ވިލިމާލެ ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު ނިހާން ހުސެއިން މަނިކު ބައްލަވައިގެންފައިވާ އެޕާޓްމަންޓަކާއި އޭނާގެ އަތްޕުޅުގައި އޮތް ރޮލެކްސް ގަޑިއެއް ދައުލަތަށް ނަގަން އެދިފައިވާ ޕްރޮސިކިއުޓާ ޖެނެރަލް އޮފީހުން ބުނެފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ މުގައްރިރަކަށް ހުންނެވި ދުވަސްވަރު ކުރީގެ ނައިބު ރައީސް އަހްމަދު އަދީބުގެ ފަރާތްޕުޅުން ރިޝްވަތަށް އެދިވަޑައިގަތުމާއި ރިޝްވަތު ހިއްޕެވުމާއި އެގޮތަށް ހޯއްދެވި ފައިސާ ލޯންޑާ ކުރެއްވިކަމަށް ބުނާ މައްސަލަ މިހާރު ކްރިމިނަލް ކޯޓުގައި ދަނީ ހިނގަމުން ނެވެ. އެ މައްސަލައިގައި ހަ ދައުވާއެއް ނިހާނުގެ މައްޗަށްކޮށްފައިވެ އެވެ. އަދި ދައުލަތުން ވަނީ ނިހާންގެ މިލްކިއްޔާތުގައި ހުރި ބައެއް ތަކެތި ދައުލަތަށް ނެގުމަށް ވެސް ޝަރީއަތުގައި އެދިފަ އެވެ.
އޭގެ ތެރޭގައި ނިހާންގެ ޕްލެޓިނަމް ރެސިޑެންޓާއި ފްލެޓާއި ރޮލެކްސް (ސަބްރީނާ) ބްރޭންޑްގެ ގަޑިއެއް ހިމެނެ އެވެ.
ޕްރޮސިކިއުޓާ ޖެނެރަލް އޮފީހުން ކުރިން ނެރެފައިވާ ބަޔާނެއްގައިވާ ގޮތުން އެ ފްލެޓަކީ ނިހާން މާލިއްޔަތު ކޮމިޓީގެ މުގައްރިރުކަމުގައި ހުންނެވި އިރު އަދީބު މެދުވެރިވެގެން ލިބިވަޑައިގެންނެވި 150،000 ޑޮލަރުން ގަތް ފްލެޓެކެވެ. އަދި އެ ޗެކް ނިހާނު ބަލައިގެންނެވީ އަދީބު ދޭ ފައިސާއަކީ ކުށްކޮށްގެން ހޯދާ ފައިސާކަން ނިހާނަށް ޝައްކުކުރެވޭ ހާލަތުގައި ކަމަށެވެ.
ދައުލަތަށް ނަގަން އެދުނު ނިހާންގެ ރޮލެކްސް ގަޑިއަކީ ވެސް ރިޝްވަތުގެ ގޮތުގައި އަދީބު ދެއްވައިފައިވާ ހަދިޔާއެއް ކަަމަށް ޕީޖީން ބުނެ އެވެ. އެގޮތުން 2014 ވަނަ އަހަރު ޕްރޮސިކުޓާ ޖެނެރަލްގެ މަގާމަށާއި ޖުޑީޝަލް ސާވިސް ކޮމިޝަނަށް މެމްބަރަކު އައްޔަނުކުރުމަށް ނެގި ވޯޓާ ގުޅިގެން ރޮލެކްސް ގަޑިއެއް ދިނުމަށް ނިހާނު އަދީބުގެ އަރިހުން އެދިވަޑައިގެންނެވި ކަމަށެެވެ.
އޭގެ އިތުރުން އަދީބު އެދިވަޑައިގަންނަވާ ގޮތުން ކަންތައްތައްކުރެއްވުމަށް އެދި 650،000 ރުފިޔާ ވެސް އަދީބު ނިހާނަށް ދެއްވައިފައިވާ ކަމަށް ޕީޖީން ބުނެއެވެ. އެ ފައިސާ ވެސް ދައުލަތަށް ހޯދުމަށް ޝަރީއަތުގައި އެދިފައި ވެއެވެ.
ޕްރޮސިކިއުޓާ ޖެނެރަލް ޙުސެއިން ޝަމީމް މިއަދު ކުރެއްވި ޓުވީޓެއްގައި ރޮލެކްސް ގަޑިއަކާއި ލަގްޒަރީ އެޕާޓްމަންޓެއް ހިމެމޭގޮތަށް މަނީ ލޯންޑްރިންއާ ގުޅޭ އެކިއެކި މައްސަލަތަކުގައި 70.7 މިލިއަން ރުފިޔާ ދައުލަތަށް ނެގުމަށް އެދިފައިވާ ކަމަށެވެ.
ޕްރޮސިކިއުޓާ ޖެނެރަލް ޙުސެއިން ޝަމީމް މިއަދު ވިދާޅުވީ މަނީ ލޯންޑްރިންއާ ގުޅޭ އެކިއެކި މައްސަލަތަކުގައި 70.7 މިލިއަން ރުފިޔާ ދައުލަތަށް ނެގުމަށް އެދިފައިވާ ކަމަށެވެ.