ކީލިއަން އެމްބާއްޕޭ

އެމްބާޕޭއަށް ވާނުވާ ޕީއެސްޖީއަށް އޮޅިފައި

ޕީއެސްޖީގެ ޒުވާން ތަރި ކީލިއަން އެމްބާޕޭ މި ޓްރާންސްފާ މާކެޓުގައި ކަންތައް ކުރާނެ ގޮތެއް ނޭނގޭތީ ޕީއެސްޖީގެ މަސައްކަތްތައް މަޑުޖެހިލައިފި އެވެ.

އެމްބާޕޭގެ ކޮންޓްރެކްޓް 2022 ގެ ނިޔަލަށް ހަމަވާއިރު، ކޮންޓްރެކްޓް އާ ކުރަން ޕީއެސްޖީން ކުރަމުން އަންނަ މަސައްކަތަށް އޭނާގެ ފަރާތުން އެކަށީގެންވާ އެއްބާރުލުމެއް ނުލިބެ އެވެ. އަނެއް ކޮޅުން މިފަހަރުގެ ޓްރާންސްފާ މާކެޓުގައި ރިއަލް މެޑްރިޑުން އެންމެ ބޮޑަށް ލޯ އަޅަމުން އަންނަ ކުޅުންތެރިއަކީ އެމްބާޕޭ އެވެ. ޕީއެސްޖީން އެމްބާޕޭގެ ކޮންޓްރެކްޓް އާ ކުރަން ބޭނުން ނަމަ ދެން ހަދާ ކޮންޓްރެކްޓްގައި ނޭމާ އާއި އެއްވަރެއްގެ މުސާރައެއް އެމްބާޕޭއަށް ދޭން ޖެހޭނެ ކަމަށް ބެލެވެ އެވެ.

އެމްބާޕޭ ގަބޫލު ކުރާ ގޮތުގައި އޭނާ ބޭނުންވާ ލަނޑުދަނޑިތައް ހާސިލް ކުރަން ޕީއެސްޖީގައި ހުރަސްތަކެއް އެބަހުއްޓެވެ. އެގޮތުން އެންމެ ބޮޑު އެއް ގޮންޖެހުމަކީ ލެޖެންޑަރީ ފޯވާޑް ނޭމާ ހުއްޓައި އެމްބާޕޭއަށް އޭނާ ބޭނުންވާ ވަރުގެ އިސް ދައުރަކާއި ސަމާލު ކަމެއް ކްލަބުގެ ފަރާތުން ނުލިބުމެވެ.

މިކަމާއި ގުޅޭ ގޮތުން އެމްބާޕޭ ވަނީ ޕީއެސްޖީގެ ސްޕޯޓީން ޑިރެކްޓާ ލިއެނާޑޯ އާއި، ރައީސް ނަސީރް އަލް ހަލައިފީގެ އިތުރުން ކޯޗު ޕޮޗެޓީނިއޯ އާއި ވެސް ވާހަކަ ދައްކާފަ އެވެ.

ޕީއެސްޖީގެ އުންމީދަކީ ސަމާ ބްރޭކް ނިންމައި އެމްބާޕޭ އަވަހަށް ކްލަބާއި ގުޅުމެވެ. ނަމަވެސް އޭނާ ނަގާނެ ފިޔަވަޅެއް ޔަގީން ނުވާތީ ޕީއެސްޖީން ވަނީ އިތުރަށް ގެންނަން ވިސްނާފައިވާ ކުޅުންތެރިންނާމެދު ވަކި ގޮތެއް ނުނިންމިފަ އެވެ.

އެމްބާގެ ބަދަލުގައި ޕީއެސްޖީން ގެންނަން ވިސްނި އެއް ކުޅުންތެރިއަކީ ލިއޮނެލް މެސީ އެވެ. ނަމަވެސް އިއްޔެ މެސީ ބާސާ އާއެކު އިތުރު އެއްބަސްވުމެއް އެކުލަވާލުމުން މިހާރު އެ އުންމީދު ވަނީ ފެނަށް ގޮސްފަ އެވެ. އެމްބާޕޭގެ ބަދަލުގައި ޕީއެސްޖީން ދެން ގެންނަން މަސައްކަތް ކުރަނީ ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ. ނަމަވެސް އެމްބާޕޭ ވަކި ގޮތެއް ނުނިންމާތީ އެ ޑީލް އޮތީ މަޑުޖެހިފަ އެވެ.

ޕީއެސްޖީން ވަނީ މި ޓްރާންސްފާ މާކެޓުގައި ގިނަ ކުޅުންތެރިން ތަކެއް ޓީމަށް ހޯދާފަ އެވެ. އެގޮތުން އަޝްރަފް ހަކީމީ ޕީއެސްޖީން ގަނެފައި ވާއިރު، ސާޖިއޯ ރާމޯސް އާއި ޑޮނަރޫމާ އަދި ވިޖްނާލްޑްމަން ފްރީ އެޖެންޓެއްގެ ގޮތުގައި ޓީމަށް ގެންދިޔައެވެ.