ރައީސް އޮފީސް

ޖުލައި 28 އާއި 29 ވެސް ބަންދުކޮށްފި

މި ޖުލައި މަހުގެ 28 ވާ ބުދަ ދުވަހާއި 29 ވާ ބުރާސްފަތި ދުވަހަކީ ސަރުކާރު ބަންދު ދެ ދުވަސްކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ހަމަޖައްސަވައިފި އެވެ.

ރައީސުލްޖުމްހޫރިއްޔާ މިގޮތަށް ހަމަޖައްސަވައިދެއްވާފައި ވަނީ އަލްހާ އީދާއި މިނިވަން ދުވަހާ ގުޅިގެން ޗުއްޓީގައްޔާއި އަދި އެނޫން އެހެން ބޭނުންތަކުގައި ރަށުން ބޭރަށް ދާން ބޭނުންވާ މުވައްޒަފުންނަށް ދަތިތަކެއް ކުރިމަތިވެދާނެތީ އެކަމަށް ލުޔެއް ދެއްވުމުގެ ގޮތުންނާއި، ބަންދު ދުވަސްތައް މެދުކެނޑުމެއް ނައިސް މުވައްޒަފުންނަށް ޗުއްޓީ ލިބޭގޮތަށް ހަމަޖައްސަވައި ދެއްވުމުގެ ގޮތުންނެވެ. އަދި މިގޮތަށް ހަމަޖެއްސެވުމުން، ބަންދު ދުވަސްތަކަށްފަހު ސަރުކާރުގެ އޮފީސްތައް ދެން ހުޅުވޭނީ އޮގަސްޓް ފުރަތަމަ ދުވަހު އެވެ.

ރައީސް ސޯލިހް އިއްޔެ ވަނީ ޖުލައި 18 ވަނަ ދުވަހާއި 25 ވަނަ ދުވަސްވެސް ބަންދު ދެ ދުވަސް ކަމަށް ކަނޑައަޅުއްވާފައެވެ. ޖުލައި 19 ވަނަ ދުވަހަކީ ހައްޖު ދުވަހެވެ. އެއީ ރަސްމީ ބަންދު ދުވަހެކެވެ. އަދި 20 ވަނަ ދުވަހަކީ އަލްހާ އީދު ދުވަހެވެ. އޭގެ ފަހަށް ތިން ދުވަސް އެއީ އީދުގެ މުނާސަބަތުގައި ބަންދު ދުވަސްތަކެކެވެ.

މީގެ އިތުރުން ޖުލައި 26 ވަނަ ދުވަހަކީ ރާއްޖޭގެ މިނިވަން ދުވަސްކަމުން އެ ދުވަސްވެސް އެއީ ބަންދު ދުވަހެކެވެ. 27 ދުވަސް ބަންދު ކޮށްފައިވަނީ މިނިވަން ދުވަހުގެ މުނާސަބަތުގައެވެ.