ބޭރު ކުޅިވަރު

ޗެލްސީގެ މައްސަލައަކީ ބައެއް ކުޅުންތެރިންގެ އުޅުން ގޯސްވުން: އިވަނޮވިޗް

އެންމެ ފަހުގެ ޗެމްޕިއަން ޗެލްސީ މި ސީޒަނުގައި އަޑިއަޅާލުމުގެ ސިއްރަކީ ބައެއް ކުޅުންތެރިންގެ އުޅުން ގޯސްވުން ކަމަށް ޑިފެންޑަރު ބްރަނިސްލާވް އިވަނޮވިޗް ބުނެފި އެވެ.

އޭނާ ބުނީ މިދިޔަ ސީޒަނުގެ ޗެމްޕިއަންކަން ލިބުމަށްފަހު ޗެލްސީގެ ކުޅުންތެރިން ތަށި ހޯދަން މަސައްކަތް ކުރާ ޓީމެއްގެ ކުޅުންތެރިންގެ ފުށުން ފެންނަންޖެހޭ ސީރިއަސްކަން ނުދައްކާ ކަމަށެވެ.

އަދި އެންމެ ފަހުން ކުޅުނު 12 މެޗުގެ ތެރެއިން ހަތް މެޗުން ބަލިވެ، ޓޭބަލުގެ 16 އަށް ވެއްޓިފައިވީ ނަމަވެސް ކޯޗު ހޯސޭ މޮރީނިއޯ އަށް އިތުބާރު ކުރާ ކަމަށެވެ.

"އޭނާއަށް ހުރިހާ ކުޅުންތެރިންގެ ވެސް ފުލް ސަޕޯޓް އެބައޮތް. އޭނާއަކީ މި ކުލަބު މި ކަންތައްތަކުން ސަލާމަތްކޮށްދެވޭނެ އެންމެ ފުރިހަމަ މީހާ،" އިވަނޮވިޗް ބުންޏެވެ.

ޗެލްސީ އެންމެ ފަހުން ކުޅުނު ހަތް މެޗުގައި ވެސް އަނިޔާގެ ސަބަބުން އިވަނޮވިޗް ނުކުޅެ އެވެ. ނަމަވެސް މިހާޜު އަނިޔާއިން މުޅިން ސަލާމަތްވެފައިވާ ޑިފެންޑަރު ބުނީ ޗެލްސީގެ ހާލަތު ބަދަލުކުރެވޭނީ މެޗުތަކުން މޮޅުވެގެން ކަމަށާއި ފަހަކަށް އައިސް ކުޅުނު މެޗުތަކުގައި ޓީމުން ރަނގަޅު ކުޅުމެއް ދައްކާފައިވާ ކަމަށެވެ.