އިޒްރޭލް

އިޒްރޭލަށް "ވޯންޓެޑް"ވި 18 ގެރި!

Nov 19, 2015

އިޒްރޭލުގެ އިސްތިއުމާރާއި ދެކޮޅު ހަދާ ފަލަސްތީނު މީހުން މެރުމާއި، ހިފާ ހައްޔަރު ކުރުމާއި، ފަލަސްތީނުގެ ބިންތައް އިޒްރޭލުން ފޭރޭ ވާހަކަ އަހާނެ އެވެ. އެކަމަކު މެދުއިރުމަތީގެ އެންމެ ނުރައްކާތެރި، އެންމެ ހަތިޔާރު ގިނަ އަސްކަރިއްޔާއިން ގެރިތަކެއް ފަހާ ދުވި ވާހަކަ އަޑު އެހިން ހެއްޔެވެ؟

މިކަމެއް ހިނގީ ފަލަސްތީނުގެ ފުރަތަމަ އިންތިފާލާގެ ދުވަސްވަރު 1988 ގައެވެ. މި ވާހަކަ ފަސްއެޅި ފޮރުވިފައި ވަނިކޮށް ތިލަވެގެން އުޅެނީ ފަލަސްތީނުގެ ފިލްމު އުފައްދާ ފަރާތަކުން ނެރުނު ޑޮކިއުމަންޓްރީ ފިލްމެއްގައި މި ހަގީގީ ހާދިސާ މަޖާ ގޮތަކަށް ދައްކައިދިނުމުންނެވެ. މި ޑޮކިއުމަންޓްރީގެ ނަމަކީ "ދަ ވޯންޓެޑް އެއިޓީން" އެވެ.

ވީގޮތަކީ އިޒްރޭލުން އުފައްދާ ކިރުގެ އުފެއްދުން ތަކަށް ބަރޯސާވާން ބޭނުން ނުވާތީ ފަލަސްތީނުގެ ބަޔަކު އަމިއްލައަށް ގެރި ކިރު ލިބޭނެ ގޮތެއް ހޯދަން ބޭނުންވީއެވެ. އިޒްރޭލުގެ ކިރު ބޮއިކޮޓް ކުރުމަށެވެ. މައްސަލަ ގޯސްވީ މިހިސާބުންނެވެ. ފަލަސްތީނުގެ އަވަށެއް އަމިއްލައަށް ފުދިގެން އިޒްރޭލަށް ބަރޯސާ ނުވެ އުޅުމަކީ އިޒްރޭލަށް ލޮލުފިޔަ ޖެހޭ ކަމަކަށް ނުވީއެވެ. އެހިސާބުން ފަލަސްތީނު މީހުންގެ 18 ގެރި "ހިފާ ހައްޔަރު ކުރުމަށް" އިޒްރޭލު ސިފައިން ހަތިޔާރާ އެކު ނުކުތީއެވެ.

ކުޑައެއް ބޮޑެއް އަންހެނެއް ފިރިހެނެއް ބެލުމެއް ނެތި މީހުން މަރަމުން، އިޒްރޭލު ސިފައިން ގުންފައިޖެހި މާހައުލެއްގައި ހިނގި ކަމެއް މަޖާ ގޮތަކަށް ގެނެސްދޭނީ ކިހިނެއް ހެއްޔެވެ؟ ފިލްމު އުފެއްދި ފަރާތުން ބުނީ މީޑިއާއިން އަބަދުވެސް ފޯކަސް ކުރީ އިންތިފާލާގެ އަނިޔާވެރި ފަރާތަށް ކަމަށާއި އެކަން ވާނީ ވެސް އެހެން ކަމަށެވެ.

އެކަމަކު އިންތިފާލާއަށް އެހެން ދިމާލަކުން ބަލައިފިނަމަ މީޑިއާ އަށް ނާރާ ދިމާތައް ފެންނާނެ ކަމަށެވެ. އެއިން އެއްފަޅި އަކީ އިގްތިސާދީ ގޮތުން އިޒްރޭލަށް ބަރޯސާ ނުވުމަށް ފަލަސްތީނު މީހުން ކުރި އުފެއްދުންތެރި ނުވަތަ ކްރިއޭޓިވް މަސައްކަތްތަކެވެ. އަނެއް ފަޅިއަކީ މަރަށް ހުށަހެޅިފައި ވަނިކޮށް ވެސް ހިނގާ ހިނި އަންނަ ޒާތުގެ ކަންކަމެވެ. އަނިޔާއަށް ބޯލަނބައި މާޔޫސްވާން ބޭނުން ނުވާތީ، އިޒްރޭލުގެ ޖިޕުތަކަށް އަރުވައިގެން ޖަލަށް ގެންދާއިރުވެސް ޕަކަޕަކަ އަޅާފައި ހޭ މީހުންވެސް އުޅުނެވެ. އެވެސް މަދަނީ ބަސްނޭހުމުގެ ތެރޭން ފެންނަ ކަންކަމެވެ. މި ފިލްމުގެ "އަނދިރި ސަކަމަޖާ" އަނބުރާފައި ވަނީ މިކަހަލަ ކަންކަމަށް ބިނާކޮށްގެންނެވެ.

ވާހަކަ ދައްކާ ގެރިތަކެއް އުޅޭ ފަލަސްތީނުގެ މި ޑޮކިއުމަންޓްރީ ވަނީ އޮސްކާއަށް ވެސް ހުށަހެޅިފައެވެ. އަދި މި ފިލްމަށް އިނގިރޭސިންނާއި އަރަބިންނާއި ފްރެންޗުން އަޑު އަޅާފައިވާއިރު ފިލްމު އުފެއްދި ފަރާތުން ޖަޕަނީޒް ވާޝަން އެއް ނެރުމުގެ މަސައްކަތްވެސް ގެންދަނީ ކުރަމުންނެވެ. ފިލްމު ބަލާ މީހާއަށް ހެވުނަސް، ގެރި ތަކާއި މެދު ހަމްދަރިދީ ވެވޭނެ ކަމަށާއި، އަދި އިޒްރޭލުގެ އިސްތިއުމާރުގެ ދަށުގައި އުޅެންޖެހޭ ގޮތް އިހުސާސް ކުރެވޭނެ ކަމަށް ފިލްމު އުފެއްދި ފަރާތުން ބުނެއެވެ.