ޑޮމެސްޓިކް އެއާޕޯޓް

އެތެރޭގެ އުދުހުން ހީނަރުކަމަކަށް ތިޔާގިވަނީ

Jul 17, 2021
2

ކޮވިޑް-19 އިގެ ދަތުރު ކުރުން މަނާ ފިޔަވަޅުތަކާއެކު އެންމެ ބޮޑު އިފެކްޓެއް ކުރީ ފްލައިޓް ތަކަށެވެ. ދުނިޔެއޭ އެއްގޮތަށް ރާއްޖޭގައި މި ހާލަތު ގޯސްވި އެވެ. ނަމަވެސް ކޮވިޑާއެކު އުޅެން ދަސްކޮށް - ވެކްސިން ޖަހައި - އުޅޭވޭނެ ގޮތް ހެދުމާއެކު މީހުން ދަތުރު ކުރަން ފަށައިފި އެވެ. މީގެ އެންމެ ބޮޑު އުފަލެއް ލިބުނީ ރާއްޖޭގެ އެތެރޭގެ އުދުހުން ތަކަށެވެ. ހީނަރު ހަ މަހަށް ފަހު ޑިމާންޑު މިވަނީ އުފުލެން ފަށާފަ އެވެ.

"ވަރަށް ދުވަސްކޮށްފަ ފްލައިޓެއް ތަކެއް އަޅަން މި ފެށެނީ. މިހާރު އެވްރެޖުކޮށް ދުވާލަކު 100 ފަސިންޖަރުން އިތުރަށް އެބަ ދަތުރު ކުރޭ،" ގައުމީ އެއާލައިން، މޯލްޑިވިއަންގެ ޕީއާރް މެނޭޖަރު މޫސާ ވަސީމް ވިދާޅުވި އެވެ. "އެންމެ ބޮޑު ޑިމާންޑެއް މި ފެންނަނީ ހަނިމާދޫއަށް."

ކޮވިޑުގެ އިންޑިއާ ވޭރިއަންޓާއެކު ރާއްޖޭޭގައި އުފެދުނު ދެވަނަ ރާޅުބާނި ބަނޑުދަމާލައި ނަމްބަރުތައް މަދުވުމާއެކު އެޗްޕީއޭއިން ވަނީ ލުއިތައް ދީފަ އެވެ. މި ލުއިތަކާއެކު ދެ ޑޯޒް ޖެހި މީހުން 72 ގަޑިއިރުގެ ނެގެޓިވް ޕީސީއާރެއް ހިފައިގެން ދަތުރު ކުރެވެ އެވެ. އަދި ދެޑޯޒް ފުރިހަމަ ނުކުރާ މީހުން ވެސް 10 ދުވަހުގެ ކަރަންޓީންއަކާއެކު މިހާރު ރަށްރަށަށް ދެވެ އެވެ. އެހެންވެ ގިނަ ބަޔަކު ދަނީ ކުރިއަށް އޮތް އީދުގެ ޗުއްޓީއާ ދިމާކޮށް ދަތުރު ކުރަމުންނެވެ.

އެތެރޭގެ އުދުހުންތަކުގެ ހިދުމަތްދޭ މަންޓާ އެއާގެ މެނޭޖަރު މާކެޓިން އެންޑް ކޮމިއުނިކޭޝަން މުބީން ޖަލީލު ވިދާޅުވީ މާބޮޑު ތަފާތެއް ނައި ނަމަވެސް އީދު ޗުއްޓީއަށް ދަތުރުތައް އިތުރުވާނެ ކަމަށް ބެލެވޭ ކަމަށެވެ. ނަމަވެސް ފުލް ރިކަަވަރީއަކަށް ދާނެ ކަމަށް ބެލެވެނީ މިހާރަށް ވުރެ ބޮޑަށް ލުއިވުމުން ކަމަށް އޭނާ ވިދާޅުވި އެވެ.

"އިތުރު ވަމުން އެބަދޭ. އެކަމަކު އަދި ވެސް 2019 އާ އަޅާ ކިޔާނަމަ 40 ޕަސެންޓް އޮޕަރޭޝަން ދަށް. އަޔާޓާ [ދުނިޔޭގެ ވައިގެ ދަތުރުފަތުރުގެ ޖަމިއްޔާ] ގެ ލަފާ ކުރުމަކީ ވެސް 60 ޕަސެންޓް ދަށުގައި ހުންނާނެ ކަމަށް. އެގޮތަށް މަޑުމަޑުން ޕިކް ކުރޭ،" ކުޑަހުވަދޫ އާއި ދަރަވަންދޫ އަށް ދަތުރު ކުރާ އެއާލައިނުން ވާހަކަ ދެއްކެވި މުބީން ވިދާޅުވި އެވެ.

ވިލާ އެއާގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ނާޝިދު ވިދާޅުވީ އެ ކުންފުނީގެ މަންޒިލްތަކަށް އޮތް ޑިމާންޑް މަތިވަމުންދާ ކަމަށެވެ. އަދި އެކަށީގެންވާ ޑިމާންޑެއް މިހާރު ވެސް ކްރިއޭޓްވެފައިވާ ކަމަށް އޭނާ ފާހަގަ ކުރެއްވި އެވެ.