މިދިޔަ 2020/21 ފިސްކަލް އަހަރުގައި ރިއަލް މެޑްރިޑަށް 300 މިލިއަން ޔޫރޯގެ ގެއްލުން ވެފައިވާ ކަމަށް އެ ކުލަބުން ބުނެފި އެވެ.
ކޮވިޑް-19 އިގެ ހާލަތާއެކު ރިއަލް މެޑްރިޑުގެ އެސްޓާޑިއޯ ބާނަބެއު ސްޓޭޑިއަމް 2020 ވަނަ އަހަރު މާޗު މަހު ބަންދު ކުރަން ޖެހުމުން އެކްލަބަށް 300 މިލިއަން ޔޫރޯގެ ގެއްލުމެއް ވެފައިވާ ކަމަށް އެ ރިއަލްއިން ބުނީ މިއަދު ނެރުނު އެކްލަބުގެ މާލީ ބަޔާނުގަ އެވެ.
މި އަހަރުގެ ޖޫން 30 ހުގެ ނިޔަލަށް ބެލެންސް ރިކޯޑުގައި 122.1 މިލިއަން ޔޫރޯ ހުރިއިރު، މިއީ އޭގެ ކުރިން އަހަރާއި އަޅާ ބަލާއިރު 3.2 މިލިއަން ޔޫރޯގެ ދަށްވުމެކެވެ. މިދިޔަ އަަހަރު ރިއަލްގެ ބެލެންސް ރިކޯޑުގައި ހުރީ 125.3 މިލިއަން ޔޫރޯ އެވެ.
ނަމަވެސް ޖޫން 30 ގައި ރިއަލްގެ ބާނަބެއު ސްޓޭޑިއަމް ތަރައްގީ ކުރުމަށް ނެގި 279 މިލިއަން ޔޫރޯގެ ލޯނު މި ރިޕޯޓުގައި ހިމަނާފައެއް ނުވެ އެވެ. މިހާރު ރިއަލް މެޑްރިޑްގެ ރައޫސުލް މާލަކީ 534 މިލިއަން ޔޫރޯ އެވެ.
ކްލަބަށް ލިބިފައިވާ މާލީ ގެއްލުން ފޫބެއްދުމަށް އެކްލަބުން އަންނަނީ ހަރަދުތައް ކުޑަ ކުރަމުންނެވެ. އެގޮތުން ބައެއް ކުޅުންތެރިންގެ މުސާރަ ވަނީ ކުޑަ ކޮށްފަ އެވެ. ނަމަވެސް މި މަސައްކަތާއި އެކު ލިބިފައިވާ ގެއްލުން ވަގުތުން ފޫނުބެއްދޭނެ އިރު މިކަމަށް ވަގުތު ނަގާނެ އެވެ. ރިއަލް އިން މަސައްކަތް ކުރަމުންދަނީ ކޮވިޑްގެ ހާލަތުން ލިބިފައިވާ ގެއްލުމުން އަރައިގަތުމަށް މިހާރަށް ވުރެ ބޮޑަށް ހަރަދުތައް ކުޑަ ކުރުމަށެވެ.
ޓެކްސް ދެއްކުމަށްފަހު 2020/21 ވަނަ އަހަރު ރިއަލް މެޑްރިޑަށް ލިބިފައި ވަނީ 874,000 ޔޫރޯ އެވެ. ޓެކްސް ދެއްކުމަށްފަހު 2019/20 ސީޒަނުގައި ރިއަލް މެޑްރިޑަށް ފައިދާގެ ގޮތުގައި ލިބުނީ 313,000 ޔޫރޯ އެވެ.