އިސްލާމިކް ސްޓޭޓް

އައިއެސް އިން ނޯވޭ އާއި ޗައިނާގެ ރަހީނުން މަރާލައިފި

Nov 19, 2015
3

އައިއެސް އިން ރަހީނު ކޮށްފައިވާ ނޯވޭ މީހަކާއި ޗައިނާ މީހަކު މަރާލައިފި ކަމަށް އެ ޖަމާއަތުން ބުނެފިއެވެ.

މީގެ ދެމަސް ކުރިން އެ ގުރޫޕުން ވަނީ އެ ދެ ރަހީނުން މިނިވަން ކުރާނީ ނޯވޭ އާއި ޗައިނާ އިން އެމީހުން ބުނާ އަދަދަކަށް ފައިސާ ދިނުމުން ކަމަށް ބުނެފައެވެ. އައިއެސް އިން މި ދެ ރަހީނުން މަރާލިކަން ހާމަ ކުރީ އެ ޖަމާއަތުން އިނގިރޭސި ބަހުން ޝާއިއު ކުރާ މެގަޒިން، "ދަބީގް" ގެ އެންމެ ފަހުގެ އަދަދުގައެވެ.

އިއްޔެ ނެރުނު މި އަދަދުގައި މަރާލާފައިވާ މި ދެ ރަހީނުންގެ ފޮޓޯ ޖަހާފައި ވެއެވެ. އެ ފޮޓޯގެ ކެޕްޝަންގައި ލިޔެފައި ވަނީ "މިއީ ކާފަރުންގެ ގައުމުތަކުން އަޅާނުލައި ދޫކޮށްލުމުން މަރާލާފައިވާ ދެމީހުން" ކަމަށެވެ.

ނޯވޭގެ 48 އަހަރުގެ މީހާ އާއި ޗައިނާގެ 50 އަހަރުގެ މީހާ އައިއެސް އިން އަތުލައިގަތީ ކޮންތާކުން ކިހިނެއް ކަމެއް އެ ޖަމާއަތަކުން ނުބުނެއެވެ. ނޯވޭ އާއި ޗައިނާ ސަރުކާރުން އަދި މި ދެ މީހުންގެ މަރާ ގުޅިގެން ވަކި އެއްޗެއް ނުބުނެއެވެ.

އިރާގާއި ސީރިޔާގެ ގިނަ ސަރަހައްދުތަކެއް އައިއެސް އިން ކޮންޓްރޯލް ކުރާ އިރު މީގެ ކުރިން ވެސް އައިއެސް އިން އެ ގައުމުތަކުގައި މަސައްކަތްކުރާ އެހެން ގައުމުތަކުގެ މީހުން ހިފައި ހައްޔަރު ކޮށް މަރާފައި ވެއެވެ.

"ދަބީގް" މެގަޒިންގެ އެއްޔެ ނެރުނު އަދަދުގައި، މިދިޔަ މަހު މިސްރު މަތިން ވައްޓާލި ރަޝިޔާ ބޯޓު ގޮއްވާލުމަށް ބޭނުންކުރި ކަމަށް ބުނާ ބޮމުގެ ފޮޓޯއެއް ވެސް އައިއެސް އިން ހަމަނާފައި ވެއެވެ. އައިއެސްއިން ދައްކާލި ބޮން ލާފައި ވަނީ ސޮފްޓް ޑްރިންކު ދަޅަކަށެވެ.

މިސްރުގެ ޝަރުމުއްޝޭހުން ނައްޓާލައިގެން ރަޝިޔާގެ ސެއިންޓް ޕީޓާސްބާގަށް ދިޔަ މި ބޯޓު ވައްޓާލި ހާދިސާގައި އޭގައި ތިބި 224 މީހުން މަރުވިއެވެ. އެ ޖަމާއަތުން ބުނީ ރަޝިޔާ ބޯޓު ވައްޓާލީ އެގައުމުން އައިއެސްއަށް ހަމަލަދޭތީ ކަމަށެވެ. އަދ މުސްލިމުންގެ ބިން ތަކުގައާއި ވައިގެ ސަރަހައްދުތަކުގައި ރަޝިޔާއަށާއި އައިއެސް އަށް ހަމަލާ ދިނުމުގައި ބައިވެރިވާ އެހެން ގައުމުތަކަށް އެއްވެސް ރައްކާތެރި ކަމެއް ނޯންނާނެ ކަމަށެވެ. -- އަލްޖަޒީރާ