ބޭންކް އޮފް މޯލްޑިވްސް

މިމަހުގެ 21 އަދި 27 ގައި ބީއެމްއެލް ހުޅުވާނެ

Jul 15, 2021

ކުރިއަށް އޮތް ބަންދު ދުވަސްތަކުގައި ދެ ދުވަހަކު ބީއެމްއެލް ހުޅުވާނެ ކަމަށް އެ ބޭންކުން ބުނެފި އެވެ.

ބީއެމްއެލް އިން ބުނީ މިމަހުގެ 21 އަދި 27 ވަނަ ދުވަހު ބޭންކުގެ ބްރާންޗްތަކާއި ސާވިސް ސެންޓަރުތައް ހުޅުވާނެ ކަމަށެވެ. މިތަންތަން ހުޅުވާނީ މި ދެދުވަހުގެ ހެނދުނު 8:30 އިން މެންދުރު ފަހު 2:00 އަށް ކަމަށެވެ.

ބޭންކުން ބުނީ މި ދެ ދުވަހު ރާއްޖެއިން ބޭރަށް ފައިސާ ފޮނުވުމާއި އެހެން ބޭންކުތަކުގެ ޗެކް ޕްރޮސެސް ކުރުމަށް ލިބޭ ހުށަހެޅުންތަކުގެ ތެރެއިން ޕްރޮސެސް ކޮށްދޭނީ އެ ދުވަހެއްގެ 11:00 ޖެހުމުގެ ކުރިން ލިބޭ ހުށަހެޅުންތައް ކަމަށެވެ. 12:00 ގެ ކުރިން ބީއެމްއެލްގެ ޗެކް ޕްރޮސެސް ކުރުމަށާއި، ޕޭ ރޯލް އަދި ލޯކަލް ބޭންކް ޓްރާންސްފާތައް ކުރުމަށް ހުށަހަޅައިފިނަމަ އެދުވަހު ޕްރޮސެސް ކޮށްދޭނެ ކަމަށެވެ.

ބޭންކުގެ ހިދުމަތްތައް ހޯދުމަށް ކަސްޓަމަރުންނަށް ކިއުބީ އެޕް މެދުވެރިކޮށް ޓޯކަންއަށް އެދެވޭނެ އެވެ. އަދި ކިއުބީ އެޕް މެދުވެރިކޮށް ކިއުގައި ތިބި ކަސްޓަމަރުންގެ އަދަދު ބްރާންޗަށް އައުމުގެކުރިން އޮންލައިންކޮށް ބަލާލެވޭނެ އެވެ. ބޭންކު ހުޅުވާފައި ހުންނަ ދުވަސްތަކުގައި ހެނދުނު 8.00 އިން މެންދުރު 12:00 އަށް އެޕް މެދުވެރިކޮށް ޓޯކަން ލިބޭނެ ކަމަށް ބީއެމްއެލް އިން ބުންޏެވެ.