އުމުރުން 13 އަހަރުގެ ކުއްޖަކު ރަހީނުކޮށް މަރާލާފައިވާ މައްސަލައިގެ ހަބަރުތައް މީޑިއާގައި ޝާއިއު ކުރުމުގަައި އުސޫލާއި ހިލާފުވެފައިވާ ކަމަށް ބުނެ ބައެއް މީޑިއާތަކަށް ޖެންޑާ މިނިސްޓްރީން ފިޔަވަޅު އެޅި އުސޫލު ސާފުކޮށް ދިނުމަށް ދެ ފަހަރެއްގެ މަތިން އެދުމުންވެސް އެކަން ސާފުކޮށް ދީފައިނުވާ ކަމަށް އޮންލައިން ނޫސްތަކުގެ ބެލެނިވެރި ފަރާތް ކަަމަށްވާ މޯލްޑިވްސް މީޑިއާ ކައުންސިލުން ބުނެފި އެވެ.
އެ ކައުންސިލުން ބުނެފައިވަނީ 13 އަހަރުގެ ކުއްޖާގެ މަރާއި ގުޅޭ މައްސަލައިގެ ހަބަރުތައް މީޑިއާގައި ޝާއިއު ކުުރުމުގައި ގާނޫނުތަކާއި އުސޫލުތަކާއި ހިލާފަށް ހުރި ކަންކަން ދެނެގަތުމަށްޓަކައި އެ ކައުންސިލުން މޮނިޓާ ކުރެވުނު ހަބަރުތަކުގެ އެސެސްމަންޓެއް ހެދުމަށް ނިންމައި އެ މަސައްކަތުގެ ތެރެއިން ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސާވިސް އިން ބައެއް މައުލޫމާތު ހޯދުމަށް އެދިފައިވާ ކަމަށެވެ.
އެ ގޮތުން "އަވަސް އޮންލައިން" ޖޫރިމަނާ ކޮށްފައިވަނީ އެ ނޫހުގައި ޝާއިއުކުރި ސީދާ ކޮން ކޮންޓެންޓަކާއި ގުޅިގެންތޯ އާއި "ވަގުތު އޮންލައިން" އާއި "ވަން އޮންލައިން" އާއި "އަދަދު އޮންލައިން" އަށް ނަސޭހަތްތެރިވެ އެކަން ތަކުރާރު ނުކުރުމަށް އިންޒާރުދީފައިވަނީ އެ މީޑީއާތަކުގައި ޝާއިއުކުރެވުނު ކޮން ކޮންޓެންޓަކާއި ގުޅިގެންތޯ ވަކިވަކިން ސާފުކޮށް ދިނުމަށް ދެ ފަހަރެއްގެ މަތިން އެދިފައިވާ ކަމަށެވެ.
ނަމަވެސް މިއަދާ ހަމައަށްވެސް މި މައުލޫމާތު ޖެންޑާއިން ކައުންސިލަށް ހިއްސާކޮށްފައިނުވާ ކަމަށާ އަދި ކައުންސިލުން ފޮނުވި ސިޓީތަކަށްވެސް ޖަވާބު ދީފައިނުވާ ކަމަށެވެ. ޖެންޑާގެ މި އަމަލާއި ގުޅިގެން ކައުންސިލްގެ އެސެސްމަންޓް ކުރިއަށް ގެންދަން ހުރަސް އެޅިފައިވާ ކަމަށްވެސް ވަނީ ބުނެފައެވެ.
އުމުރުން 13 އަހަރުގެ ކުއްޖާ، ބައެއްގެ ރަހުމްކުޑަ ހަަމަލާތަކެއްގައި މަރާލާފައިވަނީ އެ ކުއްޖާއަށް އިޖްތިމާއީ އެހީތެރިކަން ދިނުމަށް ޖެންޑާގައި ކުއްޖާގެ އާއިލާއިން ތަކުރާރުކޮށް އެދިފައިވަނިކޮށެވެ. ކުއްޖާގެ އާއިލާއިން އެތައް ފަހަރެއްގެ މަތިން އެކަމަށް އެދުނު ނަމަވެސް ޖެންޑާއިން އެއްވެސް އެހީތެރިކަމެއް ދީފައެއް ނުވެއެވެ. އަދި ކުއްޖާގެ އާއިލާއަށް އެންމެ ފޯނު ކޯލެއްވެސް ކޮށްފައިނުވެއެވެ.
އަދި މި އަހަރުގެ މެއި މަހު އެ ކުއްޖާ ކޮވިޑަށް ޕޮޒިޓިވްވުމުންވެސް ގެއިން ބޭރުގައި އުޅޭތީ ކުއްޖާގެ އާއިލާއިން ފުލުހާއި ޖެންޑާ އަދި އެޗްޕީއޭއަށް އެންގުމުން އެކަމާއި ގުޅިގެންވެސް އެއްވެސް ކަމެއް ކޮށްފައެއް ނުވެއެވެ.
ޖެންޑާގެ އިހުމާލުގެ ވާހަކަތައް އާއިލާއާ ހަވާލާދީ ނޫސްތަކުން ގެނެސްދޭން ފެށުމުން ޖެންޑާއިން ވަނީ ޖޫރިމަނާ އާއި އިންޒާރުގެ ބިރު ދައްކާ އެ ވާހަކަތައް ހުއްޓުވަން މަސައްކަތް ކޮށްފައެވެ.