ފަތުހުﷲ ޖަމީލް ބިލްޑިންގްގެ މާލަންތަކަށް ކުރީގެ ހާރިޖީ ވަޒީރުންގެ ނަންފުޅުތައް ދީފި އެވެ.
އެ އިމާރާތުގެ މާލަންތަކަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ދެއްވާފައި ވަނީ ރާއްޖޭގެ ހާރިޖީ ވަޒީރުކަން ކުރެއްވި ބޭފުޅުންގެ ތެރެއިން ދާއިމަށް ވަކިވެވަޑައިގެންފައިވާ ބޭފުޅުންގެ ނަންފުޅުތަކަށް ނިސްބަތްކޮށެވެ.
އެގޮތުން އެންމެ ފުރަތަމަ މިނިސްޓްރީގެ އިމާރާތަށް ވަންނައިރު އޮންނަ ހޯލަށް ދީފައި ވަނީ ރާއްޖޭގެ ފުރަތަމަ ހާރިޖީ ވަޒީރު ހަސަން ފަރީދުގެ ނަންފުޅެވެ. އެ މާލަށް ކިޔާފައި ވަނީ "އަލްއަމީރު ހަސަން ފަރީދު ދީދީ މާލަން" އެވެ. އެމަނިކުފާނު އަވަހާރަވީ ހާރިޖީ ވަޒީރުގެ ހައިސިއްޔަތުން ދިވެހިންނަށް ބޭނުންވާ އެހީ ހޯއްދެވުމަށް ރާއްޖެއިން ބޭރަށް ކުރެއްވި ދަތުރުފުޅުގައި، މަގާމުގެ މަސްއޫލިއްޔަތު އަދާކު ރެއްވުން މަތީ ހުންނަވަނިކޮށެވެ.
އެހެން ބައެއް ހޯލްތަކަށް ދިން ނައްތައް
- އަލްއަމީރު އިބްރާހިމް ނާސިރު ކޮންފަރެންސް ހޯލް
- އަލްއަމީރު މުހައްމަދު އަމީން މާލަން
- އަލްއަމީރު އިބްރާހިމް ފާމުލަދޭރި ކިލެގެފާނު މާލަން
- އޮނަރަބަލް އަހުމަދު ޒަކީ މާލަން
- ޑރ. އަބްދުއް ސަމަދު އަބްދުﷲ މާލަން
ފޮރިން މިނިސްޓްރީގެ އިމާރާތް ފަތުހުﷲ ޖަމީލް ބިލްޑިންގަށް ބަދަލު ކުރުމަށް ފަހު ރަސްމީކޮށް އިފްތިތާހުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހެވެ.
ދައުލަތުގެ އެންމެ މުހިންމު އެއް މިނިސްޓްރީގެ އިމާރާތް އެމިނިސްޓްރީ ހިންގެވި ބޭފުޅެއްގެ ނަންފުޅަށް ނިސްބަތްކޮށްގެން ހުޅުވޭކަމީ ރާއްޖޭގެ ހާރިޖީ ހިދުމަތުގެ ދާއިރާގައި އެމަނިކުފާނު ކުރައްވާފައިވާ ހިދުމަތްތަކުގެ މަތިވެރިކަން ރަމްޒުކޮށްދޭނެ ކަމެއްކަމުގައި ރައީސް ވަނީ ވިދާޅުވެފަ އެވެ.