ވޯލްޑް ޓްރެވަލް އެވޯޑް

ޓޫރިޒަމް "އޮސްކާ" ގެ 10 ކެޓަގަރީއެއްގައި ރާއްޖެ

ޓޫރިޒަމް ދާއިރާގެ "އޮސްކާ އެވޯޑު" ގެ ގޮތުގައި މަޝްހޫރު ވެފައިވާ ވޯލްޑް ޓްރެވަލް އެވޯޑުގެ މި ސަރަހައްދުގެ 10 ކެޓަގަރީއަކަށް ރާއްޖެ ނޮމިނޭޓް ވެއްޖެ އެވެ.

މޯލްޑިވްސް މާކެޓިން އެންޑް ޕީއާރް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން ބުނީ 1993 ވަނަ އަހަރުން ފެށިގެން ދެމުން ގެންދާ ވޯލްޑް ޓްރެވަލް އެވޯޑުގެ 28 ވަނަ އެޑިޝަންގެ މި ސަރަހައްދުގެ ކެޓަގަރީގެ މުހިންމު ވަނަތަކަށް ރާއްޖެ ނޮމިނޭޓް ވެފައިވާ ކަމަށެވެ. މި އެވޯޑުގެ ކެޓަގަރީތަކަށް ވޯޓު ދިނުމުގެ ފުރުސަތު ސެޕްމްބަރު މަހުގެ އެކެއްގެ ނިޔަލަށް ވަނީ ހުޅުވާލާފަ އެވެ.

ރާއްޖެ ނޮމިނޭޓްވި ކެޓަގަރީތައް

  • އިންޑިއާ ކަނޑުގެ އެންމެ މަގުބޫލު މަންޒިލް
  • އިންޑިއާ ކަނޑުގެ އެންމެ ރީތި ބީޗް ޑެސްޓިނޭޝަން
  • އިންޑިއާ ކަނޑުގެ އެންމެ މަގުބޫލު ކްރޫޒް ޑެސްޓިނޭޝަން
  • އިންޑިއާ ކަނޑުގެ އެންމެ މަގުބޫލު ގްރީން ޑެސްޓިނޭޝަން
  • އިންޑިއާ ކަނޑުގެ އެންމެ މަގުބޫލު ހަނީމޫން ޑެސްޓިނޭޝަން
  • އިންޑިއާ ކަނޑުގެ އެންމެ ސްޓޭނަބަލް ޑެސްޓިނޭޝަން
  • އިންޑިއާ ކަނޑުގެ އެންމެ މަގުބޫލު ވެޑިން ޑެސްޓިނޭޝަން
  • އިންޑިއާ ކަނޑުގެ އެންމެ މަގުބޫލު އެޑްވެންޗާ ޓޫރިޒަމް މަންޒިލް
  • އިންޑިއާ ކަނޑުގެ އެންމެ މަގުބޫލު ޓޫރިޒަމް ބޯޑް

އެމްއެމްޕީއާރުސީން ބުނީ މީގެ އިތުރުން "ވޯލްޑް ކްރޫޒް އެވޯޑު" ގެ ކެޓަގަރީއަކަށް ވެސް ރާއްޖެ ނޮމިނޭޓް ވެފައިވާ ކަމަށެވެ. މި އެވޯޑަށް ވޯޓުލުމުގެ ފުރުސަތު އަންނަ މަހުގެ ނިޔަލަށް ލިބޭނެ އެވެ. މި އެވޯޑުގައި ރާއްޖެއާ ވާދަ ކުރަނީ ސީޝެލް އާއި މޮރިޝަސް އަދި ރީޔޫނިއަންގެ އިތުރުން މަޑަގަސްކަރަ އެވެ. މިއީ ދުނިޔޭގެ މަޝްހޫރު ކްރޫޒް މަންޒިލް ތަކެވެ.

ރާއްޖެއަށް މީގެ ކުރިން ވޯލްޑް ޓްރެވަލް އެވޯޑު އެތަށް ފަހަރެއްގެ މަތިން ލިބިފައި އެވެ. މިގޮތުން ވޭތުވެދިޔަ 17 އަހަރު ތެރޭގައި އިންޑިއަން އޯޝަންގެ އެންމެ މަގުބޫލު މަންޒިލުގެ ވަނަ 13 ފަހަރަކު ލިބިފައިވެ އެވެ. އަދި މިދިޔަ އަހަރު ވެސް މި ވަނަތައް ރާއްޖޭން ހޯދި އެވެ.