މަސްތުވާތަކެތި

ޑްރަގުން ސަލާމަތްވި ޒުވާނެއްގެ ވާހަކަ ކްލަބް ހައުސް ހަރުގޭގައި

މަސްތުވާތަކެތީގެ ވަބާއިން ސަލާމަތްވި ޒުވާނެއްގެ ހަޔާތުގެ ވާހަކަ މިރޭ ހަރުގެ ކްލަބް ހައުސްއިން ގެންނާނެ އެވެ.

ހަރުގެ ކްލަބް ހައުސަކީ ކޮންމެ މީހަކަށް ވެސް އެމީހެއްގެ ވާހަކަތަކާއި ޝުއޫރުތައް ހިއްސާ ކުރުމުގެ ފުރުސަތު ހުޅުވާލާފައިވާ ޕްލެޓްފޯމެކެވެ. ކްލަބް ހައުސްގައި ހަރުގެ ކްލަބަށް ގިނަ ބައެއްގެ ތަރުހީބު އަންނަނީ ލިބެމުން ނެވެ. މަހެއް ކުރިން އުފައްދާފައިވާ ހަރުގެ ހިންގަމުންދަނީ ހަ މީހުންގެ ޓީމަކުން ނެވެ.

ހަރުގެއިން ބުނާ ގޮތުގައި އެމީހުންގެ ހަރުގޭގައި ކޮންމެ މީހަކަށް ވެސް އެމީހެއްގެ ޝުއޫރު ފާޅު ކުރެވޭނެ އެވެ. އަދި ބޭނުންވާ ވާހަތަކަށް ބުނެވޭނެ އެވެ. އެމީހުންގެ މަގުސަތަކީ ބޭނުން ވާހަކައެއް ދެއްކޭނެ އަމާން ޕްލެޓް ފޯމެއް ހެދުން ކަމަށެވެ.

މިރޭ 20:00 ގައި ހަރުގެއިން ގެނެސް ދެނީ މަސްދުވާތަކެތިން ސަލާމަތްވެ ދިރިއުޅުމުގައި އެތައް ކާމިޔާބީ އެއް ހޯދާފައިވާ ޒުވާން އިޔަން ތޯމަސް ވާހަކަ އެކެވެ. އަދި މި ޕްރޮގްރާމްގައި ރާއްޖޭގައި ކުރިން ހެލްތް މިނިސްޓްރީގެ ޑެޕިއުޓީކަން ކުރައްވާފައިވާ ޑރ. މާރިޔާ އަލީވެސް ބައިވެރިވެ ވަޑައިގަންނަވާނެ އެވެ. މި ދެ ބޭފުޅުން ވެސް މި ޕްރޮގްރާމްގައި ބައިވެރި ވަނީ އަޖްނާ ވެލް ބީން ގެ ފަރާތުންނެވެ. އަޖްނާ ވެލްބީން އަކީ ރަނގަޅު ސިއްހަތެއްގައި ތިބުމަށް މީހުނަށް އެންކަރޭޖް ކުރާ ކުންފުންޏެކެވެ.

އިޔަން އޭނާ އެންމެ ކުޑައިރުން ފަށަިއގެން އުޅުނު ހާލަތު ކިޔައިދޭނެ އެވެ. އަދި މަސްތުގެ ދުނިޔެއަށް ވަންގޮތާއި ދިމާވި ހާދިސާތައް ވެސް ހިއްސާކުރާނެ އެވެ. ޑްރަގުގެ ކަޅު އަދިރިކަމުން އުޖާލާކަމަށް ނިކުމެވުނު ގޮތާއި މިހާރު ކުރަމުންދާ މަސައްކަތްތަކުގެ އިތުރުން ހަޔާތުގައި ހޯދާފައިވާ ކާމިޔާބީތަކުގެ ވާހަކަތައް ވެސް އިޔަން ކިޔާދޭނެ އެވެ.

މާރިޔާ މި ޕްރޮގްރާމްގައި ޑްރަގް ބޭނުން ކުރާ މީހުންގެ އާއިލާ އަށް ދިމާވާ ކަންކަމާ ގުޅޭގޮތުން ވާހަކަދައްކާނެ އެވެ. އަދި އިޔަންއާ ސުވާލު ކުރަން ބޭނުންވާނަމަ ޓްރާންސް ލޭޓް ވެސް ކޮށްދޭނެ އެވެ.

ހަރުގެ ކްލަބުން ވަނީ ކްލަބްހައުސްގައި ވަރަށް ގިނަ ޕްރޮގްރާމްތައް މިހާތަނަށް ގެނެސްދީފަ އެވެ. އާންމުންގެ ތަރުހީބުވެސް އަންނަނީ އެ ކްލަބަށް ލިބެމުން ނެވެ.