ބޮލީވުޑް

މާދުރީގެ ކައިވެނީގެ ޕްރޮޕޯސަލް ސުރޭޝް ވަދްކަރް ގަބޫލުނުކުރި!

މާދުރީ ޑިކްޝިޓް އަކީ ބޮލީވުޑްގެ އެންމެ މަޝްހޫރު އެއް ބަތަލާ އެވެ. އޭނާގެ ފަރިކަމާއި ރީތިކަމުގެ އިތުރަށް އެކްޓިން ހުނަރާއި ނެށުމުގެ ހުނަރަށް ގިނަ ބަޔަކު ތައުރީފު ކުރެ އެވެ. އަދި މިހާރުވެސް މާދުރީ ވަރަށް މޮޅަށް ނަށަން އެނގޭ ބަތަލާއަކު ނެތް ކަމަށް ގިނަ ބަޔަކު އަދިވެސް ގަބޫލު ކުރެ އެވެ.

މާދުރީގެ ފުރަތަމަ ފިލްމު "އަބޯދު" ބެލުންތެރިން ބަލައި ނުގަތަސް ރީތި އަދި ހުނަރުވެރި ބަތަލާއެއްގެ ގޮތުގައި މާދުރީ ބަލައިގަތެވެ. ފުރަތަމަ ފިލްމާ އެކު މާދުރީ މަޝްހޫރުވީލެއް ބޮޑުކަމުން އެންމެ ފަހަރަކުވެސް ފަސް އެނބުރި ބަލާލަން އޭނާއަކަށް ނުޖެހުނެވެ. ޕަދްމަ ޝްރީ އެވޯޑާއި ހަ ފިލްމްފެއާ އެވޯޑު ހާސިލު ކޮށްފައިވާ މާދުރީއަކީ އަމިއްލަ މަސައްކަތުން އިންޑަސްޓްރީގައި ފައިތިލަ ސާބިތުކުރި މީހެކެވެ. އޭނާއަށް އެހީވާނެ އޭނާ ދަންނަ ނުވަތަ އާއިލާގެ މީހަކު ވެސް ފިލްމު އިންޑަސްޓްރީއަކު ނެތެވެ.

ފިލްމީ ކެރިއަރުގެ އެންމެ ރަން ޒަމާނުގައި 1999 ގައި މާދުރީ އަލަތު ކައިވެނިކޮށް ޒަވާޖީ ހަޔާތެއް ފެށި އެވެ. ކެލިފޯނިއާގެ ލޮސް އެންޖަލިސްގައި ދިރިއުޅުނު ކާޑިސޯވެސްކިއުލާ ސާޖަން އެއް ކަމަށްވާ ޑރ. ޝްރީރާމް ނޭނޭ އާ އެވެ. ރާމް އާއި މާދުރީއަށް ދެ ފިރިހެން ދަރިން ލިބިފައި ވެއެވެ. އާރިން އާއި ރަޔާން އެވެ.

ނަމަވެސް މާދުރީގެ ޒާތީ ދިރިއުޅުމުގެ ވާހަކަތަކުގެ ތެރެއިން އެއް ވާހަކައަކީ މިހާތަނަށް މާ ގިނަ ބަޔަކަށް ނޭނގޭ ވާހަކަ ތަކެކެވެ. އޭގެ ތެރެއިން ވެސް އެއް ވާހަކައަކީ ލަވަކިޔުންތެރިޔާ ސްރޭޝް ވަދްކަރް އާއި މާދުރީ ކައިވެނި ކުރުވަން އޭނާގެ އާއިލާއިން މަސައްކަތް ކުރި ކަމެވެ.

އެތައް މިލިއަން ފިރިހެނުންނެއްގެ ހިތްތަކުގެ ރާނީއަކަށް ވެފައިވާ މާދުރީގެ ކައިވެނީގެ ޕްރޮޕޯސަލް ސުރޭޝް ގަބޫލު ނުކުރި ކަމެވެ. މާދުރީ އާ ކައިވެނިކުރަން ސުރޭޝް ދެކޮޅުހެދީ އޭނާ މާ ހިކި ކަމަށް ބުނެފަ އެވެ.

މާދުރީ ނިސްބަތްވަނީ މަހަރަޝްތުރާގެ އަބުރުވެރި ބޯދާ ހިޔާލުގެ މީހުން ތިބި އާއިލާއަކަށެވެ. އެހެންވެ މާދުރީ ފިލްމު ކުޅޭކަށް އޭނާގެ މައިންބަފައިންނާއި އާއިލާ ގަބޫލެއް ނޫނެވެ. އެހެންވެ މާދުރީގެ މި ޝައުގު ހަގީގަތަކަށް ނުވަނީސް އޭނާގެ ކައިވެނިކޮށް ގެއިން ފޮނުވާލަން މާދުރީގެ ބައްޕަ ގަސްތުކުރި އެވެ. އަދި މާދުރީ އާ ކައިވެނި ކުރާނެ މީހަކު ހޯދަން ފެށި އެވެ. އޭރު މާދުރީގެ އުމުރުން 17 ވަރަކަށް އަހަރު ނަމަވެސް އެހާ ޅަ އުމުރުގައި ވެސް އޭނާގެ ކައިވެނި ކުރަން އާއިލާއިން އުޅުނީ ފިލްމު ކުޅުނު ނުދޭން ވެގެންނެވެ.

މިގޮތަށް މާދުރީ އާ ކައިވެނިކުރާނެ ފިރިހެނަކު ހޯދި ހޯދުމުގައި މާދުރީގެ ބައްޕަގެ ލޮލުގައި ސްރޭޝް ވަދްކަރް އަޅައިގަތެވެ. އަދި ސުރޭޝް އަކީ އޭނާގެ ދަރިފުޅަށް ވަރަށް ރަނގަޅު ފިރިއަކަށް ވެދާނެ ކަމަށް މާދުރީގެ ބައްޕަ ގަބޫލު ކުރި އެވެ. މާދުރީ އަށް ވުރެ ސުރޭޝް 12 އަހަރު ދޮއްޓެވެ. އަދި އެ ދުވަސްވަރަކީ ލަވަކިޔުމުގެ ރޮނގުން ސުރޭޝް ވިދަން ފެށި ދުވަސްވަރެވެ. އެހެންވެ މާދުރީގެ ބައްޕަ ސުރޭޝްގެ އާއިލާއަށް މި ކައިވެނީގެ ޕްރޮޕޯސަލް ހުށަހެޅި އެވެ. ނަމަވެސް ސުރޭޝް ސާފު ބަހުން މި ކައިވެނި ކުރަން ދެކޮޅު ހެދި އެވެ. މާދުރީ މާ ހިކި ކަމަށް ބުނެފަ އެވެ.

މިކަމުގެ ސަބަބުން މާދުރީގެ ބައްޕައަށް ވަރަށް ބޮޑު މާޔޫސްކަމެއް ލިބުނަސް މާދުރީ ވީ އުފަލެވެ. ސަބަބަކީ ކައިވެންޏަށް ސުރޭޝް އެއްބަސްވީނަމަ އޭނާގެ ފިލްމު ކުޅުމުގެ ހުވަފެން ހަގީގަތަކަށް ނުވާނެކަން މާދުރީ އަށް ޔަގީން ވާތީ އެވެ. "އަބޯދު" ކުޅުމުގެ ފުރުސަތު ލިބި އެ ފިލްމު މާދުރީ ކުޅުނީ ސުރޭޝް ޕްރޮޕޯސަލް އަށް ނޫނެކޭ ބުނިތާ އަހަރެއް ފަހުން 1984 ގައެވެ.