މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ރައީސްކަމުގެ މަގާމުގައި ހުންނަ މީހަކަށް އެހެން ކުޅިވަރު އެސޯސިއޭޝަނެއްގެ ރައީސް ކަމުގައި ނުހުރެވޭގޮތަށް ކުޅިވަރާ ބެހޭ ގައުމީ މަޖިލީހުން ނިންމައިފި އެވެ.
މީގެ އިތުރުން އެކަކަށް ކުޅިވަރުގެ ދެ އެސޯސިއޭޝަނެއްގެ ރައީސްކަމުގައި ނުހުރެވޭގޮތަށް ނިންމައި އެސޯސިއޭޝަނަކާ ގުޅިފައިވާ އިންޓަނޭޝަނަލް ފެޑަރޭޝަނަކުން އައްޔަންކުރާ ނޯމަލައިޒޭޝަން ކޮމިޓީގެ މެމްބަރުންނާއި އެފަދަ ފެޑަރޭޝަނެއްގެ އެކްސޯގައި ހިމެނިވަޑައިގަންންވާ ބޭފުޅަކަށް ވެސް އެސޯސިއޭޝަންތަކުގެ އިންތިހާބުގައި ވާދަ ނުކުރެވޭގޮތަށް ވަނީ ނިންމައިފައެވެ. އަދި މި ނިންމުންތަކަށް އެޓާނީ ޖެނެރަލްގެ ލަފަޔަކަށް އެދި ކުޅިވަރާ ބެހޭ މިނިސްޓްރީން މިހާރު ވަނީ ފޮނުވާފައިވާ ކަމަށް އިތުބާރު ހުރި ގޮތަކަށް ވަނީ ކަށަވަރުވެފަ އެވެ.
ކުޅިވަރުގެ ގައުމީ މަޖިލީހުން މި ގޮތަށް މިނިންމީ އަންނަ މަހު ބާއްވަންޖެހޭ ފުޓްބޯޅަ އެސޯސިއޭޝަނުގެ އިންތިޚާބާ ދިމާކޮށެވެ. މި އިންތިހާބުގައި އެފްއޭއެމްގެ ރައީސް ކަމަށް ވާދަކުރައްވާ މުހައްމަދު ޝަވީދަކީ ކުޅިވަރުގެ ގައުމީ މަޖިލީހުން ނިންމެވި ނިންމުންތަކުގެ ސަބަބުން އިންތިހާބުގައި ވާދަކުރައްވަން އުނދަގޫތަކެއް ކުރިމަތިވާނެ ބޭފުޅެކެވެ.
ޝަވީދަކީ ރާއްޖޭގެ އޮލިމްޕިކް ކޮމިޓީގެ މިހާރުގެ ރައީސެވެ. އަދި އޭޝިޔާގެ ފުޓްބޯޅަ ޖަމިއްޔާ އޭއެފްސީގެ ހިންގާ ކޮމިޓީގެ މެމްބަރެކެވެ. އަދި އޮލިމްޕިކް ކޮމިޓީގެ ރައީސްގެ ހައިސިއްޔަތުން އެފްއޭއެމަށް ފީފާއިން އައްޔަންކުރި ނޯލަމައިޒޭޝަން ކޮމިޓީގެ ވެސް މެމްބަރެކެވެ.
ކުޅިވަރުގެ ގައުމީ މަޖިލީހުގެ މިނިންމުންތަކަކީ ރާއްޖެއިން ސޮއިކޮށްފައިވާ އޮލިމްޕިކް ޗާޓަރާ ހިލާފު ކަމެއް ކަމަށް ރާއްޖޭގެ ކުޅިވަރުގެ ބައެއް ތަޖުރިބާކާރުން މިހާރު ވަނީ ބުނަން ފަށައިފަ އެވެ. އަދި މިއީ އޭޝިޔާގެ ގިނަ ގައުމުތަކުގައި ވެސް ޕްރެކްޓިސް ކުރާ ގޮތެއްނޫނެވެ.
ކުވޭތާއި ފަލަސްތީން އަދި އުޒުބަކިސްތާނާއި ހޮންކޮންގް، އަދި ޓިމޯލެސްތޭ އާއި ބުރޫނާއީގެ އިތުރުން އެނޫން ގައުމުތަކުގައި ވެސް އޮލިމްޕިކް ކޮމިޓީ އާއި ފުޓްބޯޅަ އެސޯސިއޭޝަނުގެ ރައީސްކަން އެއްބޭފުޅަކަށް އަދާކުރެވެ އެވެ. އަދި ބައެއް ގައުމުތަކުގައި ކެބިނެޓް މިނިސްޓަރުން އެސޯސިއޭޝަންތައް ހިންގަވާފައިވެސް އެބަހުއްޓެވެ.
އެފްއޭއެމުގެ އިންތިހާބާ ދިމާކޮށް ކުޅިވަރާ ބެހޭ މިނިސްޓްރީ އާއި އެފްއޭއެމް ކޯޅެމުންދާއިރު ފީފާއިން ވަނީ ރާއްޖެ އަށް ޑިސެމްބަރުގެ ނިޔަލަށް އިންތިހާބު ބާއްވަން އެންމެ ފަހު ފުރުސަތުދީފަ އެވެ. އެއީ މީގެ ކުރިން ދެ ފަހަރެއްގެ މަތީން އިންތިހާބު ޝެޑިއުލްކުރި ނަމަވެސް އެންމެ ފަހު ވަގުތު ނުބޭއްވިފައިވާތީ އެވެ. އިންތިހާބު ނުބޭއްވިއްޖެނަމަ ރާއްޖެ ފުޓްބޯޅައިން ސަސްޕެންޑްކުރާނެ އެވެ.
ކުޅިވަރުގެ ގައުމީ މަޖިލީހުން މި ގޮތަށް ނިންމިއިރު ޝަވީދާ ބެހޭ ގޮތުން ކުޅިވަރާ ބެހޭ މިނިސްޓްރީން ވަނީ ގިނަ ތުހުމަތުތަކެއްކޮށް، ފީފާ އަށް ސިޓީ އެއް ވެސް ފޮނުވައިފަ އެވެ. ނަމަވެސް މިނިސްޓްރީގެ ޝަކުވާތަކަށް ބީރު ކަންފަތެއް ދިނުމަށްފަހު ފީފާއިން އަންގާފައިވަނީ އިންތިހާބުގައި ވާދަކުރެވޭނީ މިހާރު ކުރިމަތިލައްވާފައިވާ ކެނޑިޑޭޓުންނަށް އެކަނި ކަމަށެވެ. ޝަވީދަކީ އެފްއޭއެމަށް ކުރިމަތިލެއްވި ހަމައެކަނި ކެނޑިޑޭޓެވެ.