ސިޓީ ކައުންސިލުން ކުއްޔަށް ދޫކުރާ ޕާކިން ޒޯންތަކާއި މާރުކޭޓް ގޮޅިތަކަށް އެދޭ މީހުންގެ މެދުގައި ގުރުއަތުލާން ޖެހިއްޖެނަމަ ގުރުއަތުލާނީ ޓީވީ އިން ލައިވްކޮށްގެން ކަމަށް މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
މޭޔަރު މިހެން ވިދާޅުވީ އަލުން ގޮޅިތައް ދޫކުރާއިރު ޕީޕީއެމްގެ މެންބަރުންނާއި ޕީޕީއެމަށް ސޮއިކުރާ ގޮޅިތަކުގެ ވެރިންނަށް އިސްދޭނެ ކަމަށް ބުނެ ވާދަވެރި ބައެއް ފަރާތްތަކުން އަމާޒު ކުރަމުންދާ ފާޑުކިޔުންތަކާއި ގުޅިގެންނެވެ.
މުއިއްޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޕާކިންގް ސްލޮޓްތަކާއި މާރުކޭޓް ގޮޅިތައް ކުއްޔަށް ދޫކުރުމުގެ ކަންކަން ކުރިއަށް ގެންދާނީ ހުރިހާ މައުލޫމާތެއް އާންމުކޮށް ފެންނަގޮތަށް ވަރަށް ޓްރާންސްޕަރެންޓް ގޮތަކަށް ކަމަށެވެ.
މާލޭ ސިޓީ ކައުންސިލުން ވަނީ މާރުކޭޓް ގޮޅިތަކާއި އަދި ޕާކިން ސްލޮޓްތައް ކުއްޔަށް ދޫކުރުމަށް އާންމުކޮށް އިއުލާންކޮށްފައެވެ.
އަގުދީ ގެން ހަތަރު ފުރޮޅުލީ އުޅަނދު ޕާކްކުރާ ޕާކިންގް ސްލޮޓްތަކަށް ހުޅުވާލީ މި ޖުލައި މަހުގެ 8 ވަނަ ދުވަހުން ފެށިގެން 18 ވަނަދުވަހުގެ ނިޔަލަށް ފޯމު ހުށަހެޅުމަށެވެ. 211 ޕާކިންގް ޒޯން ދޫކުރުމަށް ހުޅުވާލާފައިވާއިރު މީގެތެރޭގައި މަގުތަމީގެ ޕާކިންތައްވެސް ހިމެނެއެވެ. މަގުތަމީގެ ޕާކިންގްގެ ގޮތުގައި ހުރީ މއ. ވައިދެރިޔާ ހިންގުމުން 44 ޖާގަ އާއި މއ.ރާދަފަތި ހިނގުމުން 21 ޖާގަ އާއި މއ. ކުރެދި ގޯޅިން 10 ޖާގަ އާއި މއ.ހުދުފަޅު ހިނގުމުން 8 ޖާގަ އާއި މ.ހިލާލީ މަގު އަމީނިމަގުން ފެށިގެން ދެކުނު އިރުމަތީފަޅިން 20 ޖާގަ އާއި މ.ހިލާލީ މަގު އަމީނިމަގު އިރުމަތީފަޅިން 10 ޖާގައެވެ. މީގެ އިތުރުން ސަލާހުއްދީން ޕާކިން އިން 10 ޖާގަ އާއި އާތިފިޝަލް ބީޗް ޕާކިންއިން 24 ޖާގަ އާއި އަލިމަސް ކާނިވާ ސަރަހައްދުން 6 ޖާގަ އަދި ސަލްމާން މިސްކިތް ޕާކިންގް އިން 58 ޖާގަ ދޫކުރާގޮތަށް ވަނީ ހަމަޖެހިފައެވެ.
ޕާކިންގް ޖާގަތައް ދޫކުރުމަށް ހަމަޖެހިފައިވަނީ ގުރުއަތުލައިގެންނެވެ. މި ޖާގަތަކަށް އެދެވޭނީ 350 ކިލޯއިން ދަށުގެ ޕިކަޕަށާއި ކާރާއި ވޭނަށެވެ.
މާލޭ ސިޓީ ކައުންސިލުން މާރުކޭޓް ގޮޅިތައް ކުއްޔަށް ދޫކުރުމަށް އިއުލާންކުރީ މި ޖުލައި މަހުގެ 10 ވަނަ ދުވަހުއެވެ. ގޮޅި ކުއްޔަށް ދޫކުރަނީ ދަތުރުވެރިންގެ މަރުކޭޓާއި ލޯކަލް މާރުކޭޓުންނެވެ. މި ދެ މާރުކޭޓުން ޖުމްލަ 349 ގޮޅި ކުއްޔަށް ދޫކުރުމަށް ވަނީ ހަމަޖައްސާފައެވެ. އެއީ ލޯކަލް މާރުކޭޓުން 186 ގޮޅި އާއި ދަތުރުވެރިންގެ މާރުކޭޓުން 163 ގޮޅިއެވެ. ލޯކަލް މާރުކޭޓްގެ ގޮޅިތަކުގެ ތެރޭގައި ހިމެނެނީ ތަރުކާރީ އާއި މޭވާ ވިއްކުމަށް ހާއްސަ 100 ގޮޅި އާއި ވަޅޯމަސް ވިއްކުމަށް ހާއްސަ 32 ގޮޅި އާއި ލުއިކާނާ އާއި ސޮފްޓް ޑްރިންކްސް ވިއްކުމަށް ހާއްސަ 35 ގޮޅި އާއި ގަޑިކަމަރު ވިއްކުމަށް ހާއްސަ 19 ގޮޅިއެވެ.
ގޮޅިތައް ކުއްޔަށް ދިނުމަށް ކަނޑައަޅާފައިވާ ރޭޓަކީ އަކަފޫޓަކަށް 31.25 ރުފިޔާގެ ރޭޓުން ގޮޅީގެ ބޮޑުމިނަށް ހިސާބުހެދީމައި ޖެހޭ އަގެވެ. މި ރޭޓުން ހިސާބުކުރުމުން އެންމެ ބޮޑު ގޮޅިއަށް ޖެހެނީ 2000 ރުފިޔާއެވެ. ގޮލީތަށް ދޫކުރުމަށް ހަމަޖެހިފައިވަނީ ދެ އަހަރު ދުވަހުގެ މުއްދަތަށެވެ.
މާރުކޭޓް ގޮޅިތަކަށް ކުރިމަތިލާ މީހުންނަށް ޕޮއިންޓް ދިނުމުގައި މިފަހަރު ބަލާނީ ގޮޅި ލިބިފައިވާ މީހުންގެތެރެއިން ގޮޅި ލިބިފައިވާ މުއްދަތުގައި އަމިއްލައަށް ގޮޅި ހިންގާ ކޮންމެ މީހަކަށް 30 ޕޮއިންޓް އަދި ސޭޓެއްގެ ގޮތުގައި ނުވަތަ އެހީތެރިއެއްގެ ގޮތުގައި ހުރެގެން ގޮޅި ހިންގާ ފަރާތެއްނަމަ 15 ޕޮއިންޓެވެ. މީގެ އިތުރުން ގޮޅި ހިންގާތަން ތިން އަހަރުވެފައިވާނަމަ 45 ޕޮއިންޓެވެ. މި ބަޔަށް ޕޮއިންޓް ދިނުމުގައި ދެ އަހަރުވެފައިވާނަމަ 30 އަދި އަހަރުވެފައިވާނަމަ 15 ޕޮއިންޓް ދޭގޮތަށް ގިންތިކޮށްފައިވެއެވެ.
ގޮޅިކުއްޔަށް ހިފަން އެދި ކޮންމެ މީހަކަށްވެސް ހުށަހެޅޭނީ އެއް ފޯމެވެ. އަދި އެމީހަކު އެދޭ މާރުކޭޓެއް ފާހަގަ ކުރަންޖެހޭ ގޮތަށް ވަނީ ހަމަޖައްސާފައެވެ. ގޮޅި ދޫކުރުމުގައި ބަލަނީ 50 ޕޮއިންޓަށްވުރެ މަތިން ލިބޭ މީހުންގެ މެދުގައި ގުރުއަތުލައިގެންނެވެ. ގުރުއަތުލުމުގައި މާރުކޭޓްގެ ގޮޅިތަކުގެ ވިޔަފާރިތަކަށް ބަލައިގެން ގިންތިކުރުމަށްފަހު އެ ގިންތިއަކަށް އެދުނު މީހުންނަށް އެ ގިންތިއަކަށް ހަމަޖެހިފައިވާ ގޮޅިތަކުގެ ގިންތިއަށް ލައި ގުރުއަތުލާގޮތަށެވެ.
މާރުކޭޓް ގޮލީތަށް އަލުން ކުއްޔަށް ދިނުމަށް ހުޅުވާލީ މިހާރު ހުރި ގޮޅިތަށް ދޫކުރި މުއްދަތު ހަމަވެފައިވާތީއެވެ.