"މިއީ ނިމުމުގެ ފެށުން" ކަމަށް ވިދާޅުވީ ޕްރޮސެކިއުޓަރު ޖެނެރަލް ހުސައިން ޝަމީމް މާނަ ފުން ޓްވީޓެއް ކުރައްވައިފި އެވެ.
ޝަމީމްގެ މާނަފުން ޓްވީޓެއް މި އައީ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ސުޕްރީމް ކޯޓަށް ހާޒިރުވުމަށް އަންގާ އެ ކޯޓުން އޭނާއަށް ޗިޓް ފޮނުވާފައިވަނިކޮށެވެ. ކޯޓަށް ހާޒިރުވުމަށް އަންގާ އެ ކޯޓުން އަލީ ވަހީދަށް ޗިޓް ފޮނުވާފައިވަނީ އޭނާގެ ޝަރީއަތް ދަށު ކޯޓްގައި އޮންލައިން ކޮށް ކުރިއަށް ގެންދާ މައްސަލައާ ގުޅިގެން ދައުލަތުން އެކަން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުންނެވެ.
މި މައްސަލާގައި ގޮތް ދޫނުކުރައްވާނެ ކަމަށް ޝަމީމް ގެންދެވީ ތަކުރާރުކޮށް ވިދާޅުވަމުންނެވެ. އަދި އަލީ ވަހީދުގެ މައްސަލާގައި ދައުލަތާ ދެކޮޅަށް ނިމޭ ކޮންމެ މައްސަލައެއް މަތީ މަރުހަލާތަކަށް ގެންދަވާ އެ ނިންމުންތައް ގެންދަވަނީ އިސްތިއުނާފު ކުރައްވަމުންނެވެ.
އެހެން ކަމުން "މިއީ ނިމުމުގެ ފެށުން" ކަމަށް ވިދާޅުވެ ޝަމީމް ކުރެއްވި ޓްވީޓުން އިޝާރާތް ދެނީ އަލީ ވަހީދުގެ މައްސަލައަށް ކަމަށް ބެލެވެއެވެ.
އަލީގެ ޝަރީއަތް އޮންލައިންކޮށް ކުރިއަށްގެންދަން ނިންމުމުން އެ މައްސަލަ ޕީޖީ އޮފީހުން ހައިކޯޓުގައި އިސްތިއުނާފްކުރި އެވެ. ނަމަވެސް އެ މައްސަލަ ހުށަހެޅިފައިވާ ގޮތަށް، އިސްތިއުނާފީ ދަޢުވާއެއްގެ ގޮތުގައި ކުރިއަށް ގެންދާނެ ޝަރުއީ އަދި ގާނޫނީ ހަމައެއް ނެތްކަމަށް ކަނޑައަޅައި އެ ކޯޓުން އެ މައްސަލަ ވަނީ މިދިޔަ ބުރާސްފަތި ދުވަހު ބޭރުކޮށްލާފަ އެވެ.
މި މައްސަލަ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން އިސްތިއުނާފު ކުރަން ނިންމާފައި ވަނީ ރާއްޖޭގެ އިހުތިސޯސުން ބޭރުގައި ދައުވާ ލިބޭ އަލީ ވަހީދު ހުރެގެން ޝަރީއަތް ނުހިންގޭނެ ކަމަށް ބުނެ އެވެ. އެއީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި އޮންނަ ކަމެއް ނޫން ކަމަށް ޕީޖީ އޮފީހުން ވަނީ ބުނެފަ އެވެ.
އެ މައްސަލައާ ގުޅިގެން ސުޕްރީމް ކޯޓުން ވަނީ އެ ކޯޓުގެ އަޑުއެހުންތަކަށް އަލީ ވަހީދު ހާޒިރުވާން އަންގާފައެވެ. އަދި އަޑުއެހުމަށް ހާޒިރުވާން ޗިޓްވެސް ފޮނުވާފައިވާ ކަމަށް އެ ކޯޓުން ވަނީ ޔަގީން ކޮށްދީފައެވެ. އަލީއަށް ޗިޓް ފޮނުވާފައިވަނީ އޭނާ މިހާރު ބޭނުން ކުރާ މެއިލް އެޑްރެސްއަށެވެ. އަންގާފައިވަނީ އޮގަސްޓް މަހުގެ ދެވަނަ ދުވަހު އޮތް އަޑުއެހުމަށް ހާޒިރުވުމަށެވެ.
ކޯޓުގެ މި އެންގުމާއެކު އަލީ ވަހީދު ރާއްޖެ އެނބުރިވަޑައިގަންނަވަން ޖެހިވަޑައިގަންނަވާނެ އެވެ. އެކަން ނުކުރައްވައިފިނަމަ ދަށު ކޯޓުގައި ހިންގާ އޭނާގެ މައްސަލަ އޮންލައިންކޮށް ކުރިއަށް ގެންދިއުން ސުޕްރީމް ކޯޓުން ހުއްޓުވާނެ ކަމަށް ބެލެވެއެވެ. އަދި އެ ނޫން ގޮތްގޮތުންވެސް ރާއްޖެ އަންނަން އަލީ ވަހީދަށް މަޖުބޫރުވެ މިހާރު ހުއްޓިފައި ހުރި އޭނާގެ މައްސަލަތައް ހިނގައިގަންނަން މަޖުބޫރުވާނެ އެވެ. އޭގެ ތެރޭގައި ބޭރަށް ވަޑައިގަތުމަށް އަލީ ވަހީދު ޖާމިނު ކުރެއްވި އައްސަދު އަލީ (އަޑުބަރޭ)ގެ މައްސަލަ ހިމެނެއެވެ. އަދި ބޭރުގައި ހުންނަވާނަމަ ދެން އަލީ ވަހީދަށް ޖެހިވަޑައިގަންނަވާނީ މިހާރު ގާނޫނުގެ ތެރެއިން ހޯއްދަވާފައިވާ ލުއި ދޫކޮށްލައްވާ ފިއްލަވައިގެން ބޭރުގައި އުޅުއްވުމަށެވެ.