ލައިފްސްޓައިލް

އެންމެ އެސްފިޔަ ދިގު މީހާގެ ރެކޯޑް ޗައިނާ މީހަކަށް

އެންމެ އެސްފިޔަ ދިގު މީހާގެ ދުނިޔޭގެ ރެކޯޑް މިހާރު އޮތީ ޗައިނާ މީހެއްގެ އަތުގަ އެވެ. ގިނިސް ވޯލްޑް ރެކޯޑްސްގެ ބްލޮގް ސްޕޮޓްގައިވާ ގޮތުން މި އަންހެންމީހާ މި ރެކޯޑް މުގުރާފައިވަނީ 2016 ވަނަ އަހަރު އެވެ. އޭގެ ފަހުން ކޮންމެ އަހަރަކުވެސް މި ރެކޯޑް ގާއިމްކުރުމުގައި އަންހެންމީހާ ދަނީ ކާމިޔާބު ހޯދަމުންނެވެ.

ޖިއަންޒިއާ ކިޔާ މި އަންހެންމީހާ މީގެ ފަސް އަހަރު ކުރިން މި ރެކޯޑް މުގުރާލިއިރު އޭނާގެ އެސްފިޔަ ތަކުގެ ދިގުމިނަކީ 4.8 އިންޗި އެވެ. ފަސް އަހަރު ފަހުން މޭ 20 ގައި އޭނާ އަނެއްކާވެސް ރެކޯޑް މުގުރާލިއިރު އެސްފިޔަ ތަކުގެ ދިގުމިނުގައި އަށް އިންޗި އެބަހުއްޓެވެ.

ޖިއަންޒިއާ ބުނި ގޮތުގައި އޭނާގެ އެސްފިޔަތައް އާދަޔާޚިލާފަށް ދިގުވާކަން ފާހަގަވާން ފެށީ 2015 ގައެވެ. މިކަމާ ކަންބޮޑުވެގެން އޭނާ ޑޮކްޓަރަށް ވެސް ދެއްކި އެވެ. މިކަން މެދުވެރިވާ ސަބަބެއް ޑޮކްޓަރުންނަށް ވެސް ނޭނގުނުކަމަށް ޖިއަންޒިއާ ބުންޏެވެ.
"އަހަރެންގެ އެސްފިޔަތައް މިހާ ދިގުވާ ސަބަބަކާ މެދު އަހަރެން އަބަދުވެސް އަޖައިބުވެ އެކަމާ މެދު ވަރަށް ވިސްނަން. ދެން ހިތަށް އެރި މީގެ އަހަރު ތަކެއް ކުރިން އަހަރެން 480 ދުވަހު ފަރުބަދަތަކުގެ މަތީގައި އުޅުނީމަ ވީ ގޮތެކޭ އެއީ،" ގިނިސް ވޯލްޑް ރެކޯޑްސް އަށް ދިން އިންޓަވިއު އެއްގައި ޖިއަންޒިއާ ބުންޏެވެ.

ޖިއަންޒިއާގެ އެސްފިޔަ ދިގުކަމުން އާންމު ދިރިއުޅުމުގައި ކުރާ ކަންކަން ކުރަން އުނދަގޫވާނެ ކަމަށް ހީވެދާނެ އެވެ. ނަމަވެސް އޭނާ ބުނަނީ އެސްފިޔަތައް ދިގުވެގެން އެއްވެސް އުނދަގުލެއް ނުވާ ކަމަށެވެ.

"އެއްވެސް ކަމެއް ކުރާކަށް އުނދަގުލެއް ނޫން. އެސްފިޔަތައް ދިގުވެގެން ލިބެނީ ހަމައެކަނި އުފާ. ވަރަށް އުފާވޭ،" ޖިއަންޒިއާ ބުންޏެވެ.

ޖިއަންޒިއާ ބުނި ގޮތުގައި އެސްފިޔަތައް މިހާ ދިގުވަނީ ޖެނެޓިކް މައްސަލައަކުންތޯ ބަލަން ވެސް އޭނާ މަސައްކަތް ކުރި އެވެ. ނަމަވެސް ކާބަފައި ޒަމާނުއްސުރެ ވެސް އޭނާގެ އާއިލާގެ އެއްވެސް މީހަކަށް މިކަން މެދުވެރިވެފައިވާ ކަން އެނގެން ނެތް ކަމަށް އޭނާ ބުންޏެވެ.

އަދިވެސް ކޮންމެ އަހަރަކު ޖިއަންޒިއާގެ އެސްފިޔަތައް ދަނީ ދިގު ވަމުންނެވެ. އަދި މިކަން މެދުވެރިވާ ހަގީގީ ސަބަބު ވަނީ ނޭނގުމެއްގެ ތެރޭގަ އެވެ.

އޭނާ ބުނަނީ އޭނާގެ ވަރުގަދަ ހަށިގަނޑާއި އެސްފިޔަތައް ދިގުވުމާ ވަރަށް ބޮޑު ގުޅުމެއް ހުރި ކަމަށް ގަބޫލުކުރެވޭ ކަމަށެވެ.
"އަހަރެން އުފަންވީއިރު އޮތީ ވަރަށް ބަލިކަށިކޮށް. އެކަމަކު ބޮޑުވީ ފަހުން ވަރަށް ހަށިގަނޑު ވަރުގަދަވެއްޖެ. މީހުން ބުނޭ އަހަރެންގެ އުމުރަށް ވުރެ މާ ޒުވާނޭ ވެސް،" ޖިއަންޒިއާ ބުންޏެވެ.