ކާޑުގެ ބާވަތްތަކާއި ޒަރޫރީ ބޭނުންތަކަށް އިންޑިޔާއިން ރާއްޖެއަށް އެތެރެ ކުރާ މުދާ އެތެރެކުރުމަށް ދީފައިވާ ކޯޓާ ތިން އަހަރުގެ މުއްދަތަށް އައު ކޮށްދީފި އެވެ.
މީގެ ކުރިން މުއްދަތު އިތުރުކޮށް ދެމުން އައީ އަހަރު އެއް ފަހަރު އެވެ. މިއީ ތިން އަހަރުގެ މުއްދަތަކަށް ކޯޓާ އިތުރުކޮށްދިން ފުރަތަމަ ފަހަރެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް އިންޑިޔާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާ ފޯނުން ގުޅުއްވައި ވަނީ ޝުކުރު އަދާކުރައްވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވެވި ގޮތުގައި މިއީ މިހާތަނަށް މިގޮތަށް ކޯޓާ އެންމެ ގިނަ ދުވަހަށް އެޕްރޫވް ކުރި ފަހަރު ކަމަށާއި މިކަމުގެ ސަބަބުން ވިޔަފާރިތަކަށް އިތުރު ޔަގީންކަމެއް ލިބި ރާއްޖެއަށް އެތެރެކުރާ މުދަލުގެ އަންދާޒާއެއް ކުރެވޭނެކަމުގައެވެ.
ރައީސުލްޖުމްހޫރިއްޔާއާއި އިންޑިޔާގެ ބޮޑުވަޒީރު ވަނީ އިންޑިޔާގެ އެހީތެރިކަމާއެކު ރާއްޖޭގައި ކުރިޔަށްގެންދާ އިޖްތިމާއީ އިގްތިސާދީ ތަރައްގީގެ މަޝްރޫޢުތަކާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވެވިގޮތުގައި ކޮވިޑް-19 ގެ މި ދަތި ޙާލަތުގައިވެސް އިންޑިޔާއިން ރާއްޖެއަށް ދެއްވާ އެއްބާރުލެއްވުމާއި އެހީތެރިކަމުގެ ސަބަބުން ރާއްޖޭގެ ސަރުކާރުން ދިވެހިންނަށް ކުރިމަތިވި ގެއްލުންތައް ކުޑަކޮށް މި ދަތި ހާލަތުން އަރައިގަތުމަށް ކުރަމުންދާ މަސައްކަތަށް އިތުރު ބާރުވެރިކަމެއް ލިބިއްޖެކަމުގައެވެ.
ރައީސުލްޖުމްހޫރިއްޔާ ވަނީ މި އަހަރު ފެށުނުއިރު ރާއްޖޭގައި ކޮވިޑް ދިފާޢު ވެކްސިން ކެމްޕެއިން ފަށައިގަތުމަށް އިންޑިޔާ ސަރުކާރުން ހަދިޔާކުރެއްވި ކޮވިޝީލްޑްގެ 100,000 ޑޯޒް ވެކްސިން ހަދިޔާކުރެއްވި ކަމަށްޓަކައި އިންޑިޔާގެ ބޮޑުވަޒީރު މޯދީއަށާއި އިންޑިޔާގެ ސަރުކާރަށް ޝުކުރުއަދާކުރައްވަފައެވެ.