(11 ޖުލައި 2021 އާ ގުޅޭ)
"ތި ދެމީހުން ފަހުން ކީއްކުރީ؟ މަށަށް ކިޔާ ވެސް ނުދެމެންނު... ގެއަށް ދިޔައީ އޭނާއާއެކުތަ؟" ދާލިޔާ ކުއްލިއަކަށް ލައިޒަލްގެ ވާހަކަފެށިއެވެ. އެކަމުން ނީރާއަށް އުނދަގޫވިއެވެ. އޭނާ ކަމެއް އޮޅުންފިލުވާލަން ބޭނުންވީ ކަމާއި ދެމެދުގައި އެއްވެސް ކަމެއް ނުހިނގާއޭ ބުނެ ނީރާ ދޮގު ހެދިއެވެ. ބޭނުންވީ ލައިޒަލްގެ ވާހަކަ ދެއްކުން ހުއްޓާލާށެވެ. އެ ނަން ވެސް ނުކިޔާށެވެ. އެހެންވިޔަސް އޭނާއަކަށް ބެލުން ތިރިއެއް ނުކުރެވުނެވެ. އެ ދެ ލޯ ލައިޒަލްގެ ސޫރައިގެ ސިހުރުގައި ޖެހިފައިވާ ކަހަލައެވެ. އެހެން ދިމާއެއް ބެލުމަށް ޝައުގުވެރިއެއް ނުވިއެވެ.
ލޯ އަޅާލުމާއިއެކު ނުރުހުމުގެ ބެލުމެއް ދެމުން ލައިޒަލްގެ އަތުގެ ތެރެއިން އަތް ދަމައިގަނެ ދުވެ ފިލި ހަނދާން ނީރާގެ ހަނދާނަށް ވެރިވިއެވެ. ދުވަހަކުވެސް ދިމާނުވާ ކަމަކާ ކުރިމަތިވުމުން އެ ހާލަތުގައި ކަންތައް ކުރާނީ ކިހިނެއްކަމެއް ނީރާއަށް އެދުވަހު ނޭނގުނީއެވެ. އިހުނަށްވުރެ އޭނާ ހިމޭންވީ ދެނެވެ. ވަށައިގެން އިވޭ އަޑުތަކާ ދުރަށް މީހަކު އޭނާ ގޮވައިގެން ދިޔަ ފަދައެވެ. އެހިސާބުން އަމިއްލަ ދުނިޔެއަކަށް އޭނާއަށް ވަދެވިއްޖެއެވެ.
"އެހެންވެތަ؟. އަހަރެން ކަންތައް ކުރި ގޮތުން... އެ ދުވަހު އެހާވަރުން އޭނާ ވާހަކަދައްކާލަން ބޭނުމޭ ބުނީ، ކޮންވާހަކައެއް ބުނަންބާ؟. އެހުރިހާ އިރު އޭނާ މޮޔައެއްހެން ސައިންލޭންގުއޭޖުން ވާހަކަދެއްކިއިރު، އޭނާއަށް ވާހަކަދައްކަން އެނގޭކަން ޔަގީން، ސޮރީއޭ ގައިމުވެސް ބުނި އަޑު އެހިން... އެ އަޑުގައި އެއްވެސް އައިބެއްނެތް، އެއީ ފިރިހެންވަންތަ އަޑެއް. އޭނާ ހީކުރަނީ އަހަންނަކީ މަންމަމަނެއް ކަމައްތަ؟... ލައިޒަލް..."
އިސްއުފުލާލެވުމާއެކު ނީރާގެ ނަޒަރު ކުއްލިއަކަށް ލައިޒަލް ހޯދާލިއެވެ. މޭޒުކައިރިއަކު އޭނާއެއް ނެތެވެ. ތަނުގެ އެންމެ އިސް ވެރީންނާއި ދަޢުވަތު ދީގެން ގެނެވުނު މެހެމާނުންގެ ތެރެއިން ލައިޒަލް ފެނުނީ ދެނެވެ. ނީރާ ކޮޅުކޮޅަށް ބޯއަނބުރާ މުޅިތަން ހޯދާހެން ހީވެ ދާލިޔާ އޭނާގެ އަތުގައި ކޮއްޓާލީ އެވަގުތެވެ.
"ކިހިނެއްވީ؟ ކާކު ތި ހޯދަނީ؟ ޕްރިންސް ޗާމިންގްތަ؟" ދާލިޔާ އަތުގެ އިޝާރާތުން އަހާލިއެވެ. އޭނާގެ ފަހު ލަފުޒު އެނގުމާއެކު ނީރާއަށް ދެ ލޯ ބޮޑުކޮށްލެވުނެވެ. އެހާ އަވަހަށް ލައިޒަލްއަށް ނަމެއް ދާލިޔާ ދިނީއެވެ.
"ޗާމިންގް ވެއްޖެއްޔާ ވަރަށް ދަޅަދައްކާނެ، އެހެންބަލާނަމަ ތި ދިނީ ވަރަށް ގުޅޭ ނަމެއް. ދާލިޔާ އިނދެބަލަ އޭނާއަށް ބަލަން، އަހަރެން ނޫޅެން އޭނާ ނުފެނިގެން."
މިފަހަރު ވެސް ނީރާ ހާމަކުރީ އަމިއްލަ އިހްސާސްތަކުގެ ދިމާ އިދިކޮޅެވެ. ދާލިޔާ ކައިރިއަށް އައީ ނުލަފާ ހިންޏެކެވެ. ތަނުގައި ހިނގާ ކަންކަމަށް ނީރާގެ ސަމާލުކަން ކުޑަވެފައިވާކަން ދާލިޔާއަށް ފާހަގަވާތާ ކިތަންމެ އިރެކެވެ. އެމީހުން އައިސް މޭޒު ދޮށުގައި އިށީން ފަހުން ނީރާގެ ތަބީއަތަށް ބަދަލުތަކެއް އައިސްފަ އިން ކަހަލައެވެ. މޭޒުމަތީ ހުރި ކުޑަ ފެންފުޅި ކަނޑާލުމާއެކު ކައިރީގަ ހުރި ތަށްޓަށް ފެންފޮދެއް އަޅައި ނީރޯ ބޯލިއެވެ. ދާލިޔާ އިތުރު ވާހަކައެއް ނުދެއްކިއެވެ. އިސްޓޭޖުމަތީ ކުރިޔަށްދިޔަ ހަރަކާތްތަކަށް އޭނާ ގެއްލުނީއެވެ. ބިއްލޫރިތަށީގައި ދެއަތުގެ އިނގިލިތައް ވަށައިލައި އެ ތަށްޓަށް ބަލަން ނީރާ އިނެވެ.
"ހީ އިޒް ނޮޓް އަ ޕްރިންސް. އެއީ ބްލެކްނައިޓެއް... ހުސް ކަޅުގަ، ޓޯލް، ޑާކް، ސްޓްރޭންޖް، ސްޕެލްބައިންޑިން އައީސް، ބިއުޓިފުލް އެން ގޯޖަސް އެންޑް އަ ޓޯޓަލް މިސްޓްރީ... އަދިކިރިޔާ ކަންނޭނގެ އޭނާގެ ހަގީގީ ކުލަ މިފެންނަނީ." ނީރާގެ ހިތުގެ އަޑު ގަދަވަމުން އައިވަރަކަށް އެ ދޮންމޫނުކޮޅުން މަޑުމަޑު ރަތްކަމެއް ފާޅުވެލައިފިއެވެ.
އެހާ ވަރަށް ތައްޔާރުވެގެން އައި ނީރާއަށް ޙަފުލާ ނިމިގެން ދިޔައިރު ވީނުވީއެއް ވެސް ނޭނގުނެވެ. މަޖާކުރުމާއި އެކުވެރީންނާއެކު ހީނ ސަމާސާ ކުރުމެއް ވެސް ނެތެވެ. އެންމެންނަށް ކާން ތައްޔާރުކޮށްފައި އޮތްއިރު ނީރާ ހުރީ ގަދައަށް ކާލަން ވެސް ހިތަށް އަރުވައިގެންނެވެ. ނަމަވެސް ތަފާތު އެކި ބާވަތްތައް އަތުރާފައި ހުރި "ބުފޭ" އިން ނީރާ ރަހަބާލީ ފޮނިއެއްޗެހި އަތުރާފައި ހުރިތަނުން އެންމެ ބާވަތަކުން އެތިކޮޅެކެވެ. ކަމެއްކުރުމުގެ ހިތް ކެނޑުނީއެވެ. އަވަހަށް ގެއަށްދާން ނީރާ ބޭނުންވިއެވެ. އީހާނަށް މެސެޖު ކުރުމާއެކު އޭނާ އިނީ ކާރުގައި ކަން އެނގުނެވެ.
އެކުގައި މަސައްކަތްކުރާ ޓީޗަރުންނާއި އިދާރީ މަސައްކަތްތާއި ދެން ވެސް އެތަނުގައި އުޅޭ ސްޓާފުން ވާހަކައިގަ ޖެހިފައި ތިއްބެވެ. ދާލިޔާ ވެސް ނުކުތުމުގެ ހިޔާލެއް ނުކުރިއެވެ. ގިނަބަކު މާލަމުން އޭރު ނުކުމެއްޖެއެވެ. ފޯނަށް ބަލާލާފައި ދާލިޔާގެ ކައިރީ ދެން ދަނީ ކަމުގައި ނީރާ ބުނެލިއެވެ. ދާލިޔާ ބޯޖަހާލުމުން ނީރާ ހަލުވިކޮށް އައީ މާލަމުގެ ދެފަރާތަށް ހުޅުވާލެވިފައި ހުރި ދޮރުން ނުކުންނާށެވެ. އޭރު ދޮރުކައިރީ ބަޔަކު ތިބިކަން ނީރާއަށް އެނގުނީ ދެ މީހަކު ވާހަކަދައްކާ އަޑު އިވޭތީއެވެ. އެމީހުންނަށް ސަމާލުކަމެއް ނުދީ ނުކުތް ނީރާއަށް ހުއްޓި ބަލާލެވުނީ އެތަނުގައި ތިބި ދެ ފިރިހެނުންގެ ތެރެއިން އެކަކު ގަސްދުގައި އޭނާ ނުކުތް ވަގުތު ކައިރިއަށް ޖެހިލައި އޭނާގެ އަތުގައި ފިރުމާލި ފަދަ އިހްސާސެއް ކުރެވިގެންނެވެ. ނޭވާލާން ހަނދާންނެތުނު ފަދަ ގޮތަކަށް ނީރާއަށް ހުރެވުނީ ދާދި ކައިރީ ހުރީ ލައިޒަލް ވީމައެވެ. އޭނާ ވާހަކަދައްކަން ހުރީ ކިޔާންއާއެވެ. ނީރާ ހުއްޓުމުން ވެސް ލައިޒަލް ބަލައެއް ނުލައެވެ. ނަމަވެސް ކިޔާން ބަލާލީ ކިހިނެއްވީތޯ އަހާލާ ފަދައިންނެވެ. ނީރާއަށް އަދިވެސް އެއްފަހަރު ލައިޒަލްއަށް ބަލާލެވުނެވެ. ދެން ދެފަރާތަށް ބޯހޫރާލައިފިއެވެ. ހަލުވި ފިޔަވަޅުގައި ފާޑަކަށް ދުވަމުން ކަހަލަ ގޮތަކަށް ގޭޓާ ހަމައަށް ނީރާ ނުކުތެވެ. ލައިޒަލްގެ ތުންފަތުން ކިރިޔާ ފާޅުވެލި ފަނޑު ހިނިތުންވުން ނީރާއަށް ނުފެނުނީ އެހެންވެއެވެ. ގޭޓު ކައިރީ މަޑުކޮށްލިއިރު ނީރާއަށް ހުރެވުނީ ކަނާއަތުން ވައަތުގައި ހިފަހައްޓާލައިގެންނެވެ. ފަސްއެނބުރި ބަލާލިއެވެ.
"އެއީ އެކްސިޑެންޓެއްތަ؟... އެކަމަކު ހީވީ... ހީވީ ގަސްދުގައި އަތްލީހެން..." އަތުގައި ލައިޒަލް ބީހުނު ހިސާބުގައި ފިރުމަން ހުރިއިރު ނީރާގެ ހިތުގައި ވިއެވެ.
މީހުން މަދުވެފައިވީ ވަގުތު ސީދާ ގޭޓުގެ ކުރިމައްޗަށް މަޑުކޮށްލި ކާރު ފެނި ނީރާ އައެވެ. ކުރީ ސީޓަށް އަރަން ދޮރުހުޅުވާލި ހިނދު ނީރާއަށް ލިބުނީ ހައިރާންކަމެވެ. އީހާން އިނީ ނިކަން ހިނިއައިސްފައެވެ. އޭނާ ލޮލުން އިޝާރާތްކޮށްލީ ފަހަތަށް އެރުމަށެވެ.
"ސޮރީ އިނގޭ ޑިސްޓާބް ކުރެވުނީމަ." ފަހަތަށް އަރާ ދޮރުފަތް ލައްޕާލުމާއެކު ނީރާ ބުނެލިއެވެ.
"ނީރާ، މީ ޝީން... ފްރެންޑެއް." އީހާނާއި ޖެހިގެން އިން ޝީން ތާރަފް ކޮށްދިނުމަށް ބުނެލިއެވެ. ނީރާ ހިނިތުންވެލައި ކިހިނެއްހޭ އަހާލިއެވެ.
"ޝީން އުޅެނީ އަހަރެމެން އުޅޭ ބިލްޑިންގަ... އެންމެން މިދަނީ އެއްތާކަށްނު." ޝީން އެ ކާރުގައި އިނީ ކީއްވެކަން އީހާން ބުނެދޭން އުޅުނު ކަހަލައެވެ. ޒާތެއްގެ ހިންޏެއް އައިސްފަ ނީރާ ބަލަން އިނެވެ. އީހާންގެ ގޮތް ރަނގަޅަށް އޭނާއަށް އެނގޭތީއެވެ. އީހާން ބުނެދޭ ވަރަށްވުރެ އިތުރަށް ޝީންއާ އޮތް ގުޅުން އެނގޭކަމަށް ހަދާން ނީރާ ވެސް ބޭނުންނުވީއެވެ.
ހުޅުމާލެއަށް ދަތުރު ފެށުމާއެކު ނީރާ ހިމޭންވީއެވެ. ފޯނަށް ގެއްލިފައި އިނދެއެވެ. އޭރު އީހާންގެ ކަމަކީ ކާރު ތެރޭ ލޯބީގެ ލަވަ ޝީންއަށް ޖަހާދިނުމެވެ. ބައެއް ފަހަރު އެއިން ލަވައަކަށް ނީރާއަށް "ހޫން" އަޅުވާލެވެއެވެ. ކުރެވޭ އިހްސާސްތަކާއި ލަވައިގެ ރާގާއެކު ގެތެމުން އަންނަ ލަފުޒުތައް ގުޅިގެންދާހެން ހީވާތީއެވެ. ޝީން ފޯރި ހުރީ ހިންދީއާއި ދިވެހި ލަވައަށެވެ. ދޭތެރެއަކުން އޭނާ ލަވައިން ތަންކޮޅެއް ކިޔާލައެވެ. އީހާން ބައިވެރިވެލައެވެ. ދެ މީހުންގެ ބާރު ހިނިގަނޑު އިވިލައެވެ.
"ޑޭމްޑް...." އިންސްޓަގްރާމްގައި އަތްފުނާ އަޅަމުން ހޯދި އެކައުންޓް ހުޅުވާލި ހިނދު ފެނުނު ފޮޓޯއިން ނީރާގެ ހިތަށް ނުބައި ގޮތެއް ވެގެންދިޔައެވެ. ވަގުތުން ފޯނާ ނަޒަރު ދުރުކޮށްލެވުނެވެ. ބަޔާންކުރާން ނޭނގޭ ފަދަ ޒާތެއްގެ ހޫނުކަމެއް ކޯތާފަތަށް އިހްސާސް ކުރެވުނުހެން ނީރާއަށް ހީވިއެވެ. އަތުގައިވި ލޯލިތަކުގެ ބުޑުން ހިރުވުމެއްގެ އަސަރު ފާޅުވެލި ފަދައިން ނީރާއަށް ވައަތުގައި ކަނާއަތްތިލަ ހާކާލިއެވެ. އަދި ނިކަން އަވަހަށް އީހާނަށް ބަލާލިއެވެ. ނީރާއަށް މިއައިސްގެން އުޅޭ ބަދަލު އީހާނަށް ފާހަގަވިތޯއެވެ. އޭނާގެ ސުވާލުތަކަށް ޖަވާބުދޭން ނީރާ ތައްޔާރެއްނޫނެވެ.
"އަންހެންކުދީން މޮޔަވެގެން ބަލާނެކަން އެނގޭތީ ލާފަ އެހުރީ." ފޯނުގެ އިސްކުރީނު ނިއްވާލުމާއެކު ނީރާއަށް ކުދިކިޔާލެވުނީ ބޭއިޚްތިޔާރުގައެވެ. އޭނާ ހޯދީ ލައިޒަލްގެ އެކައުންޓެވެ. ފޮޓޯ ވަރަށް މަދެވެ. ތާރީޚަށް ބެލިއިރު ފެންނަނީ ދެ އަހަރު ކުރީން ލާފައި ހުރި ދެ ފޮޓޯއަކާއެކު މިއަހަރުގެ ކުރީކޮޅު ތިން ފޮޓޯލާފައި ހުރިކަމެވެ. ނީރާއަށް ވީގޮތެއް އެވީ ލައިޒަލް ގަމީސް ނުލާ ނަގާފައި ހުރި ފޮޓޯތަކުގެ ސަބަބުންނެވެ. ފިރިހެނަކު ހަށިގަނޑުގެ އުނަގަނޑުން މަތީން ހާމަކޮށްލައިގެން ހުރުން މައްސަލައެއް ނޫނެވެ. ޚުދު އީހާނު ވެސް ގޭތެރޭގައި ސްވެޓްޕޭންޓް އެކަނި ލައިގެން އުޅޭތަން ނީރާއަށް ހުރީ ފެނިފައެވެ. އެހެންމަވެސް ލައިޒަލްގެ އެ ފޮޓޯތައް ނީރާއަށް ބަލައިނުގަނެވުނެވެ.
އިމާރާތުގެ ތިރީގައި އޮންނަ ޕާކިން ސަރަހައްދުގައި ކާރު މަޑުކޮށްލުމުން އެންމެންނަށްވުރެ ކުރީން ނީރާ ފޭބިއެވެ. ޝީންއާ ވާހަކަދައްކާލަން މަޑުކޮށްލާށޭ ނީރާ ބުނެލިއެވެ. ލަދުގަނެ ރަކިވެފައި އިންހެން ޝީން ބަލާލި އީހާނަށެވެ. ކުރީބައިގަ ނީރާ އެޕާޓްމެންޓަށް ދާން ނިންމީ އެމީހުންނަށް ފުރުސަތު ދޭންވެގެންނެވެ.
ލަމްހާ އިނީ ސޯފާގައެވެ. އީހާނާއި ނީރާ ވެސް ގެއަށް އަދި ނާންނާތީއެވެ. އޭނާގެ އުނގައި ބޯއަޅާލައިގެން ޓީވީ ބަލަން ސުޖާއު އޮތެވެ. ދޭތެރެއަކުން ސޫޖައުގެ އިސްތަށިގަނޑުގައި ލަމްހާގެ އިނގިލިތައް ހިންގާލައެވެ. އަތުކުރީ އޮތް ގަޑިއަށް ބަލާލައެވެ.
"ގުޅާލަބަލަ..." ލަމްހާގެ ހިތް އެނގޭތީ ސުޖާއު ބުނެލިއެވެ.
އެޕާޓްމެންޓްގެ ދޮރު ހުޅުވި އެތެރެއަށް ވަދެގެން އައީ ނީރާއެވެ. އޭނާއަށް ލަމްހާއާއި ސުޖާއު ފެނުމުން މަޑުކޮށްލިއެވެ. ލަމްހާގެ އުނގުން ބޯ ނަގައި ސުޖާއު ތެދުވެ ސޯފާގައި އިށީނެވެ.
"މިއިނީ ވަރަށް އަންހެޕީވެފަ... އެހާ ރީތިވެގެން މަގޭ ޕަރީ ދިޔައިރު، ފޮޓޯއެއް ވެސް ފޮނުވާނުލި." ސުޖާއު މޫނު ހަދާލި ގޮތުން ނީރާގެ ގާތަށް ހިނިއައެވެ.
ބައްޕަގެ ސިފައިގަ ނީރާ ދުށް އިންސާނަކީ ސުޖާއުއެވެ. ނީރާގެ ހަޔާތުގެ ކޮންމެ ހާއްސަ މުނާސަބާއެއްގައި ސުޖާއު އައީ ބައިވެރި ވަމުންނެވެ. ބައްޕައަކު ކޮށްދޭން ޖެހޭ ޚަރަދާއި ދޭންވާނެ ރައްކާތެރި ފުރިހަމައަށް ނީރާއަށް ލިބުނެވެ. އޭނާ ބޮޑުވީ މަންމައަކާއި ބައްޕައެއްގެ ލޯބި އޭގެ އެންމެ ފުރިހަމަ ދަރަޖައިގަ ލިބިގެންނެވެ.
"މަންމަ ހަނދާންނެތުނީ، އެހެންވެދާނެއެއްނު... ތެޅެމުން ފޮޅެމުން ވިއްޔާ ނީރާ ގެއިން ނުކުތީ." ނީރާގެ ކުށެއްނޫނޭ ބުނާ ފަދައިން ލަމްހާ ވާހަކަދެއްކިއެވެ. އީހާން ނާންނަކަން ލަމްހާއަށް ފާހަގަވީ ދެނެވެ.
"އީހާނު ކޮބާ؟" ލަމްހާ ވަގުތުން އަހާލިއެވެ. އެ އަޑުގެ ރާގު ބަދަލުވެ ސީރިއަސްކަން އެކުލެވިފައި ހުއްޓެވެ.
"ރައްޓެހިކުއްޖަކާ ދިމާވެގެން ތިރީގަ އެބަހުރި. ވަރަށް ވަރުބަލިވެއްޖެ... ކާއެއްޗެއް އެބަހުރިތަ." ގެއިން ވެސް ދިޔައީ ނުކައިގެން އެނގި ހުރެ ނީރާ ބުންޏެވެ.
"އެތާކުނެތްތަ ކާން." ލަމްހާއަށް އަހާލެވުނެވެ.
"ނުކެވުނު..." ދެރަވެ މާޔޫސްވެފައި ހުރި އަސަރު މޫނުން ދައްކާލަމުން ނީރާ ބުނެލިއެވެ.
"ދެންމެ މި ފްރިޖަށްލީ، ބޭބެ މިރޭ ސީފުޑް ގެނެސްފަ އެބަހުރި. އީހާން ކާނެތޯ ބަލާފަ ހޫނުކޮށްލަމާ. ދެ ކުދީންނަށް ކެވޭވަރަށް ހުންނާނީ ވެސް." ލަމްހާ ތެދުވިއެވެ. ބަދިގެއާ ދިމާއަށް ދިޔައީ ކާއެއްޗެހި ނަގައި ހޫނުކުރަން ގަސްދުކޮށްގެންނެވެ.
* * * * *
"ދެން ދަނީތަ؟" ކާރުގައި ޝީންއާއެކު އިން އީހާން އަހާލިއެވެ.
"ނުދާންވީތަ؟" ހިނިތުންވުން ފުޅާވިޔަ ނުދިނުމަށް ތިރީ ތުންފަތުގައި ޝީން ދަތްއަޅާލިއެވެ. އެފަދަ ހަރަކާތްތަކުން އީހާންގެ ހިތު ވިންދު އަވަސްވަމުން އައެވެ.
"ތެންކިއު... އަހަންނާއެކު ކޮފީއަކަށް ދާން އެއްބަސްވީމަ." އީހާން ބުނެލިއެވެ. އޭނާ ލަސް ހަރަކާތަކާއެކު ޝީންގެ އަތުގައި ހިފާލިއެވެ. އެ އަތް ދަމައިގަންނާކަށް ޝީން ނޫޅުނެވެ.
"ޝީން... އައި ރިއަލީ ލައިކް ޔޫ. ޓައިމް ވޭސްޓް ކުރާކަށް ނޫން މިއުޅެނީ، ވަރަށް ބޮޑަށް ޝީން ބޭނުން. ބުނެބަލަ!... ރިލޭޝަންޝިޕަކަށް މިގާތްކަން ބަދަލުވާނެ ގޮތެއް ހަމަނެތްތަ؟." އީހާން ކުޑަކޮށް ޝީންއާ ކައިރިއަށް ހަށިގަނޑު އަރިކޮށްލިއެވެ.
"އީހާނަށް އެނގޭ ދޯ އަހަރެންނަކީ ކޮންކަހަލަ މަސައްކަތެއް ކުރާ އަންހެންކުއްޖެއްކަން. އެ ފުރުސަތުތަކަށް ހުރަސް އެޅޭތީ އަހަރެން މީހުންނާ ރައްޓެހިވުން ހުއްޓާލީ. މީ އަހަރެން ކުރާހިތުން ކުރާކަމެއް. ކިތަންމެ ބަޔަކު ފާޑުކިޔަސް، މަލާމަތްކުރިޔަސް މީ އަހަރެންގެ ޑްރީމް، މޮޑެލްއަކަށްވާން އަހަރެން ވަރަށް މަސައްކަތް ކުރީން... ހާއްސަކޮށް ރާއްޖެކަހަލަ ގައުމެއްގައި ހުރި ހުރަސްތައް އެހާމެގިނައިރު، އާދެވިފަ މިހުރި ހިސާބުން މިކަން ހުއްޓާލާކަށް ބޭނުމެއްނޫން. މިހާރު ޑްރާމާތަކުން ވެސް ފުރުސަތުތައް ލިބެމުން އަންނަނީ. މިއެއްނޫން އަދި އަހަރެން އެޗީވްކުރަން ބޭނުންވާ ގޯލްއަކީ."
"އަހަރެން ނުބުނަމެންނު ޝީން ކުރާހިތްވާކަމެއް ނުކުރާކަށް. އަހަންނަށް އޯކޭ... އަހަންނަށް ޝީން ފުރަތަމަ ފެނުނީ ވެސް މިއަހަރުގެ ކަލަންޑަރުން، އެނގޭ ޓިކްޓޮކް ކުއީންއެއްކަން ތީ، އައި ޑޯންޓް މައިންޑް ދެޓް. ޝީންގެ ތިލައިފްއާ އަހަރެން ނުބެހޭނަން، އެކަމަކު... ރިލޭޝަންޝިޕެއް ފެށީމަ އަންނާނެ ބަދަލުތައް ހުންނާނެ. ނޫންތަ؟... އޭރުން ޝީންއަކީ އަހަރެންގެ މީހެއް، ހަމައެކަނި އަހަރެންގެ ލޯބިވެރިޔާ. އެހެން ފިރިހެނުންނާ މާބޮޑަށް ގައިގޯޅިވާތަން ދުށުމަށް އަހަންނަށް އުނދަގޫވާނެ. ދެމީހުން ގުޅިގެން ތިބެ އަހަރެން އެގޮތަށް އުޅޭނަމަ ޝީންއަށް ވެސް އުނދަގޫވާނެކަމަށް އަހަރެން ގަބޫލުކުރަނީ." އީހާން ބުންޏެވެ.
"އީހާން... އެހެންވިޔަސް ވޯކްކުރާނެހެނެއް ހިޔެއްނުވޭ." ޝީން ބުންޏެވެ.
"ފުރުސަތު ނުދީ ތިހެން ނުބުނެވޭނެ. އެއްފަހަރު ވެސް އަހަންނަށް ފުރުސަތު ދީބަލަ. ބެސްޓްބޯއިފްރެންޑަށް ވާން މަސައްކަތް ކުރާނަން. ޔޫ ބުނެބަލަ އާނއެކޭ." އީހާން ކުރިއަށްވުރެ ވެސް ޝީނާއާ ކައިރިއަށް ޖެހިލިއެވެ. ޝީންގެ ކޯތާފަތުގައި އެއްއަތުން އީހާން ހިފަހައްޓާލިއެވެ. މަޑުމަޑުން ޝަހާދަތް އިނގިލީގެ ނުފުށުން ޝީންގެ ކޯތާފަތުގައި ފިރުމާލިއެވެ.
"ޔޫ އާ ބިއުޓިފުލް." ސިއްރެއް ބުނެލި ފަދައިން އެހާމެ މަޑުން އީހާން ބުނެލިއެވެ.
"އައި ހޭވް ޓު ގޯ..." ޝީންގެ ނިކަން އަވަހަށް ދޮރުފަތް ހުޅުވާލަމުން ވާހަކަދެއްކިއެވެ. އޭނާއަށް އީހާންގެ ހަރަކާތްތައް މާނަކުރަން އެނގުނީއެވެ. ޒުވާންކަމުގެ ޖޯޝު އެކުލެވިފައިވާ އީހާންގެ ލޮލުން ކެނޑިގެންދިޔަ ވިދުވަރު ޝީންގެ ހިތްބިރުގަންނަވާލީއެވެ. އިހްސާސްތަކުގައި ބެހިގެން ދިއުމަކީ ނުހަނު ފަސޭހަކަމެއްކަން ޚުދު ޝީންއަށް ތަޖުރިބާ ކުރެވިފައި ހުރީމައެވެ.
ކާރު ތަޅުލާފައި ޝީންގެ ފަހަތުން އައިސް އެލެވޭޓާއަށް އީހާން އެރިއެވެ. ޖަވާބެއްގެ އިންތިޒާރުގައި ހުރިކަން އީހާން ހަނދާންކޮށްލަދިނެވެ. ހިމޭންކަމުގައި އިސްއޮބާލައިގެން ޝީން ހުރީ އީހާންއާ ދުރުގައި މަޑުކޮށްލައިގެންނެވެ. އެހެންވިޔަސް އެ ހިތާއި ސިކުނޑީގައިވީ އީހާންގެ ހިޔާލެވެ. އޭނާ އީހާންއާ ވާހަކަދައްކަން ފެށީ ހިތް އެދޭފަދަ ސިފަތަކެއް އީހާންގެ ހުރިކަން ފާހަގަވެގެންނެވެ.
* * * * *
ލަމްހާއި ސުޖާއު ކޮޓަރިއަށް ވަނީ ބަދިގޭ އައިލެންޑް ދޮށުގައި ނީރާ ކާން އިންދައެވެ. އީހާން އައިސް ކާން ނޫޅޭނަމަ މަތިޖަހާފައި އެތަނުގައި ދެން ހުރި ތަށި އައިސްއަލަމާރިއަށް ލާށޭ ލަމްހާ ދިޔައީ ބުނެފައެވެ. ކާން އިންއިރު ވެސް ނީރާއަށް ބެލެނީ ފޯނެވެ.
"ޝިޓް!... ޝިޓް!... ތަށީތެރެއަށް ސަމްސާ ދޫކޮށްލުމާއެކު ވަގުތުން ފޯނުގައި ދެއަތުން ނީރާ ހިފަހައްޓާލިއެވެ. ފޮޓޯ ބަދަލު ކުރަން އުޅެނިކޮށް އޭނާގެ އިނގިލި އިސްކުރީނުގައި ޖެހުނު ގޮތުން އިންސްޓާގްރާމުން ފެންނަން ހުރި ލައިޒަލްގެ ފޮޓޯއަށް ފިތުނީއެވެ. ވަގުތުން ރަތްކުލައިގެ ހިތެއް އެ ފޮޓޯއަށް ދެވިއްޖެކަން ފެންނަން ހުއްޓެވެ. އެ ހަލުވިކަމުގައި އަނެއްކާވެސް ފިއްތާލިއެވެ. އެއާއެކު ކުރިން ފެންނަން ހުރި ރަތްކުލައިގެ ހިތް ގެއްލިއްޖެއެވެ.
"ނޯ ނޯ... ނޮޓިފިކޭޝަން ދާނެ. ލައިކްދީފަ އަންލައިކް ކުރިކަން އެނގޭނެ... ޝިޓް... ނީރާ!... މޮޔަވީތަ؟ މިހާރު ދެން އޭނާ ކީކޭ ހީކުރާނީ. ސްޓޯކާއަކަށް އެވީ." ފޯނުން ނިތްކުރީގައި ނީރާ ތަޅައިގަތެވެ. އޭތި މީތި އަމިއްލަ ނަފްސާ ދިމާއަށް ނީރާ ގޮވައިގަތެވެ. އޮޅިގެން ދެވުނުކަމަށް ނުހަދަންވެގެން އަލުން ފޮޓޯއަށް އޭނާ ފިތާލައިފިއެވެ. އެއާއެކު ކުރިން ފެނުނުހެން ރަތްކުލައިގަ ހިތް ފެންނަން އިނެވެ. ދެން އަވަހަށް ލައިޒަލްގެ އެކައުންޓުން ނުކުމެ، އެ އެޕުން ވެސް އޭނާ ނުކުމެއްޖެއެވެ. ދުރުގައި ފޯނު ބާއްވާލުމާއެކު ފޯނަށް ބަލަން އިނީ ކުރެވުނު ކަންތަކުގެ މޮޔަ ހީވެފައެވެ.
* * * * *
ކުޑަދޮރު ލައްޕާލުމާއެކު ލައިޒަލް އައިސް އެނދު ކައިރީ މަޑުކޮށްލިއެވެ. އެނދުމަތީ އޮތް ފޯނު ގުދުވެލާފައި ނެގިއެވެ. އޭނާއަށް މެސެޖެއް އައިހެން ހީވެ ފޯނު ބަލަން ފެށިއެވެ. (ނުނިމޭ)