރާއެއް ހިޔާލެއް ވެސް ހޯއްދަވާފައެއް ނުވެ އެވެ. ރަނގަޅެވެ. އެ ހުރިހާ ވާހަކައެއް އަހައި އޮޅުންފިލުވުމަކީ ރައީސް ނަޝީދު ކުރައްވަން ލާޒިމް ކަމެއް ނޫނެވެ. އެކަމަކު މިވަގުތު ރައީސުލްޖުމްހޫރިއްޔާގެ މަގާމު އަދާކުރައްވަމުން ގެންދަވަނީ ރައީސް ސޯސޯލިހްކަމަށްވެފައި އެމަނިކުފާނު ރިޔާސީ ދެވަނަ ދައުރެއް ބޭނުންވޭތޯއެއްސެވުމަކީ އަހްލާގީ ރަނގަޅު ސިފައެކެވެ.
ރައީސް ސޯލިހް ރިޔާސީ އިތުރު ދައުރެއް ބޭނުންވާ ކަން މިހާތަނަށް ހާމަކުރައްވާފައެއް ނުވެ އެވެ. އެކަމަކު އަމަލުފުޅާއި ބަސް މަގު ހުންނަ ގޮތުން ރިޔާސީ ދެވަނަ ދައުރެއް އެމަނިކުފާނު ބޭނުންވާ ކަން އެނގެ އެވެ. ރައީސްގެ ތަރުޖަމާން ދައްކަވާ ވާހަކަފުޅު ވެސް ހުރީ އެ މަގަށެވެ. ރައީސް ސޯލިހުގެ ވައުދުތައް ފުއްދަވަން ފަސް އަހަރުގެ ދެ ދައުރު ބޭނުންވާ ކަމަށް ތަރުޖަމާން އޮތީ ވިދާޅުވެފަ އެވެ. މަބްރޫކަކީ ރައީސް ސޯލިހުގެ "މައުތުޕީސް" އެވެ. ކޯލިޝަން ރޫޅާލުމަށް ރައީސްގެ ޕާޓީ، އެމްޑީޕީން ތަކުރާރުކޮށް ފިއްތުއްތައް ކުރިމަތި ކުރުވި ނަމަވެސް ކޯލިޝަން ރޫޅާނުލައި ހިފަހައްޓަވާ އެންމެ ބޮޑު ސަބަބަކީ ވެސް ރިޔާސީ ދެވަނަ ދައުރެއް ކާމިޔާބު ކުރެއްވޭނެ ހަމައެކަނި ފޯމިއުލާ އަކީ ކޯލިޝަން ހިފެހެއްޓެވުން ކަމަށް ގަބޫލުކުރައްވާތީ އެވެ. އެހެންކަމަށްވާނަމަ އެ ވާހަކަ ރައީސް ނަޝީދާ ހިއްސާކުރެއްވުމަކީ ރައީސް ސޯލިހް ވެސް ކުރައްވަންޖެހިވަޑައިގަންނަވާނެ ކަމެކެވެ. އެއީ ރައީސް ނަޝީދަކީ އެމްޑީޕީގެ ރައީސަށް ވެފައި ރާއްޖޭގެ އެންމެ ގިނަ ބައެއްގެ ތާއީދު އޮތް ބޭފުޅާ އަށް ވާތީ އެވެ. އެކުވެރިކަމާއި ގާތްކަން ވެސް އޮތީތީ އެވެ.
ބަރުލަމާނީ އަށް ބަދަލުކުރަން އެއްބާރުލުން ނުދެއްވުން
ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި ރައީސް ނަޝީދަކީ ފެށުނީއްސުރެ ވެސް ބަރުލަމާނީ ނިޒާމަށް ތާއީދު ކުރެއްވި ދެ ބޭފުޅުންނެވެ. ރާއްޖޭގައި އޮންނަން ފެންނަ ވެރިކަމުގެ ނިޒާމެއް ކަނޑައެޅުމަށް ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދިޔައިރު ދެ ބޭފުޅުން ވެސް ކެމްޕޭން ކުރެއްވީ ބަރުލަމާނީ ނިޒާމަށެވެ. އެކަމަކު ރައީސް ސޯލިހް މިހާރު އެ ހުންނެވީ ވެރިކަމުގެ ނިޒާމު ބަދަލުކުރަން ރައީސް ނަޝީދަށް އެއްބާރުލުން ދެއްވާ ރޫހެއްގައެއް ނޫނެވެ.
ބަރުލަމާނީ ނިޒާމަށް ފުރޮޅާލަން ބޭނުންވާ ކަމުގެ ވާހަކަތައް ރައީސް ނަޝީދު ދޭތެރެއަކުން ތިލަކޮށްލަ އެވެ. އެކަމަކު އެއަށް ވުރެ އަވަހަށް ސަރުކާރުގެ ތެރެއިން އެހެން މައްސަލައެއް ކުރިއަށް ނެރުއްވާ ނިޒާމުގެ ވާހަކަ ރައީސް ހިންދާލަ އެވެ.
ވެރިކަން ކުރާ ކޯލިޝަންގައި ތިއްބެވި ސިޔާސީ ލީޑަރުންގެ ތެރެއިން ރައީސް ނަޝީދު ފިޔަވާ ދެން ތިއްބެވި ލީޑަރުންނަކީ ވެސް ބަރުލަމާނީއާ ދެކޮޅު ލީޑަރުންނެވެ. އެހެންކަމުން ހަމައެކަނި ރައީސް ނަޝީދުގެ މަސްލަހަތަށް އިސްކަން ދެއްވައިގެން ނިޒާމު ބަދަލުކުރަން މަސައްކަތް ކުރުމަކީ ރައީސް ސޯލިހަށް މިވަގުތު މަސްލަހަތު ހުރި ކަމަކަށް ނުވާނެ އެވެ. އެކަމަކު ރައީސް ނަޝީދު ހުންނެވީ ނިޒާމު ބަދަލުކުރުމުގެ މަސައްކަތުގައި އެހެން ބައެއްގެ ވިސްނުމަށް ބަލައި އެ މަސައްކަތް ހުއްޓާލާ ގޮތަކަށް ނޫނެވެ. އަދި ކުރިއަށް އޮތް ރިޔާސީ އިންތިހާބުގެ ކުރިން ނިޒާމު ބަދަލުކުރުމަކީ ރައީސް ނަޝީދުގެ އަމާޒެކެވެ. އެކަން ރައީސް ނަޝީދަށް ކާމިޔާބުވެއްޖެ ނަމަ ރައީސް ސޯލިހަށް ވެރިކަމުގެ ފުރަތަމަ ދައުރު ފުރިހަމަ ކުރުމުގެ ފުރުސަތު ގެއްލިގެން ދާނެ އެވެ. އެހެންވެ ވެރިކަމުގެ ނިޒާމު ބަދަލުކުރުމަށް ރައީސް ސޯލިހް ދޫދެއްވާނެ ކަމަށް ނުބެލެވެ އެވެ. އެއީ ރައީސް ނަޝީދަށް ބަލައިގަނެވޭނެ ކަމަކަށް ނުވާނެ އެވެ.
ރައީސް ނަޝީދު ބޭނުންވަނީ ގާނޫނުއަސާސީ އިސްލާހުކުރުމަށްމަޖިލީހުގެސުޕަ މެޖޯރިޓީ ލިބިފައިވާތީ އެމްޑީޕީއަށް ލިބިފައިވާތީ އެ ފުރުސަތުގެ ބޭނުންކުރައްވައިގެން ނިޒާމު ބަދަލުކުރާށެވެ. ނަމަވެސް ރައީސް ނަޝީދު އެދިވަޑައިގަންނަވާ ގޮތަށް ނިޒާމު ބަދަލުކުރެވޭނީ ރައީސް ސޯލިހް ފުރިހަމަ އަށް އެހީތެރިކަމާއި އެއްބާރުލުން ދެއްވައިގެންނެވެ. ސަބަބަކީ އެމްޑީޕީގެ ސުޕަ މެޖޯރިޓީގައި ހިމެނޭ 65 މެންބަރުންގެ ތެރެއިން ގިނަ މެންބަރުންތަކެއް ރައީސް ސޯލިހަށް ވެސް ތާއީދުކުރައްވާތީ އެވެ. އެހެންކަމުން ނިޒާމު ބަދަލުކުރަން ރައީސް ސޯލިހް އެއްބާރުލުން ނުދެއްވުމަކީ ދެ ބޭފުޅުންގެ ގުޅުން ގޯސްވާނެ ކަމެކެވެ. އެހެންވެ ސިޔާސީ އުއްމީދުތައް ހާސިލްކުރުމަށްޓަކައި ރައީސް ނަޝީދު އެހެން ގޮތްތައް ހޯއްދަވާނެ އެވެ. އެގޮތަކީ އިދިކޮޅު ކޯލިޝަންގެ އަތުގައި ހިފުމެވެ.
ކޯލިޝަން ރޫޅާލުމަށް އެއްބަސް ނުވުން
ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި އެކު ވެރިކަން ކުރާ ކޯލިޝަންގައި ތިއްބެވި ބޭފުޅުންނަކީ ރައީސް ނަޝީދުގެ ވެރިކަން ނިމުމަކަށް ގެނައި ބޭފުޅުން ކަމަށް އެމަނިކުފާނު އަބަދުވެސް ގަބޫލުކުރައްވަ އެވެ. ދޭތެރެ އަކުން އެ ހަނދާންތައް އާކުރައްވާ ވެރިކަން ބަދަލުވެގެން ދިޔަ ގޮތުގެ އުދާސްތައް ބަންޑުންކޮށްލައްވަ އެވެ.
ސަރުކާރުގައި އެމްޑީޕީގެ ބޮޑު ހިއްސާއެއް އޮތަސް އަދި ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނެވީ އެންމެ ގާތް ރަހްމަތްތެރިޔާ ކަމަށްވީ ނަމަވެސް ސަރުކާރުގެ ތެރެއިން ނަޝީދު ކުރައްވަން ބޭނުންވާ ބައެއް ކަންކަން ހުއްޓެނީ ވެސް ދެން ތިއްބެވި ކޯލިޝަން ލީޑަރުންގެ ސަބަބުން ކަމަށް ނަޝީދު ގަބޫލުކުރައްވަ އެވެ. ޥެރިކަމުގެ ނިޒާމު ބަދަލުކުރުމުގެ މަސައްކަތާއި އެމްޑީޕީގެ އެތައް ބަޔަކަށް ސަރުކާރުގެ ތެރެއިން ވަޒީފާ ހޯދައިދޭން ނަޝީދު ކުރައްވާ މަސައްކަތް ހުއްޓެނީ ރައީސް ސޯލިހް ކޯލިޝަން އިސްކުރައްވާތީ އެވެ. އެހެންކަމުން މިހާރު މިއޮތް ކޯލިޝަން ރޫޅާލަން ނަޝީދު ބޭނުންވާތާ ކިތަންމެ ދުވަހެކެވެ.
ނަޝީދު އެގޮތް ހިޔާރުކުރެއްވީ ނިމިގެން ދިޔަ މަޖިލިސް އިންތިހާބުގައި އެމްޑީޕީ އަށް މަޖިލީހުގެ ސުޕަ މެޖޯރިޓީ ލިބުމާ އެކު އެވެ. އެހެން ޕާޓީއެއްގެ ކައިރީ ހޭ ވެސް އަހާ ނުލައި ގާނޫނުއަސާސީ އިސްލާހުކޮށް ބޭނުން ގާނޫނެއް މަޖިލީހުގެ ތެރެއިން ފާސްކުރުމުގެ ފުރިހަމަ ބާރުވެރިކަން އެމްޑީޕީ އަށް ލިބުނު ހިސާބުންނެވެ.
ކޯލިޝަން ރޫޅާލުމަކީ އެމްޑީޕީ އާއި ރައީސް ނަޝީދަށް އެންމެ ރަނގަޅު ގޮތް ކަމަށް ވެދާނެ އެވެ. އެކަމަކު ރައީސް ސޯލިހް، ކޯލިޝަން ރޫޅާލައްވައިފިނަމަ ރިޔާސީ ދެވަނަ ދައުރެއް ހޯއްދަވަން ކުރާ މަސައްކަތް ފަސްލެވިގެންދާނެ އެވެ.
ފިއްތުމާއި ބިރު ދެއްކުމުގެ ތެރެއިން ބައެއް ވަޒީރުން ދުއްވާލުން
ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމާ ނަޝީދު ހަވާލުވެވަޑައިގަތުމަށްފަހު އެމްޑީޕީގެ މެންބަރުން ވަނީ މަޖިލީހުގެ ބާރު ބޭނުންކުރައްވައިގެން ސަރުކާރު ހިންގުމުގެ ތެރެއަށް ވަރަށް ބޮޑަށް ވަދެވަޑައިގެންފަ އެވެ. ބައެއް ފަހަރު އިދިކޮޅު ޕާޓީ އަކީ އެމްޑީޕީ ކަމަށް ހީވާ ވަރަށްވެސް އެމްޑީޕީގެ މެންބަރުން އެ މަސައްކަތް ކުރައްވާފައިވެ އެވެ. ސަރުކާރުގެ ވަޒީރުންނާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އެންމެ އިސްވެރިން ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް މަޖިލީހަށް ހާޒިރުކޮށް ކެނޑިނޭޅި ސުވާލުކުރަމުން ގެންގޮސްފައިވެ އެވެ. މަޖިލީހުން ކުރަން އަންގާ ބައެއް ކަންކަން ކުރެއްވުމަށްފަހު ބައެއް ވަޒީރުންނަށް ސަރުކާރުގެ އިތުރު މަސައްކަތެއްގައި ބައިވެރިވުމަށް ދަތިވާ ވަރަށް ބައެއް ވަޒީރުން ތާށިކޮށްލާފައި އެބަހުއްޓެވެ.
ސަރުކާރު ހިންގަވަން ތިއްބެވި ވަޒީރުންނަށް އެކަންވީ ވަރަށް ބޮޑު ދައްޗަކަށެވެ. އުދަގުލަކަށެވެ. ބައެއް ބޭފުޅުން ރައީސް ސޯލިހާ ހަމައަށް އެ ޝަކުވާ ގެންދަވާފައި ވެސް އެބަހުއްޓެވެ. މަޖިލީހުން ބައެއް ވަޒީރުންގެ އިތުބާރު ނެތް ކަމުގެ މައްސަލަ ކުރިއަށް ގެންދަން ނިންމުމުން ރައީސް ސޯލިހަށް އެ ވަޒީރުންގެ ދިފާއުގައި އެއްޗެއް ވިދާޅުވާން ކެރިވަޑައިނުގަންނަވާ ވަރަށް ރައީސް ނަޝީދު އެ މަސައްކަތްތަކުގައި ބައިވެރިވެވަޑައިގެންފައިވެ އެވެ. ރައީސް ނަޝީދު އެގޮތަށް ނިކުންނެވުމާ ގުޅިގެން ބައެއް ވަޒީރުންނަށް މަޖުބޫރުވެގެން ދެން އިތުރު ގޮތެއް ނެތް ކަމަށް ވިސްނިވަޑައިގެން މަގާމުން އިސްތިއުފާ ދެއްވާފައި އެބަހުއްޓެވެ.
ވަޒީރުންގެ ތެރެއިން ވެސް މަގާމުން ދުރުކުރަން ރައީސް ނަޝީދު އެންމެ ބޭނުންވީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އެވެ. ސިއްރާއި ފާޅުގައި މަސައްކަތް ކުރައްވައިގެން ވެސް ރައީސް ނަޝީދަށް އެކަމުގައި ކާމިޔާބެެއް ލިބިވަޑައެެއް ނުގަތެވެ. މިސަރުކާރުގައި ރައީސް ސޯލިހާ އެންމެ އަރިސްކޮށް އުޅުއްވަނީ ވެސް އަދި އެންމެ ބާރުގަދަކޮށް ފެންނަނީ ވެސް ފައްޔާޒު އެވެ. ރައީސް ސޯލިހް ވަނީ ފައްޔާޒު ވަކިކުރަން މަޖިލީހުގައި ރައީސް ނަޝީދު ކުރެއްވި ހުރިހާ މަސައްކަތެއް ހުއްޓުވާފަ އެވެ. އެއީ ރައީސް ނަޝީދާއި ރައީސް ސޯލިހްގެ ގުޅުމަށް އެންމެ ބޮޑަށް އަސަރުކުރުވި އެއް މައްސަލަ އެވެ.
ހައެއްފަހެއްގެ ހަމަލާ: ފެއަށް ޖެހެން ލިބުނު ހަތިޔާރު
ރައީސް ނަޝީދަށް އަމާޒުކޮށް ހައެއްފަހެއްގައި ދިން ހަމަލާ އަކީ އެމަނިކުފާނު އަވަހާރަކޮށްލަ ދިން ހަމަލާ އެކެވެ. މަޖިލީހުން ނެރެފައިވާ އިންކުއަރީ ރިޕޯޓުން އެކަން ވަރަށް ސާފެވެ. އެ ހަމަލާގެ ސަބަބުން ރައީސް ނަޝީދަށް ބޮޑެތި އަނިޔާތަކެއް ލިބުނުކަން އެ އޮތީ ފެންނާށެވެ. އެހެންކަމުން އެމަނިކުފާނަށް ހަމަލާ ދިނުމުގައި ބައިވެރިވި މީހުންގެ އިތުރުން އެ އޮޕަރޭޝަނަށް ފަންޑު ކުރި މީހުން ހޯދަންޖެހެ އެވެ. އެކަން ނުހޯދި ރައީސް ނަޝީދަށް އިންސާފު ލިބުމަކީ ވާނެ ކަމެއް ނޫނެވެ.
ރައީސް ނަޝީދަށް އިންސާފު ނުލިބޭނަމަ އެމަނިކުފާނުގެ ޕާޓީގެ ބޮޑު އަގުލަބިއްޔަތެއް އޮތް ސަރުކާރެއްގެ ބޭނުމެއް ނެތެވެ. ވެރިކަމުގައި ހުންނެވީ ރައީސް ނަޝީދުގެ އެންމެ ގާތް ރަހްމަތްތެރިޔާ ކަމަށްވީ ހިނދު ރައީސް ނަޝީދަށް ރައްކާތެރިކަން ނުދެވުމަކީ މުޅި ސަރުކާރު ފެއިލްވުމެވެ. ރައީސް ނަޝީދުގެ ހިތާއި ގުޅިފައި އޮތް ސަރުކާރަކުން އިންސާފު ނުލިބޭނަމަ އިންސާފު ހޯދާނެ މަގުތައް އެމަނިކުފާނު އިހްތިޔާރުކުރާނެ އެވެ. އަމިއްލަ ސަރުކާރެއް ފަދަ ބަޔަކު ހިންގާ ވެރިކަމެއްގައި އިންސާފު ނުލިބޭނަމަ އެފަދަ ސަރުކާރަކަށް ރައީސް ނަޝީދު ތާއީދުކުރައްވައިގެން ހުންނަވަންޖެހޭ ސަބަބެއް ނޯންނާނެ އެވެ. ހަމަލާ ހަތިޔާރަކަށް ހައްދަވައިގެން ސަރުކާރާ ދުރަށް ދަނީ ކަމަށް ބައެއް ބޭފުޅުން ވިދާޅުވި ނަމަވެސް އެކަން ހިނގާނީ އެގޮތަށެވެ.