ކިލިއަން އެމްބާޕޭ ޕީއެސްޖީގައި މަޑު ކުރަން ބޭނުންވާ ކަމަށް ޕީއެސްޖީއާ އަލަށް ގުޅުނު ސާޖިއޯ ރާމޯސް ބުނެފި އެވެ.
ސްޕެއިންގެ މީޑިއާއަށް ދިން އިންޓަވިއު އެއްގައި ރާމޯސް ބުނީ އެމްބާޕޭ ޕީއެސްޖީގައި މަޑު ކުރަން ބޭނުންވާ ކަމަށާއި، އޭނާ ބޭނުން ވަނީ އެމްބާޕޭ ކަހަލަ މަތީ ފަންތީގެ ކުޅުންތެރިންނާއެކު ކުޅެން ކަމަށެވެ.
މިދިޔަ ހޯމަ ދުވަހު ޕީއެސްޖީގެ ފަރިތަކުރުން ތަކުގައި ބައިވެރިވާން ފެށި ރާމޯސް ބުނީ އޭނާގެ ތަޖުރިބާއަށް ބަލައި އެމްބާޕޭއަށް މިކަމާއި ގުޅޭ ގޮތުން ވަކިން ނަސޭހަތްތެރި ވާނެ ކަމަށެވެ. އަދި ޕީއެސްޖީގައި މިހާރު އޮތީ ވަރަށް ވަރުގަދަ ސްކޮޑެއް ކަމަށާއި، އޭގެ ބޭނުން ހިފައިގެން އެމްބާޕޭއަށް ކުރިއަށް ދާން ވަރަށް ފަސޭހަ ވާނެ ކަމަށެވެ.
ޕީއެސްޖީއަށް ބަދަލު ވެވުމުން އުފާ ކުރާކަން ފާހަގަ ކުރަމުން ރާމޯސް ބުނީ ނޭމާ އާއި އެމްބާޕޭ އާއެކު ކުޅެން އޭނާ ވަރަށް ބޭނުންވާ ކަމަށެވެ. އަދި ފަހަތަށް އެނބުރި ބަލައިގެން ވާނެ ފައިދާއެއް ނޯންނާނެ ކަމަށާއި، ރިއަލް މެޑްރިޑުން ޕީއެސްޖީއަށް ބަދަލު ވެވުނީ ރަނގަޅަކަށް ކަމަށެވެ.
ރިއަލް މެޑްރިޑަށް 16 ސީޒަން ކުޅެދީފައިވާ ސާޖިއޯ ރާމޯސް އެ ކްލަބް ދޫކޮށް ޕިއެސްޖީއަށް ބަދަލުވުން ވެގެން ދިޔައީ ގިނަ ބަޔަކު ހައިރާންވި ކަމަކަށެވެ. އަދި ރާމޯސް ރިއަލްގައި މަޑުކޮށް، ރިއަލް އިން ކުރިން ކުރަމުން އައި މަސައްކަތް ކުރި ނަމަ އެމްބާޕޭ އާއި ނޭމާ އާއި އެކު ރިއަލް މެޑްރިޑްގައި ރާމޯސް ފަހަރުގައި ފެނުނީހެވެ. އޭރު ހުރި ގޮތަށް ރާމޯސް ރިއަލްގައި މަޑު ކުރި ނަމަ މިހާރު އެމްބާޕޭ ޕީއެސްޖީއިން ބަދަލުވުމާއި އޭނާ ދެކޮޅު ނުހަދާނެ އެވެ. ނަމަވެސް މިހާރު ވަނީ މަންޒަރު ބަދަލުވެ ތިން ކުޅުންތެރިން ޕީއެސްޖީގައި އެއްތަން ވެފަ އެވެ.
އެމްބާޕޭ ޕީއެސްޖީގައި މަޑުކޮށްފި ނަމަ 35 އަހަރުގެ ރާމޯސް އޭނާގެ ތަޖުރިބާގެ ބޭނުން ހިފާ އެމްބާޕޭ ކުރިއަރުވަން މަސައްކަތް ކުރާނެ ކަމަށް ބުންޏެވެ. ނަމަވެސް އެމްބާޕޭގެ ކޮންޓްރެކްޓްގެ މުއްދަތު ހަމަވަން މާގިނަ ދުވަސް ނެތް އިރު، އޭނާގެ ކޮންޓްރެކްޓް އާ ކުރަން ޕީއެސްޖީން ކުރަމުން އަންނަ މަސައްކަތަށް އޭނާގެ ފަރާތުން އެއްބާރުލުން ލިބިފައެއް ނުވެ އެވެ.
ކޮންޓްރެކްޓް އާ ނުކޮށްފި ނަމަ 2022 ގައި ފްރީ އެޖެންޓެއްގެ ގޮތުގައި އެމްބާޕޭ ބޭނުން ކްލަބަކަށް ބަދަލު ވެވޭނެ އެވެ.