އިޒްރޭލަށް ތާއީދު ކުރި އިންޑިއާގެ ދެ ޓީޗަރުން ރާއްޖެއިން ފޮނުވާލައިފި އެވެ
އެޑިއުކޭޝަން މިނިސްޓްރީގެ ޕާމަނަންޓް ސެކެޓްރީ އަހުމަދު އަލީ ވިދާޅުވީ އިންޑިއާގެ އެ ދެ ޓީޗަރުންގެ ކޮންޓްރެކްޓް އާ ނުކުރަން ނިންމާ ސްކޫލްތައް ބަންދު ކުރުމުގެ ކުރިން ގައުމަށް ފޮނުވާލައިފައިވާ ކަމަށެވެ.
ރާއްޖޭގައި ވަޒީފާ އަދާ ކުރަމުން އައި އިންޑިއާގެ ދެ ޓީޗަރަކު ޔަހޫދީ އިޒްރޭލުން ފަލަސްތީނުގައި ހިންގާ ޖަރީމާތަކާ ގުޅުވައި އިޒްރޭލަށް ތާއީދުކޮށް ފޭސްބުކްގައި ޕޯސްޓްތަކެއް ކުރި މައްސަލައެއްގައި އެ ދެ މީހުން ސަސްޕެންޑްކުރީ މިދިޔަ މޭ މަހު ފަހުކޮޅު އެވެ. އެއީ ހދ. ހަނިމާދޫ އާއި ށ. ޅައިގަމުގައި މަސައްކަތް ކުރަމުން ދިޔަ ދެ ޓީޗަރުން ނެވެ. ސަސްޕެންޑްކުރި ފަހުން އެ ޓީޗަރުންގެ ރައްކަލަށް ކަމަށް ބުނެ ތިބީ ގެނެސް މާލޭގަ އެވެ.
އަހުމަދު އަލީ މީގެ ކުރިން ވިދާޅުވީ މިހާރު ވެސް ބިދޭސީ ޓީޗަރުންނާއެކު އޮންނަ ކޮންޓްރެކްޓުގައި ސުލޫކީ މިންގަޑުގައި އިސްލާމް ދީނާ ރާއްޖޭގެ ސަގާފަތާ ހިލާފަށް އަމަލުތައް ބެހެއްޓުމަކީ ކޮންޓްރެކްޓާ ހިލާފު ކަމެއް ކަމަށް ބަޔާން ކޮށްފައި އޮންނަ ކަމަށެވެ. އަދި މިހާރު އޮންނަ ސިސްޓަމްގެ ތެރޭގައި ވެސް އެފަދަ ކަންކަން ނުކުރަން ބާރު އަޅާފައި ކަމަށެވެ. އެހެންކަމުން އެ ދެ ޓީޗަރުންގެ އަމަލުތައް ބަލައި ނުގަނެވޭނެ ކަމަށެވެ.
ތައުލީމީ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް އާ ސުލޫކީ މިންގަނޑެއް އެކުލަވައިލުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި އެ މިންގަނޑު ފާސްވުމުން މިހާރު ދިމާވެގެން އުޅޭ މައްސަލަތައް ހުއްޓުވަން ބާރު ލިބިގެންދާނެ ކަމަށް ވެސް އަހުމަދު އަލީ ވިދާޅުވެ އެވެ.