އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމުރު މާލެއިން ބިމެއް ބައްލަވައިގެންފި އެވެ.
ދައުލަތަށް ގިނަ ދުވަހު ހިދުމަތް ކުރެއްވި އިއްޒަތްތެރިއެއް ކަމުގައިވާ ހަބީބާ ހުސައިން ހަބީބުގެ ނަމުގައި އޮތް ގ. ވައިލެޓް އަބީރު، އަމުރު ބައްލަވައިގެންނެވީ 8.4 މިލިއަން ރުފިޔާ އަށެވެ.
ސިވިލް ކޯޓުން މިދިޔަ ހޯމަ ދުވަހު ކޮށްފައިވާ ހުކުމްގައިވާ ގޮތުން އަމުރު ބައްލަވައިގަތީ 1183.7 އަކަފޫޓުގެ ބިމެކެވެ.
ބިމުގެ އަގު ލިބިވަޑައިގެންފައިވާ ކަމަށް ވިދާޅުވެ ހަބީބާ ވަނީ ޝަރީއަތަށް ބަޔާނެއް ވެސް ދެއްވާފަ އެވެ. އެހެންވެ ގ. ވައިލެޓް އަބީރުގެ މިހާރުގެ މިލްކުވެރި ފަރާތަކީ އަމުރު ކަމަށް ކޯޓުން ވަނީ ހުކުމްކޮށްފަ އެވެ.
ގ. ވައިލެޓް އަބީރު ވިއްކާލުމަށް ކޯޓުން ހުއްދަ ދިނީ ހަބީބާގެ ދަރިފުޅު އިބްރާހީމް ޒުބައިރުގެ ނަމުގައި ރަޖިސްޓްރީ ކޮށްފައިވާ މއ. މާންދޫވިލާގައި ހަބީބާ އަށް ދިރިއުޅެވޭނެ އިންތިޒާމު ހަމަޖައްސަވައިދެއްވާނެ ކަމުގެ ޔަގީންކަން ލިޔުމުން ޒުބައިރު ދެއްވުމުންނެވެ.
އަމުރު ބިމެއް ބައްލަވައިގެންފައި މިވަނީ އާމްދަނީން ޓެކްސް ނެގުމުގެ ގާނޫނަށް އަމަލުކުރަން ފެށުމާ ގުޅިގެން ބިމާ ބެހޭ ގާނޫނުގެ ދަށުން ކުރިން ވިއްކަމުން ދިޔަ ބިންތަކުން ދައުލަތަށް ނަގަމުން ދިޔަ ޓެކްސް ދައްކަން ނުޖެހޭ ވަގުތެއްގަ އެވެ.
ރާއްޖޭގެ އެންމެ ދުވަސްވީ ލިޔުންތެރިންގެ ތެރޭގައި ހިމެނޭ ހަބީބާ ހުސައިން ހަބީބް ވަނީ 49 އަހަރު ދުވަހަށް ވުރެ ދިގު މުއްދަތެއްގައި ސަރުކާރަށް ހިދުމަތް ކުރައްވާފަ އެވެ. އެކަމަނާ ހިދުމަތުގެ އަގުވަޒަން ކުރައްވާ ދިވެހި ދައުލަތުން ވަނީ ނިޝާން ދިޔަމިގިލީ ޝަރަފުގެ އިއްޒަތް އަރުވާފަ އެވެ.