އެމްޑީޕީއާއި ޕީޕީއެމް އަކީ ވަރަށް ގިނަ ކަންކަމުގައި ފިކުރު ތަފާތު ދެ ޕާޓީ ކަމަށާއި ފިކުރު ތަފާތު ބަޔަކާ އެކު ޕީޕީއެމުން މަސައްކަތް ނުކުރާނެ ކަމުގައި ޕީޕީއެމް ހިމެނޭ އިދިކޮޅު ކޯލިޝަނުން ބުނެފި އެވެ.
އިދިކޮޅު ކޯލިޝަނުން މިހެން ބުނެފައި މިވަނީ ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީންގެ އެހީތެރިކަމަށް އެދިވަޑައިގަންނަވާނެ ކަމުގައި އެމްޑީޕީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައި ވަނިކޮށެވެ.
ރައީސް ނަޝީދު އިއްޔެ ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހާ އެކު ކުރިއަށް އޮތް ދުވަސްތަކުގައި ސިޔާސީ މަސައްކަތް ނުކުރައްވާނެ ކަމަށެވެ. އަދި ރައީސް ޔާމީންގެ އެހީތެރިކަން ހޯއްދަވާނެ ކަމާއި ޕީޕީއެމްއާއި އެކު މަސައްކަތް ކުރައްވަން ބޭނުންވާ ގޮތުގެ ފޯމިއުލާ ވެސް ރައީސް ނަޝީދު މިހާރު ވަނީ ހާމަކުރައްވާފަ އެވެ.
ރައީސް ނަޝީދުގެ ވާހަކަތަކާއި ގުޅިގެން ޕީޕީއެމުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ޕާޓީގެ ނައިބް ރައީސް އަދި ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމް ވިދާޅުވީ ޕީޕީއެމުން ކުރާ ހުރިހާ މަސައްކަތެއް ކުރާނީ ރައީސް ޔާމީންގެ އިރުޝާދުގެ ދަށުން ދިވެހި ރައްޔިތުން ބޭނުންވާ ގޮތަށް ކަމަށެވެ.
ޝިޔާމް ވިދާޅުވި ގޮތުގައި ރައީސް ޔާމީންގެ ފިކުރަކީ ތަރައްގީގެ ފިކުރެވެ. އެކަމަކު ރައީސް ނަޝީދުގެ ފިކުރަކީ ފަނާކުރަނިވި ފިކުރު ކަމަށެވެ. އެހެންކަމުން ޕީޕީއެމް އަށް އެ ޕާޓީގެ ފިކުރާ ނުގުޅޭ ބަޔަކާ އެކު މަސައްކަތް ކުރުމަކީ ކުރާނެ ކަމެއް ނޫން ކަމަށް ވިދާޅުވި އެވެ. އެކަމަކު ގައުމީ މައްސަލަ ތަކުގައި ސިޔާސީ ފިކުރަށް ބެއްލެވުމެއް ނެތި ބައިވެރިވާނެ ކަމުގައިވެސް ވިދާޅުވި އެވެ.
ރައީސް ނަޝީދު މި ދެ ދުވަހަކު ޕީޕީއެމްއާއި ރައީސް ޔާމީނާ ގުޅޭގޮތުން ދައްކަވާ ވާހަކަފުޅާ ގުޅިގެން ރައީސް ޔާމީންގެ މައްޗަށް އިއްވާފައިވާ ހުކުމަކީ ސިޔާސީ ހުކުމެއް ކަން ކުރިއަށް ވުރެ ވެސް މާބޮޑަށް މިހާރު މާބޮޑަށް ސާފުވެއްޖެ ކަމަށެވެ. ރައީސް ނަޝީދުގެ ވާހަކަފުޅުން ހާމަވަނީ ރައީސް ޔާމީން ވެރިކަން ކުރެއްވި ގޮތް އަދި އެމަނިކުފާނުގެ ސިޔާސަތުތައް ފުރިހަމަކަން ކަމުގައިވެސް ވިދާޅުވި އެވެ.
ރައީސް ނަޝީދު ޕީޕީއެމްއާ ގުޅޭގޮތުން މިހާރު ވާހަކަތަކެއް ދައްކަވަމުން ދިޔަ ނަމަވެސް އެމަނިކުފާނު އުމުރު ދުވަހު މަސައްކަތް ކުރެއްވި ޕާޓީ ދޫކުރައްވާ ޕީޕީއެމްއަށް ވަޑައިގަންނަވާނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ. ރައީސް ނަޝީދަށް މިއަދު މިސަރުކާރުގެ ތެރެއިން ކުރިމަތިވާ ކަންކަމާއި ގުޅިގެން ގައުމަށް މިއަދު ކުރިމަތިވެފައިވާ މައްސަލަތަކަށް ހައްލު ހޯއްދަވައިދެއްވޭނެ ހަމައެކަނި ބޭފުޅަކީ ރައީސް ޔާމީން ކަން ރައީސް ނަޝީދަށް ވެސް ގަބޫލުކުރެއްވޭ ކަން އެނގިގެންދާ ކަމަށްވެސް ވިދާޅުވި އެވެ.