މެސީ

މެސީ ބާސާއާއި އެކު އާކޮންޓްރެކްޓެއް

މިވަގުތު ފްރީ އެޖެންޓެއްގެ ގޮތުގައި ހުރި ލިއޮނެލް މެސީ ބާސެލޯނާއާ އެކު އާ އެއްބަސްވުމެއް އެކުވަލާލައިފި އެވެ.

މިއީ ބާސާގެ ރައީސް ލަޕޯޓާ އާއި މުޅި އެ ކްލަބުގައި ޖަހާލި ހިތްގައިމު މިއުޒިކަކަށް ވާނެކަން ގައިމެވެ. ލަޕޯޓާ ކްލަބުގެ ރައީސް ކަމާއި ހަވާލުވި ފަހުން އެންމެ އިސްކަމެއް ދީގެން ކުރަމުން އަންނަ މަސައްކަތަކީ މެސީ ބާސާގައި ބެހެއްޓުމަށް ރެއާއި ދުވާލު އޭނާ ކުރާ މަސައްކަތެވެ.

މެސީގެ ކޮންޓްރެކްޓް ހަމަވެ އޭނާ ފްރީ އެޖެންޓަކަށް ވުމުން ދުނިޔޭގެ ގިނަ ފުޓްބޯޅާ ސަޕޯޓަރުން އައީ އޭނާ ދެން އަލުން ބާސާ އާއި ގުޅޭނެތޯ ނުވަތަ ނޫންތޯ ސުވާލު އުފައްދަމުންނެވެ. ސްޕެއިންގެ ކުޅިވަރު ރިޕޯޓުތައް ބުނާ ގޮތުން އުމުރުން 34 އަހަރުގެ މެސީ މިފަހަރުގެ އެއްބަސްވުމުގެ ދަށުން ނަގާނީ އޭނަގެ މުސާރައިގެ ދެބައިކުޅަ އެއްބަ އެވެ. ނަމަވެސް މިކަމުގެ ލިޔެކިޔުންތައް އަދި ފުރިހަމަ ކޮށްފައެއް ނުވެ އެވެ.

ބާސާގައި މެސީ ބެހެއްޓުމަށް އެ ކުލަބުން ވަނީ ހަރަދު ކުޑަ ކުރުމުގެ ގޮތުން ގިނަ ކުޅުންތެރިން ތަކެއް ވިއްކާލަން މަސައްކަތް ކޮށްފަ އެވެ. ނަމަވެސް ބެލެވޭ ގޮތުގައި މެސީ އޭނާގެ ކޮންޓްރެކްޓް އާ ނުކޮށް މިހާ ދުވަހު މަޑުކުރީ މުސާރައިގެ މައްސަލައެއްގަ ނޫނެވެ. އެއީ ގާނޫނީ ގޮތުން އޭނާ ބޭނުންވާ ބައެއް ކަންތައް ނިންމުމަށެވެ.

ދާދި ފަހުން ކޮޕާ އެމެރިކާ ކާމިޔާބު ކުރި މެސީ މިފަހަރު ބާސާ އާއެކު ހަދަން އުޅެނީ ފަސް އަހަރު ދުވަހުގެ ދިގު ކޮންޓްރެކްޓެއް ކަމަށް މައުލޫމާތު ލިބެ އެވެ. މި ފަސް އަހަރުގެ ތެރެއިން ދެތިން އަހަރަކު ކުޅުމަށްފަހު އެންމެ މަތީ ފަންތި އަށްވުރެ ދަށުގެ ކްލަބަކަށް މެސީ ކުޅުން އެކަށީގެންވެ އެވެ. އެކަމަކު ފަސް އަހަރުގެ ކޮންޓްރެކްޓް ހަމަވަންދެން ކްލަބްގެ އެމަބަސެޑަރެއްގެ ގޮތުގައި މެސީ މަސައްކަތް ކުރާނެ ކަމަށް ބެލެވެ އެވެ.

މެސީ އާއި ބާސާ އާއި ދެމެދު އިއްޔެ އެއްބަސްވުމެއް އެކުލަވައިލި ނަމަވެސް ރަސްމީ ސިފައެއްގައި މިކަން އަންގަން އަދި ދުވަސްކޮޅެއް ނަގާފާނެ އެވެ. އެއީ މި ޑީލް ކުރިއަށް ގެންދިއުމަށްޓަކައި ކްލަބުން ނިންމަންޖެހޭ ބައެއްކަހަލަ މާލީ ލިޔެކިޔުންތައް ނިންމަން ވަގުތު ބޭނުންވާނެތީ އެވެ.