މި އަހަރުގެ މިހާތަނަށް އިމްޕޯޓް ޑިއުޓީން ލިބުނު އާމްދަނީ މިދިޔަ އަހަރާ މި މުއްދަތާ އަޅާބަލާއިރު 12 ޕަސެންޓް އިތުރުވެފައިވާ ކަމަށް މޯލްޑިވްސް ކަސްޓަމްސް ސާވިސަސް އިން ބުނެފި އެވެ.
ކަސްޓަމަރުން ނެރެފައިވާ ތަފާސް ހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ ނިޔަލަށް އިމްޕޯޓް ޑިއުޓީ އާއި އެހެނިހެން ފީގެ ގޮތުގައި 1.62 ބިލިއަން ރުފިޔާ ލިބިފައިވެ އެވެ. ނަމަވެސް މި އަހަރުގެ މިހާތަނަށް ލިބިފައިވަނީ 1.82 ބިލިއަން ރުފިޔާ އެވެ. މިއީ ގާތްގަނޑަކަށް 12 ޕަސެންޓުގެ އިތުރުވުމެކެވެ.
ކަސްޓަމްސްގެ ހިސާބުތައް ދައްކާ ގޮތުން މި އަހަރުގެ މިހާތަނަށް ދިވެހިރާއްޖެ އިން އެކްސްޕޯޓުކުރެވުނު މުދަލުގެ އަގު މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު ވަނީ 43 ޕަސެންޓް އިތުރުވެފަ އެވެ. މިދިޔަ އަހަރު އޮކްޓޯބަރުގެ ނިޔަލަށް 2.13 ބިލިއަން ރުފިޔާގެ މުދާ އެކްސްޕޯޓުކޮށްފައިވެ އެވެ. ނަމަވެސް މިއަހަރުވަނީ މި އަދަދު 3.05 ބިލިއަން ރުފިޔާއަށް އިތުރުވެފަ އެވެ.
ކަސްޓަމްސްގެ ހިސާބުތައް ދައްކާ ގޮތުން މި އަހަރުގެ އޮކްޓޯބަރު މަހުގެ ނިޔަލަށް ރާއްޖެއަށް އިމްޕޯޓުކުރެވުނު މުދަލުގެ ސީއައިއެފް އަގު ވަނީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު ދެ ޕަސެންޓް އިތުރުވެފަ އެވެ. މި އަހަރުގެ މިހާތަނަށް 26.01 ބިލިއަން ރުފިޔާގެ މުދާ ރާއްޖެއަށް އެތެރެކޮށްފައިވާއިރު މިދިޔަ އަހަރުގެ މިހާތަނަށް އެތެރެކޮށްފައިވަނީ 25.96 ބިލިއަން ރުފިޔާގެ މުދަލެވެ.
"...އިމްޕޯޓު ހިސާބުކުރަނީ މުދަލުގެ އަގުން ކަމަށްވެފައި އަދި ދިވެހިރާއްޖެއަށް އެތެރެކުރެވޭ މުދަލުގެ ބޮޑު ބައެއް ބިނާވެފައި އޮންނަނީ ތެލުގެ ބާވަތްތަކަށް ކުރެވޭ ހޭދަކަމަށްވުމުން، މިދިޔަ އަހަރާ އަޅާބަލާއިރު ދުނިޔޭގެ ބާޒާރުގައި މިއަހަރު ތެލުގެ އަގު އެވްރެޖްކޮށް ވަރަށް ބޮޑަށް ދަށްވެފައިވާ ވުމަކީ، ރާއްޖޭގެ އިމްޕޯޓު އިތުރުވަމުން އައި ނިސްބަތް ދަށްވެފައިވާ މައިގަނޑު ސަބަބު ކަމުގައި ފާހަގަކުރެވެ އެވެ،" ކަސްޓަމަރުން ބުނެފައިވެ އެވެ.
ކަސްޓަމަރުން ބުނި ގޮތުގައި މިދިޔަ އަހަރު، މެޓްރިކް ޓަނެއް ގެ އަގު އެވްރެޖްކޮށް ޖެހިފައިވަނީ 14,900 ރުފިޔާއެވެ. ނަމަވެސް މި އަހަރު މެޓްރިކް ޓަނަކަށް އެވްރެޖްކޮށް ޖެހިފައިވަނީ 7,900 ރުފިޔާ އެވެ. މިއީ ގާތްގަނޑަށް 47 ޕަސެންޓުގެ ދަށްވުމެކެވެ. އަދި ތެލުގެ ބާވަތްތަކަށްކުރެވުނު ހޭދަ ފިޔަވައި، ހުސްވި އޮކްޓޯބަރުގެ ނިޔަލަށް ރާއްޖެއަށް އިމްޕޯޓު ކުރެވުނު މުދަލުގެ އަގު އޭގެ ކުރީ އަހަރާ އަޅާބަލާއިރު ވަނީ 18 ޕަސެންޓް އިތުރުވެފަ އެވެ.