އެޗްޑީސީ

އެޗްޑީސީން "ކްލަބްހައުސް" ސެޝަންތަކެއް ބާއްވަނީ

އެޗްޑީސީިން ކުރަމުންގެންދާ މަސައްކަތް ތަކުގެ ތެރެއިން ރައްޔިތުންނާއި ގުޅުންހުރި ކަންކަމުގެ އެންމެ ފަހުގެ މަޢޫލޫމާތުތައް ފޯރުކޮށް ދީ، ހުރި ކަންބޮޑުވުންތައް ދެނެގަތުމަށް އެ ކުންފުނިން "ކްލަބްހައުސް" ސެޝަންތަކެއް ބާއްވަން ފަށައިފި އެވެ.

މި ސެޝަން ތަކަކީ އެޗްޑީސީއިން ރައްޔިތުންނަށް ދެމުންގެންދާ ހިދުމަތްތަކުގެ އެންމެ ފަހުގެ މައުލޫމާތު ފޯރުކޮށްދީ އަދި އެ ކުންފުނިން ހިންގުމަށް ހަމަޖެހިފައިވާ މަޝްރޫއުތަކަށް އާންމުންގެ ހިޔާލު ދެނެގަނެ ކުރިއަށް ވުރެ ބޮޑަށް އެ ކުންފުންޏާއި ރައްޔިތުންގ ދެމެދު އޮންނަ ގުޅުން ރަނގަޅު ކުރުމަށް ކުރެވޭ މަސައްކަތެއް ކަމަށް އެޗްޑީސީއިން ބުންޏެވެ. އަދި މި ސެޝަންތަކުގެ ތެރެއިން ފުރަތަމަ ސެޝަން ވަނީ ރޭގައި ކުރިއަށް ގެންނގޮސްފަ އެވެ.

ރޭގެ ސެޝަން ކުރިއަށް ގެންގޮސްފައި ވަނީ ހިޔާ ހައުސިންގް މަޝްރޫއުގެ ފްލެޓްތަކުގެ އެއްބަސްްވުމުގައި ސޮއި ކުރުމާ ގުޅޭގޮތުންނެވެ. މި ސެޝަން ގައި އެޗްޑީސީއިން ވަނީ ހިޔާ ފްލެޓތަކުގެ އެގްރިމަންޓުތަކުގައި ސޮއި ކުރުމުގައާއި ހިޔާ ފްލެޓުގެ ވެރިންގެ މެދުގައި ގިނަ ކަންބޮޑުވުންތަކާއި، އަދި އެއްބަސްވުމުގައި ސޮއި ކުރުމުގެ މަސައްކަތް ވީހާވެސް ފަސޭހަ ކަމާއި އެކު ކުރިއަށް ގެންދިއުމަށް ގިނަ މަޢޫލޫމާތުތަކެއް ވަނީ މި ސެޝަން މެދުވެރިކޮށް ފޯރުކޮށްދީފަ އެވެ.

މި ސެޝަންގައި މައުލޫމާތު ދިނުމަށް ޕެނަލިސްޓުންގެ ގޮތުގައި އެޗްޑީސީގެ ފަރާތުން އެކުންފުނީގެ ރިއަލެސްޓޭޓް ޑިޕާޓްމަންޓްގެ ވެވރިންނާއި ލީގަލް ޓީމުން ވަނީ ބައިވެރި ވެފަ އެވެ.

އާންމުންގެ ހޫނު ތަރުހީބެއް ލިބުނު މި "ކްލަބްހައުސް" ސެޝަންގައި 500 އަށް ވުރެ ގިނަ މީހުން ބައިވެރިވި އެވެ. އަދި މި ސެޝަންގައި ވަނީ ބައިވެރިވި އާންމުންނަށް ސުވާލު ކުރުމުގެ ފުރުސަތު ހުޅުވާލާފަ އެވެ. އަދި އާންމުންގެ ފަރާތުން ލިބުނު ތަރުހީބާއި އެކު ގިނަ ބަޔަކު ބުނެފައިވަވނީ މުހިންމު ގިނަ މައުލޫމާތު ތަކެއް ސާފުވެ އޮޅުން ފިލައިފި ކަމަށެވެ.

އެޗްޑީސީއިން މުސްތަގުބަލުގައިވެސް ރައްޔިތުންނާ ގުޅުން ހުރި މަސައްކަތްތަކުގައި މިފަދަަ ސެޝަންތަކެއް "ކްލަބްހައުސް" ޕްލެޓްފޯމް ބޭނުންކޮށްގެން އާންމުންނަށް މައުލޫމާތު ފޯރުކޮށް ދެމުން ދާނެ ކަމަށް އެ ކުންފުނިން ވަނީ ބުނެފަ އެވެ.