ޕޮލިޓިކްސް

ނަޝީދަށް ޔާމީން އޯކޭ ވަނީ ކީއްވެ؟

ރައްޔިތުންގެ އޮތީ ބޮޑު ސުވާލެކެވެ. އެއީ ސިޔާސީ މަސައްކަތްޕުޅުގައި އެންމެ އަރިހުގައި ހުންނެވި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، އާއިލީ ބޭފުޅުންގެ ނަމުން "އިބޫ ދޮންބެ" މިވަގުތު ރައީސް މުހައްމަދު ނަޝީދަށް "އޯކޭ" ނުވަނީ ކީއްވެ ހެއްޔެވެ. އަދި ކުރީން ގޮވަމުން ވަޑައިގެންނެވި ވައްކަމުގެ ގޮވެލިފަތި މުޅީން ހުއްޓާލައްވާ ކުއްލި އަކަށް ރައީސް ނަޝީދަށް، ރައީސް އަބްދުﷲ ޔާމީން "އޯކޭ" ވީ ކީއްވެ ހެއްޔެވެ؟ ވެރިކަން ކުރެއްވިއްޖެ ކަމަށާ ދެން ވެރިކަން ބޭނުން ނޫން ކަމަށް އެ ވިދާޅުވަނީ ޔާމީންގެ ކޮން ކަމެއް އޯކޭ ވެގެން ހެއްޔެވެ؟ ހަމައެކަނި ވިސްނުމަކީ ރާއްޖެ ސަލާމަތް ކުރުން ކަމަށް ވިދާޅުވަނީ ރައީސް ސޯލިހުގެ ކޮން ކަމެއް ގޯހަށް ކުރައްވައިގެން ހެއްޔެވެ؟ "އިބޫ އޯކޭ" ނުވެ "ޔާމީން އޯކޭ" ވެގެން އުޅެނީ ރައީސް ނަޝީދަށް ސިޔާސީ މައިދާނުން ޖާގައެއް ނުލިބިދާނެ ކަމަށް ގަންނާކުރައްވާ ބިރުންނެވެ.

ރާއްޖޭގެ ސިޔާސީ ހަޔާތުގައި ރައީސް މުހައްމަދު ނަޝީދަކީ ރައްޔިތުންގެ ބޮޑު ތާއީދަކާ ވަރުގަދަ ލޯތްބަކާއެކު 2008 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުން ރައްޔިތުންގެ ވޯޓުން އިންތިހާބު ކުރި ފުރަތަމަ ޑިމޮކްރެޓިކް ރައީސެވެ. ސިޔާސީ މައިދާނުގައި ހިނގަމުން އައި އެތައް ކަމެއް އެމަނިކުފާނުގެ އަމިއްލަފުޅު ސްޓައިލަށް މުޅީން ބަދަލު ކޮށްލައްވާ ރައްޔިތުންނާއި ވަރަށް ގާތް ބޭފުޅެއްގެ ގޮތުގައި ހުންނެވުން ވެގެން ދިޔައީ އެމަނިކުފާނަށް އޮތް ތާއީދު އިތުރުވެގެން ދިޔަ ކަމަކަށެވެ.

ސިޔާސީ މައިދާނުގައި ރައީސް ނަޝީދުގެ ފުރަތަމަ ވާދަވެރިއަކީ ރަައީސް މައުމޫނެވެ. ސިޔާސީ މަަސައްކަތް ރައީސް މައުމޫން ކުރިއަށް ގެންދެވީ ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރުޕީ) އުފައްދަވައިގެންނެވެ. ރައީސް ނަޝީދު ނިސްބަތްވެވަޑައިގެންނެވީ ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އަށެވެ. ރައީސް މަައުމޫންގެ ޑީއާރުޕީ ބައިބައިވެ ފަޅިފަޅިވުމުން ދެން އުފެއްދެވީ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އެވެ.

ޕީޕީއެމްގެ ލީޑާޝިޕްްގެ ތެރޭގައި އުފެދުނު ހިޔާލުތަފާތުވުން ބޮޑުވެ ރައީސް މައުމޫން އެ ޕާޓީން ވަކިކޮށް ޕާޓީގެ ރައީސް ކަމަށް ރައީސް އަބްދުﷲ ޔާމީން ވަޑައިގެންނެވި އެވެ. އަދި ރައީސް މައުމޫން، ރައީސް ނަޝީދުގެ އެމްޑީޕީ އޮތް ކޯލިޝަނާއެކު މަސައްކަތް ފައްޓަވާ 2018 ގައި ރައީސް ޔާމީންގެ ވެރިކަން އިންތިހާބުން ނިމުމަކަށް ގެނައެވެ. ރައީސް ނަޝީދުގެ ޒަމާންވީ ވާދަވެރިޔާ ބަދަލުވެ އެ މަގާމަށް ރައީސް މައުމޫންގެ ކޮއްކޯފުޅު އަބްދުﷲ ޔާމީން ވަޑައިގެންނެވީ އެވެ.

ރައީސް ޔާމީނާމެދު ރައީސް ނަޝީދުގެ ތުހުމަތުތައް އަބަދުވެސް އޮވެއެވެ. ރައީސް ނަޝީދު ގެންދެވީ އެކި ތުހުމަތުތައް ރައީސް ޔާމީނަށް އަމާޒު ކުރައްވަމުންނެވެ. ޔާމީން ސްޓެލްކޯ ހިންގެވި ދުވަސްވަރާއި އެސްޓީއޯ ހިންގެވި ދުވަސްވަރާއި އެހެން ކުންފުނިތައް ހިންގެވި ދުވަސްވަރު ކުރެއްވިހާވެސް ކަމަކީ "ވައްކަން" ކަމަށް ވިދާޅުވެ އެމަނިކުފާނުގެ ޝަހުސް ކަތިލުމުގެ ކިތަންމެ ވާހަކަތަކެއް އެކި ފަހަރުމަތިން ދެއްކެވި އެވެ. ވެރިކަމަށް ވަޑައިގެންނެވުމާއެކު އެމަނިކުފާނަށް އެ ލަގަބު އިތުރަށް ހާއްސަ ކުރެއްވި އެވެ. ސަރުކާރުން ކުރާ ކޮންމެ ކަމަކާއި ގުޅުވައި އޭގެ ފަހަތުގައި "ވައްކަމުގެ" އެތައް ކަމެއް ވާކަމުގެ ތުހުމަތު ކުރެއްވި އެވެ. މިހާރުވެސް ގިނަ ބަޔަކު ގަބޫލު ކުރާ ގޮތުގައި ޔާމީން ހައްޔަރުކޮށްގެން ގެންގުޅެނީ ރައީސް ނަޝީދެވެ. އެއީ ރައީސް ސޯލިހާބެހޭ ކަމެއް ނޫނެވެ.

ރައީސް ޔާމީންގެ ވެރިކަމުގެ ފަސް އަހަރަކީ މި ފަހުން ރާއްޖެ ދުށް އެންމެ ހަރަކާތްތެރި ފަސް އަހަރެވެ. އެ ވެރިކަމުގެ ކާމިޔާބު ވާހަކަތައް އެމަނިކުފާނުގެ ވަފާތެރިންނާއި އެކުވެރި ސިޔާސީ ލީޑަރުން ތަކުރާރުކޮށް ދައްކަވާއިރު ރައީސް ނަޝީދު ވިދާޅުވާ ވަރަށް މަޝްހޫރު ވާހަކަފުޅެއް އޮވެއެވެ. ވިދާޅުވެއެވެ؛ "ބްރިޖް އޯކޭ އެވެ. 25 ބުރީގެ ހޮސްޕިޓަލް އޯކޭ އެވެ. އޯކޭ ނުވަނީ ވައްކަމެވެ،"

އެކަމަކު އެއީ މާޒީ އެވެ. މިހާރު އެ ވާހަކަ ދައްކަވަން އެމަނިކުފާނު ބޭނުންފުޅެއް ނުވެއެވެ. މިހާރު ހުރިހާ ވެސް އުންމީދެއް އޮތީ އެ ވިދާޅުވާ "ވައްކަމުގެ" ލަގަބު އެ ބޭފުޅުން ދެއްވި މިހާރުގެ އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީނެވެ. މިދިޔަ ހަފުތާއެއްގާ ދުވަސް ތެރޭގައި ރައީސް ނަޝީދު ދެ ފަހަރެއްގެ މަތިން އެ ވާހަކަފުޅު ދައްކަވައިިފި އެވެ. ފުރަތަމަ އެ ވާހަކަ ދެއްކެވީ އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރުން އަރިހު އެވެ. އެމްޑީޕީގެ އެންމެ ބާރުގަދަ އަދި އެންމެ އިސް ގުނަވަނީ ގައުމީ މަޖިލީހެވެ. ގައުމީ މަޖިލީހުގެ މެންބަރުންނަށް ހާއްސަ ވަޓްސްއަޕް ގުރޫޕްގައި ރައީސް ނަޝީދު ވިދާޅުވި ގޮތުގައި "ރައީސް ސޯލިހާއެކު ސިޔާސީ ގޮތުން ހުންނެވުން ނިމުނީ" އެވެ. ދެ ބޭފުޅުންނަށް ސިޔާސީ ގޮތުން ކުރިއަށް ދެވޭނެ ހުރިހާ މަގެއް ބަންދުވެއްޖެ އެވެ.

އުންމީދުގެ އަލި ކަމެއް އޮތީ ވެރިކަމުގެ ފަސް އަަހަރުގެ "ދިރުމެއް އޮތް ތަނެއްގައި އުންމީދެއް އޮންނާނެ" ކަމަށް ތަކުރާރު ވިދާޅުވަމުން ގެންދެވި ރައީސް ޔާމީނާ އެކުގަ އެވެ. ގައުމަށް ފައިދާ ބޮޑީ އެގޮތެވެ. އެމްޑީޕީން އާ ކޯލިޝަނަކަށް ދާން ޖެހެ އެވެ. އަދި ކޯލިޝަންގެ ބައިވެރިއަކަށް އެންމެ ރަނގަޅީ ރައީސް ޔާމީންގެ އިދިކޮޅު ދެ ޕާޓީ އެވެ. އެކަމަށްޓަކައި އެހީއަށް އެދެވެން ވެސް އެމަނިކުފާނު ހުންނެވީ ތައްޔާރަށް ކަމަށް ވެސް ވިދާޅުވި އެވެ. ކުރީން ދެއްކެވި އެއްވެސް ވާހަކަފުޅެއް ހަނދާނުގައި ވެސް ނެތް ފަދައެވެ.

ގައުމީ މަޖިލީހުގެ މެންބަރުންނަށް ދެއްވި ވަރުގަދަ މެސެޖާއެކު ހުއްޓަވައެއް ނުލައްވައެވެ. އެ ވާހަކަފުޅު ފަހުން ރަސްމީ ވެސް ކުރައްވައިިފި އެވެ. 245،900 އަށްވުރެ ގިނަ މީހުން ފޮލޯކުރާ ރައީސް ނަޝީދުގެ އަމިއްލަފުޅު ޓްވިޓާ އެކައުންޓުން ޓްވީޓެއް ކުރައްވާ ބައެއް ވާހަކަތައް އިތުރަށް ތަފްސީލު ކޮށްދެއްވިއެވެ.

ނަޝީދުގެ ހަަމައެކަނި ވިސްނުމަކީ ރާއްޖެ ސަލާމަތް ކުރުން ކަމަށް ވިދާޅުވެއެވެ. އަދި އެމަނިކުފާނު ދެކެވަޑައިގަންނަވާ ގޮތުގައި އެމްޑީޕީއަށް އާ އިއްތިހާދެއް ބޭނުންވެ އެވެ. އެ އިއްތިހާދުގައި ހުންނަންޖެހޭ ޝަރުތުތައް ވެސް ފުރަތަމަ ފަހަރަށް ވިދާޅުވެއްޖެ އެވެ. ފުރަތަމަ ޝަރުތަކީ ކޯލިޝަންގެ ބައިވެރިން "އިންޑިއާ އައުޓް" ނުގޮވުމެވެ. އަދި އެކުވެރި ހިސާންގެ ސްޕޮންސަރުގައި މިހާރު މަޖިލީހަށް ހުށައަޅާފައިވާ "ހިސާން ބިލް" ގެ ނަމުން މަޝްހޫރުވެފައިވާ ބިލާ ރުހުމެވެ. އަދި އެ ކޯލިޝަންގެ ބައިވެރިންގެ ކުުރިމަތީ މިއުޒިކަކީ ހުއްދަ އެއްޗެކެވެ. މިއުޒިކު ހަރާމް ކޮށްގެން ނުވާނެ އެވެ. ދެން އޮތީ ކީތިރި ރަސޫލާއި އިސްލާމް ދީނަށް ފުރައްސާރަ ނުކުރުމެވެ. މިއީ އެ މަނިކުފާނުގެ ޝަރުތުގެ ލިސްޓް ތަރުތީބުވެފައި އޮތް ގޮތެވެ.

ދެން ވިދާޅުވަނީ އެމްޑީޕީ އާއި ޕީޕީއެމްގެ ގްރާސްރޫޓް ރުޅި އަރުވާލި ވާހަކަފުޅެކެވެ. ވިދާޅުވީ އެމަނިކުފާނު ދެކޭ ގޮތުގައި ޕީޕީއެމް އާއި އެމްްޑީޕީގެ ގިނަ މީހުން ތިބޭނީ އެމަނިކުފާނު އެ ވިދާޅުވާ ގޮތަށެވެ. އެ ފަހުން ވެެސް އިތުރު ޓްވީޓްތައް ކުރައްވައިފި އެވެ.

އަދި ކޯލިޝަންގެ އިތުރު ބައިވެރިން ގޯސްވެއްޖެ ކަމަށް ރަސްމީކޮށް އިއުލާނު ވެސް ކޮށްފި އެވެ. ހާއްސަކޮށް އަދާލަތު ޕާޓީއެވެ. ރައީސް ސޯލިހު ވެެރިކަމަށް ގެނައުމަށް މަރުދިން އަދާލަތު ޕީޕީއެމަށް ވުރެވ ެސް ނުބައި ކަމަަށެވެ. އަދި ސަރުކާރު ހިސާރުކޮށް ހުރިހާ ގޯހެއް ހަދަނީ އަދާލަތުން ކަމަަށެވެ.

އެހެންވީމަ އަދާލަތު ދުރުކޮށް ގެންނަންވީ ޕީޕީއެމް-އެމްޑީޕީގެ ކޯލިޝަނެކެވެ. ކުރީވެސް ކޯލިޝަން ހަދަނީ ރައީސް ނަޝީދު ބޭނުންފުޅު ވެގެނެވެ. ކޯލިޝަންތައް ރޫޅަނީ ވެސް ރައީސް ނަޝީދު ބޭނުންފުޅު ވެގެނެވެ. މިހާރު ރައީސް ނަޝީދު ވިދާޅުވާ ކޮންމެ ވާހަކަފުޅަކަށް ބާރު ލައްވާ ވާހަކަފުޅު ދައްކަވާ، އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފަށް އެކަން ރަނގަޅަށް އެނގި ވަޑައިގަންނަވާނެ އެވެ.

ނަޝީދުގެ އިއްތިހާދަކަށް ޕީޕީއެމް ޝަރުތު ހަމައެއް ނުވޭ

ރައީސް ނަޝީދުގެ އެ ވާހަކަތަކަކީ ހޫނު މައުލޫއެކެވެ. އެކި މީހުން އެކި ގޮތްގޮތަށް ވާހަކަ ދައްކަމުން ދެ އެވެ. ނަޝީދުގެ އެ ވާހަކަތައް ރަސްމީކޮށް ނިސްބަތްވަނީ އެމްޑީޕީ އާއި ޕީޕީއެމަށެވެ. ދެ ފެކްޝަނެއް އޮތް އެމްޑީޕީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ވަފާތެރި ބައެއް ބޭފުޅުން ނަޝީދުގެ އެ ވާހަކަފުޅަށް ސީދާ ކޮށާއި ނުސީދާކޮށް ރައްދު ދެއްވަ އެވެ. މަޖިލީސް ބައެއް މެންބަރުންނާއި ކުންފުނިތަކުގެ ވެރިންގެ ގޮތުގައި ތިއްބެވި ސިޔާސީ ބޭފުޅުން ނަޝީދުގެ ވާހަކަތަކާއި ފާޅުގައި ދެކޮޅު ހައްދަވަ އެވެ.

އެފަދަ ބައެއް ބޭފުޅުންގެ ނަޒަރުގައި އެމްޑީޕީ އާއި ޕީޕީއެމް އެކުގައި މަސައްކަތް ކުރާނެ ދުވަހެއް އެއީ ނެތް ދުވަހެކެވެ. އަދި އެކުގައި މަސައްކަތް ކުރަންޖެހޭ ސަބަބެއް ވެސް ނެތެވެ. އަމުދުން ރައީސް ސޯލިހާ ދެކޮޅަށް، ރައީސް ޔާމީނާއެކު ކޮނޑާ ކޮނޑު ޖައްސައިގެން ކުރާނެ އެއްވެސް ކަމެއް ނޯންނާނެ އެވެ. ކިތަންމެ ނުރުހުން އޮތް ނަމަވެސް ގައުމީ މަޖިލީހުގައި ހިމެނިވަޑައިގަންނަވާ ރައީސް ނަޝީދުގެ ވަފާތެރި މެންބަރުންނަށް އޮތީ ޓްވީޓަށް ލައިކެއް ކޮށްލާ ރި-ޓްވީޓް ކޮށްލުމެވެ. ވަފާތެރި މެންބަރުން އެކަން ކުރެއްވިއެވެ.

ނަޝީދު ވިދާޅުވާ އެމްޑީޕީން ރައީސް ސޯލިހާ ދެކޮޅުވާ، އާ އިއްތިހާދާމެދު ދައުވަތު އޮތް ޕީޕީއެމާއި ޕީއެންސީން ބުނާ ގޮތުގައި ނަޝީދު ދައްކަވާ ވާހަކަތަކާއި ދުވަހަކު ވެސް އެއްބަސްނުވެވޭނެ އެވެ. އަދި އެކަމަށް ދިވެހި ރައްޔިތުން ވެސް އެއްބަހެއް ނުވާނެ އެވެ.

ހަގީގަތުގައި އާ އިއްތިހާދުގެ ޝަރުތުތައް ނަޝީދު ގެންނެވިއިރު އޭގެ ތެރޭގައި މުޅީންހެން ހިމެނެނީ އިދިކޮޅު ކޯލިޝަނުން ފުޅާކޮށް ބޮޑު ކޮށްފައި ހުރި ކަންކަމެވެ. އެއް ކަމަކީ "އިންޑިއާ އައުޓް" ކެންޕެއިނެވެ. އެ ކެންޕެއިންގައި ގައުމީ ރޫހާއި ޖޯޝް ވެސް އެބަހުއްޓެވެ. ނަމަވެސް ކެންޕެއިން ވައިގައި ހިފާ ފުޅާވެ ބޮޑުވުމުގައި އިދިކޮޅުގެ އިސް ބޭފުޅުންގެ ދައުރު ބޮޑެވެ. އިންޑިއާ ހައިކޮމިޝަން "ކޮށިއަރުވާލާ" ވަރުގެ ކެންޕެއިނަށް އެ ކެންޕެއިންވެ އެކަން ކުރާ މީހުންނަށް ފިޔަވަޅު އަޅައިދޭން އިންޑިއާއިން ދިވެހި ސަރުކާރުގައި އެދުނީ ސިޔާސީ އިދިކޮޅު ބޭފުޅުން އެ ކެންޕެއިންގައި ކުރިއަށް ވަޑައިގެންނެވުމުގެ ސަބަބުންނެވެ.

ދެން އޮތީ "ހިސާނު" ބިލެވެ. އެ ބިލާ ދެކޮޅަށް ވެސް ގައުމީ ރޫހަކާއި ޖޯޝެއް އެބައޮތެވެ. ދީނީ އިލްމުވެރިންނާއި މެޖޯރިޓީ ކައުންސިލްތަކާއި އެތައް ސަތޭކަ ޖަމިއްޔާއަކުން ބިލާ ދެކޮޅެވެ. ނަމަވެސް މަޖިލީހުގައި އެ ބިލާ ދެކޮޅަށް އަޑުއުފުލައި ފާސްކުރުން ހުއްޓުވުމުގައި އިދިކޮޅުގެ ދައުރެއް ވެސް އެބައޮތެވެ. މީގެ އިތުުރުން މިއުޒިކުގެ ހުކުމް ސާފުކޮށް ދެއްވި ބޭފުޅުން ވެސް އެ ތިއްބެވީ އިދިކޮޅާއެކު ގައެވެ. ނަޝީދުގެ އިއްތިހާދުން ޝަރުތުން އިދިކޮޅު ފެތެނީ މާތް ރަސޫލާއި އިސްލާމްދީނަށް ފުރައްސާރަ ކޮށްގެން ނުވާނެ ކަމަށް ބުނާ ޝަރުތައް އެކަންޏެވެ. ދެން މުޅީންވެސް އެ ހުރީ އެ ވިދާޅުވާ އައު އިއްތިހާދަށް އިދިކޮޅުގެ ޝަރުތު ހަމަނުވާ ކަންކަމެވެ.